ހަބަރު

މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސެކިއުރިޓީ ނުދޭތީ ކަންބޮޑުވެއްޖެ

ރައްޔިތުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން، މެންބަރުންނާމެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޖިލީހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރަމުން ދާތީ ސިފައިން ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ކޮޓަރިކޮޅު ކައިރީ 15 ވަރަކަށް ސިފައިންނާއެކު ސެކިއުރިޓީ ބަލަހައްޓާފަ އެވެ. އަދި މަޖިލީހުގެ ތެރޭގައި ވެސް ސިފައިން ގެންދަނީ ފޯރި މަރަމުންނެވެ.

ނަމަވެސް ސަރުކާރުގެ މެންބަރުން މިއަދު ވަނީ މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅަށް ވަދެ ބިސް ޖަހާފައިވާ ކަމަށް ތުހުމަތުތައް ކޮށްފައިވާއިރު އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ގަމު ދާއިރާގެ މެންބަރު ފައްޔާޒް މުހައްމަދު ގަޔަށް ބިސް ޖެހި ކަމަށް ވެއެވެ. އަދި އިއްޔެ ވެސް ސަރުކާރު މެންބަރުން ވަނީ މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅުގެ ދޮރުގައި ފައިންޖަހާ ތަޅު ހަލާކުކޮށްލާފަ އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ސިފައިން ގެންދަނީ މަސީހަށާއި މެޖޯރިޓީ ލީޑަރުގެ ކޮޓަރިކޮޅާއި ސަރުކާރު ފަޅީގެ މެންބަރުންނަށް ހިމާޔަތްދީ ސެކިއުރިޓީ ބަލަހައްޓަމުން ކަމަށާއި އިދިކޮޅު ފަރާތްތަކަށް އަނިޔާކޮށް ގެއްލުންވާ އިރު އެއްވެސް ސެކިއުރިޓީއެއް ނުދޭ ކަމަށެވެ.

"މިއަދު ވެސް މައިނޯރިޓީ ލީޑަރުގެ ކޮޓަރިއަށް ވަދެ މާރަމާރީ ހިންގާ ބިސް ޖަހަން ފެށީމަ އެތާތިބި ސެކިއުރިޓީ ސިފައިންތައް އެތަން ދޫކޮށް ދިޔަ މަންޒަރު އަޅުގަނޑު ދުށިން، ނަމަވެސް ގާނޫން އަސާސާީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ހަމަހަމަޔަށް ސެކިއުރިޓީ ދޭން ޖެހޭނެ ކަން، ނަމަވެސް މީގަ މި ފެންނަނީ ހަމައެކަނި މަސީހުއާ ޕީޕީއެމްގެ ބައެއް މެންބަރުންނަށް ސެކިއުރިޓީ ދޭތަން،" މަހުލޫފް ވިދަޅުވި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާއެކު މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަނީ ވަރަށް ބޮޑަށް ސިފައިންގެ އެހީގަ އެވެ. އޭގެ އިތުރުން މިދިޔަ މަހު 24 ވަނަ ދުވަހު އިދިކޮޅު މެންބަރުން މަޖިލީހަށް ވަނުމުން ސިފައިން ވަނީ ރަޔަޓު ގިޔަރުގައި މަޖިލީހަށް ވަދެ އެ މެންބަރުން ގަދަކަމުން ނެރެފަ އެވެ.