ރައްޔިތުންގެ މަޖިލިސް

އަނިލްގެ މައްސަލަ ކުރިޔަށް ގެންދެވޭނީ ގަވައިދު އިސްލާހުކޮށްގެން: މަސީހު

އެޓާނީ ޖެނަރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ ގަވައިދު އިސްލާހު ކޮށްގެން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ވެސް ސިފައިން އެހީގައި ރިޔާސަތުގައި އިންނަވައިގެން މަސީހު ވިދާޅުވީ ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި ނިންމުމާ ގުޅިގެން ވަޒީރުންގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދެވޭނީ ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށާއި އެ އިސްލާހު ގެންނަން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބޭރުކޮށްލި ކަމެއް މަސީހު ވިދާޅެއް ނުވެ އެވެ.

އޭގެ އިތުރުން އިދިކޮޅު ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހު އަނިލްގެ މައްސަލަ އަލުން ހުށަހަޅާފައިވާ އިރު ޕެޓިޝަންގައި އެއް މެންބަރަކު ދެ ފަހަރަށް ސޮއިކޮށްފައިވާ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

އަނިލްގެ އިތުބާރު ނެތް މައްސަލަ މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހުށަހަޅާފަ އެވެ. އެ ފަހަރު އެ މައްސަލަ ބޭރުކޮށްލީ ގާނޫނުގެ ނުބައި މާއްދާއަކާ ހަވާލާދީ އެ މައްސަލަ ހުށަހަޅާފައިވާތީ އެވެ.

އަދި އަނިލްގެ މައްސަލައާ ގުޅޭ ގޮތުން ގަވައިދު ހަދަން ޖެހޭ ކަމަށް މަސީހު ވިދާޅުވަނީ، އިތުބާރު ނެތް މައްސަލަތަކުގައި ފަހު ބަސް އިއްވާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ކުރި ހުކުމާ ގުޅިގެނެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ކުރީ އަނިލް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ.