މީހުން

ޝޭޑީ ކެބިންގެ އެއް ޕައިލެޓް: އާއިލީ ވިޔަފާރީގެ މުގުލުގައި

ޝޭޑީ ކެބިންއޭ ބުނުމުން ފުރަަތަމަ ވެސް ހިތަށް އަންނާނީ ކުއްޔަށް ދޫކުރާ އެއްޗިސެވެ. އެތަނުން ދޫކުރާ ސާމާނުގެ ކޮލިޓީއެވެ. ބްރޭންޑެވެ. ނަމަވެސް މި އާއިލާއަކީ ވަރަށް މަތީގައި އުޅޭ ގިނަ މެންބަރުން ތިބި އާއިލާ އެވެ. މުޅި އާއިލާގައި 16 ޕައިލެޓު ދަނީ ހިދުމަތް ކުރަމުންނެވެ. މި ޕައިލޮޓުގެ ތެރެއިން އެއް ބޭފުޅަކީ 37އ. ގެ އަހުމަދު ޝާމިނެވެ. އާއްމުންނަމުން ނަމަ ޝާންޓޭގެ ވާހަކަ ދައްކާނަމަ، މިއީ މިހާރު ޝޭޑީކެބިން އާއިލީ ވިޔަފާރީގެ ހުންގާނެވެ. މި ވިޔަފާރީގެ މުގުލުގައި މިހާރު ހުރީ ވެސް ޝާންޓޭ އެވެ.

"ޕައިލެޓް ހަދަން ދިއުމުގެ ކުރިން ވެސް ބައްޕަ ކައިރީގައި އުޅުނީ. އެހެންވެ ބައްޕަގެ ވިޔަފާރީގެ ނޯހައު އޮތީ އެނގިފައި. އެހެންވެ ޓްރެއިނިން ނިންމާފައި އައިސް މިކަން ފެށީ،" ރާއްޖޭގެ އެންމެ މަގުބޫލު އެއް ބްރޭންޑް ކަމަށްވާ ޝޭޑީކެބިން ވިޔަފާރި ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ ޝާންޓޭ ބުންޏެވެ.

ޝާންޓޭ ޝޭޑީކެބިން ރެންޓަލްސް ހިންގުމުގެ މުގުލުގައި ހުރިނަމަވެސް އޭނާއަކީ އެ އާއިލާގެ ގިނަ މެންބަރުން ފަދައިން ކުޅަދާނަ ޕައިލެޓެކެވެ. ޝާންޓޭގެ އެއް ކޮއްކޮ ދަނީ އިއްތިހާދު އެއާލައިންގައި ޕައިލެޓުކަން ކުރަމުންނެވެ. އޭނާއަކީ 380 ގެ ބިޔަ ފްލައިޓް ދުއްވާ ހަމައެކަނި ދިވެސެވެ. ކޮއްކޮގެ ފަހަރުން ޝާންޓޭ ނުކުމެ، މިހާރު އޭނާއަކީ ވެސް މި ދާއިރާގައި ނަން ހިނގާ މީހެކެވެ. އޭނާއަކީ ފްލައިމީގެ ކެޕްޓަނެއްގެ އިތުރުން، ވިލާ އެއާގެ ހެޑް އޮފް ޓްރެއިނާ އެވެ. މީގެ އިތުރުން ސިވިލް އޭވިއޭޝަން އެޕްރޫވް އެކްޒެމިނަރެއްގެ އިތުރުން ސިމިއުލޭޓާގެ އިންސްޓްރަކްޓަރެކެވެ.

"ޕައިލެޓަކަށް ވާން ޝައުގުވެރިވީ އާއިލާގެ އެހެން މީހުން ވެސް މި ދާއިރާގައި މަސައްކަތް ކުރާތީ. އެހެންވެ މި ދާއިރާ ހިޔާރު ކުރެވުނީ،" އެމެރިކާގެ ޓެކްސަސްގައި ޕައިލޮޓްކަން ފުރިހަމަކޮށްފައިވާ ޝާންޓޭ ބުންޏެވެ.

އޭނާގެ ފްލައިން ކެރިޔާ ފެށީ އައިލެންޑް އޭވިއޭޝަންއިންނެވެ. އެއާލައިނުން ރާއްޖޭގައި އުދުހުންތައް ފެށި ދުވަހުން ފެށިގެން އުޅެނީ މި ކުންފުނީގަ އެވެ. މިދާއިރާގައި އެންމެ ހާއްސަ ހަނދާންތައް ވެސް އޮތީ ފްލައިމީގަ އެވެ.

"ފްލައިމީއަކީ އަސްލު އަޅުގަނޑުގެ ކެރިޔަ ބިލްޑްވުމުގައި މުހިންމު ދައުރެއް ކުޅުނު އެއާލައިނެއް. ހާއްސަކޮށް ވިލާގެ އެންމެ އިސްވެރިން. ގާސިމް އިބްރާހިމް ފަދަ ބޭފުޅުން،" ޝޭޑީކެބިން، އާއިލާގެ ތިންވަނައަށް ދޮށްޓަށް ހުރި ޝާންޓޭ ބުންޏެވެ.

ފްލައިއިން ކެރިއާގެ އިތުރުން، ޝާންޓޭގެ މިހާރު ފޯކަސް ހުރީ ޝޭޑީކެބިންގެ ވިޔަފާރި ފުޅާ ކުރުމަށެވެ. ހާއްސަކޮށް ޝޭޑީކެބިން އިން ދެމުންގެންދާ ތަކެތި ކުއްޔަށް ދޫކުރުމުގެ ހިދުމަތުގެ ފެންވަރު މަތި ކުރުމެވެ. މި އަޒުމުގައި ނުކުމެ، އޭނާ މިވަނީ ގިނަ ކާމިޔާބީތަކެއް ވެސް ކުރު މުއްދަތުގެ ތެރޭގައި ހޯދާފަ އެވެ. މިގޮތުން ރާއްޖޭގައި މިހާރު ބާއްވާ ބޮޑެތި ހުރިހާ ފެއާތަކެއްގެ އިވެންޓް ސެޓަޕު ދަނީ ޝޭޑީކެބިން އިން ހަދައި ދެމުންނެވެ. މި މަސައްކަތުގައި ޝާންޓޭ އެންމެ އިސްކަމެއް ދެނީ ހިދުމަތް ހޯދާ މީހުން އުފާވާނެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމެވެ.

"މި ވިޔަފާރީގައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ހިދުމަތް ރަނގަޅު ކުރުމަށް. އެކަންވާކަމުގެ އިހުސާސް ވެސް ކުރެވޭ. މިހާރު ވަރަށް ބޮޑެތި އިވެންޓްތައް މި ނަގަނީ،" ޝާންޓޭ ބުންޏެވެ.

"މިހާރު ޝޭޑީކެބިންގައި ހުރި ވަރަކަށް އިވެންޓްތަކާއި ކޭޓަރިން ޕާޓީތަކަށް ބޭނުންވާ ސާމާނެއް ނުހުންނާނެ. އެކަން ޔަގީންކަން ދެން."

މި ވިޔަފާރީގެ އިތުރުން ޝޭޑީކެބިންގެ އާއިލީ ވިޔަފާރިއެއްގެ ގޮތުގައި މިހާރު މިވަނީ ރެސްޓޯރެންޓެއް ވެސް ހިންގަން ފަށާފަ އެވެ. ޝާންޓޭ އިސްވެހުރެ ހުޅުވާފައިވާ "ލެސޫކް" ރެސްޓޯރެންޓް/ ކެފޭއަކީ މިހާރު ގިނަ ބައެއްގެ މަގުބޫލުތަކަށް ވަނީ ވެފަ އެވެ.

"ކޭޓްރިން އަށް ވަންނަން އަބަދު ވެސް ބަލަން. އެހެންވެ ވަރަށް މަސައްކަތުން މިތަން ހުޅުވުނީ. އިރާދުކުރެއްވިއްޔާ މިހާރު ވަރަށް ރަނގަޅު،" ޝާންޓޭ ބުންޏެވެ.

ޝާންޓޭ އަށް އާއިލީ ވިޔަފާރީގައި، ޝޭޑީކެބިން އާއިލާ އިން ބޮޑު އެއްބާރުލުމެއް ލިބެ އެވެ. އަދި ފްލައިމީގެ ހުރިހާ ވެރިންގެ އެއްބާރުލުން މަސައްކަތުގައި ލިބޭ ކަމަށް އޭނާ ބުންޏެވެ.

"އާއިލާ ހުރިހާ މެންބަރުންގެ ސަޕޯޓު ވެސް ވަރަށް ބޮޑަށް ލިބޭ. އޮފީހަށް ބަލާނަމަ އެކައުންޓަބަލް މެނޭޖަރު ކެޕްޓަން މުޖާ އާއި ސިވިލް އޭވިއޭޝަންގެ ޑައިރެކްޓަރު ކެޕްޓަން އިބްރާހިމް ރަޝީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު."