ބޮލީވުޑް

މޭރީ ކޮމް އަށް ސްޓޮކްހޮމްގެ އެންމެ މޮޅު ފިލްމުގެ އެވޯޑް

Apr 20, 2015

މަޝްހޫރު ބޮކްސިން ތެޅުން ތެރިޔާ މޭރީ ކޮމްގެ ހަޔާތުގެ މައްޗަށް އުފައްދާ މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު އޮމަންގް ކުމާރުގެ "މޭރީ ކޮމް" ސްޓޮކްހޮމް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ޖޫނިއާގެ އެންމެ މޮޅު ފިލްމަކަށް ހޮވިއްޖެ އެވެ.

މި ފިލްމް ފެސްޓިވަލްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ބްރޯންޒް ހޯސް އެވޯޑްވަނީ މިފިލްމަށް ލިބިފަ އެވެ.

ޖޫރީންގެ ގޮތުގައި ޖޫނިއާ ސެކްޝަންގައި ހަރަކާތްތެރިވެފައިވަނީ އުމުރުން ނުވަ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ.

ބަތަލާއިންނަށް ހާއްސަކޮށް އުފައްދާފައިވާ މޭރީ ކޮމްގެ ބައޮޕިކްގައި ލީޑްރޯލުން ފެނިގޮސްފައިފައިވަނީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެވެ. ފިލްމުގެ ޑައިރެކްޓަރު އޮމަންގް ކުމާރުވަނީ މިފެސްޓިވަލްގައި ބައިވެރިވެފަ އެވެ.

މީގެއިތުރުން މިފިލްމްގެ ސްކްރީނިންއަށް ފަހު ބޭއްވި ސެޝަންއެއްގައި އެކި އުމުރުފުރާތަކުގެ ކުދިންވަނީ މިފިލްމާއި ބެހޭގޮތުން މިފލްމުގެ ޑައިރެކްޓަރާ ސުވާލުކޮށް ހަދާފަ އެވެ.

ފިލްމެ ފެސްޓިވަލްއަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ކުމާރު ބުނީ މި އެވޯޑްއަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، މި އެވޯޑްގެ ސަބަބުން ސްވިޑެން އާއި އިންޑިއާގެ ގުޅުން އިތުރަށް ރަނގަޅު ވުމަށް ލިބިގެންދިޔަ ފުރުސަތެއްކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެމެންގެ ފިލްމުތައް މިކޮޅުގައި ޑިސްޓްރިބިއުޓް ކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިއްޖެ" ކުމާރު ބުންޏެވެ.

އަންނަ މަހުގައި ސްވިޑެންގައި ބާއްވާ އިންޑިއަން ފިލްމް ފެސްޓިވަލްގައި ވެސް އިންޑިއަން އެމްބަސީގެ ފަރާތުން "މޭރީ ކޮމް" ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.