"ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހަކީ 95 ކިލޯގެ ބަރު އުފުއްލަވާ ބޭފުޅެއް، ދެން މަނިކުފާނު ބޭނުންފުޅު ގޮތަކަށް މި މަޖިލީހުގެ މަސަތްކަތް ކޮންޓްރޯލް ކުރެއްވުމަށް މަނިކުފާނަށް ޕީޖީ ގްރޫޕްގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިރޭ ދީފިން،" ރޭ ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ މިފަދައިން ވިދާޅުވެ ފަލާހަށް ހާއްސަ ހުއްދައެއް ދެއްވާފަ އެވެ.
މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅުމަށް އިދިކޮޅު މެންބަރުން ހިންގަވާ އަމަލުތައް ކޮންޓްރޯލް ކުރުމުގެ ބާރު ފަލާހަށް ނިހާން ދެއްވުމާއެކު ފަލާހަކީ ހަގީގަތުގަިއ ވެސް ބާރު ހުރި ބޭފުޅެއްކަން ދައްކަން މިއަދު ފަލާހު ވަނީ މަސައްކަތް ކުރައްވާފަ އެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އަތުކޮޅަށް މިއަދު މަޖިލީހުގެ ތެރޭގައި ފަލާހު ހުރާލާފައިވެ އެވެ.
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފޭސްބުކްއިން ލައިވްއިން ފެންނަ ގޮތުގައި ފަލާހު ކުރިއަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް މުހަންމާއާ ދިމާވުމުން، "ކަލޭ އެއްކޮޅަށް ދޭ" އެހެން ވިދާޅުވުމަށްފަހު މުހަންމާ ކޮއްޕާލައްވަ އެވެ. އޭގެ ރައްދުގައި މުހަންމާ ވެސް ފަލާހާ ދިމާލަށް ކުއްލިއަކަށް ދުއްވައިގަނެވެ. އެކަން އެ ދެ ބޭފުޅުންގެ މެދުގައި ސަމާސާއަކަށްވެ އެވެ. އަދި އެކަކު އަނެއްކަކު ކޮށްޕައި ހަދަން ފެށި އެވެ.
މުހަންމާގެ އަތުގައި ހިފާ ވަރަށް ބާރަށް ހޫރާލާ މަންޒަރު ވެސް ފެނެ އެވެ. މުހަންމާ ގޮސް ބިންމައްޗަށް ނުވެއްޓި ސަލާމަތްވީ ވެސް ކިރިޔާ އެވެ. އެވަގުތު ރޮޒެއިނާ، ފަލާހާ ދިމާލަށް "މިހަރަ ގޮތްކުޑަ މީހެއް" ކަމަށް ގޮވަ އެވެ. ފަލާހާއި މުހަންމާއާ ދެމެދު ހިނގަމުންދިޔަ ކުރިމަތިލުން ހުއްޓުވީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރެވެ.
މީގެ އިތުރުން ވެސް އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކޮޓަރިއަށް ބިސް ޖެހި މައްސަލަ ހޫނު ވެފައި ވަނިކޮށް ފަލާހާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގަ އެވެ. މިކަން ހިނގީ ބާރީ ބިންމަތީގައި ހުރި ބިސްތައް މަތީ ބޫޓު ހާކަނިކޮށް ފަލާހުގެ ފަޓުލޫނަށް ބިސް ބުރައިގެން ކަމަށް ބެލެވެ އެވެ.
ފަލާހު ވަނީ އެކަމާ ރުޅި އައިސްގެން އޭނާގެ ފަޓުލޫނު ސާފުކުރުމަށް ބާރީގެ ގައިގާ ފައި ހާކާފަ އެވެ. އެކަން ފަލާހު ކުރެއްވީ ބާރީގެ އަތުގައި ހިފަހައްޓައިގެން ހުރެގެންނެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ރޮޒެއިނާ އަޑު ގަދަ ކުރަން ފެށުމުން، "ބިސް ބުރިއްޔޭ ބިސް ބުރިއްޔޭ" ފަލާހު ރޮޒައިނާއާ ދިމާލަށް ވިދާޅުވެ އެވެ. އޭރު ބާރީ ވިދާޅުވަމުން ގެންދެވީ އޭނާ މަސައްކަތްކުރީ އެތަން ސާފު ކުރަން ކަމަށެވެ.
ބާރީއާމެދު ފަލާހު ކަންތައް ކުރި ގޮތުން އެކަމާ ހިތްހަމަ ނުޖެހިގެން މެންބަރު އަލީ އާޒިމް ފަލާހަށް އެއްޗެހި ގޮވަން ފެށުމުން ފަލާހު ވިދާޅުވަނީ "ތީ އަނގަ ފޮޅާ މީހެއް" ކަމަށެވެ. އެކަމާ ގުޅިގެން އީވާ އަބްދުﷲ އެއީ ކިހިނެއްކުރާ ކަމެއްތޯ ސުވާލުކުރެ އެވެ. އީވާ ވިދާޅުވީ، "މި މީހުން ދައްކާ ވާހަކަ ގެޓެއް ނުވާ" ކަމަށެވެ.
ފަލާހުގެ ފަރާތުން "ބާރު ދެއްކުމުގެ" ގިނަ އަމަލުތަކެއް މިއަދު ފެނިގެން ދިޔައިރު އަންގާރަ ދުވަހުގެ ރޭ އެމްޑީއޭ ޖަގަހައިގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ އިދިކޮޅު މެންބަރުންނަށް ބޭނުންހާ ގޮތަކަށް މަޖިލިސް ތެރޭގައި ނޫޅެވޭނެ ކަމަށް ވިދާޅުވެފަ އެވެ.