ލައިފްސްޓައިލް

ނަދާގެ މޭކަޕުން ތަފާތު ދައްކައިދީފި

މޭކަޕް ކުރުމަކީވެސް ތަފާތު ހުނަރެކެވެ. ރާއްޖޭގައި މި ދާއިރާގައި ތަފާތު ހުނަރުވެރިން މަދުން ނަމަވެސް ފެންނަމުން ދެއެވެ. ހާއްސަކޮށް ގިނަ ޒުވާނުން އަންނަނީ މިދާއިރާގައި ފިޔަޖަހަމުންނެވެ. ދެ ޖިންސްގެ ޒުވާނުންވެސް މިދާއިރާއިން ފެނުނު ނަމަވެސް މިދުވަސްވަރަކީ އަންހެން ކުދިން ގިނަ އަދަދަކަށް މި ދާއިރާގައި ވިދަމުންދާ ދުވަސްވަރެކެވެ. މޭކަޕް ކުރުމުގެ ދާއިރާގައި ގިނަ ޒުވާނުންތަކެއް ކެރިއަރު ބިނާކުރަމުންދާކަމީ މި ދާއިރާއަށް އޮތް ތަރުހީބު ހާމަ ކޮށްދޭ ކަމެކެވެ. އެ ޒުވާނުންގެ ތެރޭގައި މި ދާއިރާގައި ތަފާތު މޭކަޕްކޮށް މީހުންގެ ޝައުގުވެރިކަން ހޯދަމުން އަންނަ ނަދާ އާދަމޭ ބުނުމުން ގިނަ ބަޔަކަށް އެއީ ކާކުކަން ނޭންގިދާނެ އެވެ. ނަމަވެސް އޭނާގެ ހިތްގައިމު މޭކަޕުން ދަނީ ގިނަ ބައެއްގެ ތަރުހީބު ހޯދައި ތަފާތު ދައްކަމުންނެވެ.

އެންމެ ކުޑައިރުވެސް މެކަޕް ކުރަން ޝައުގުވެރިކަން ހުންނަ ނަދާ އެކަމަށް ހާއްސަ ސަމާލުކަމެއް ދެވެންް ފެށީ ޕްރޮފެޝަނަލް މީހުންގެ މޮޅު މޭކަޕްތައް ފެނި އެކަމުން އިންސްޕަޔާ ވެގެންނެވެ. އޭ ލެވެލް ނިންމާފައި ލަންކާއަށް ދެވުމުން ލިބުނު ފުރުސަތުގެ ބޭނުން ހިފީ އެވެ. ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުން ލަންކާއަށް ގޮސް އޭނާ ވަނީ ތިން މަސްދުވަހުގެ މޭ ކަޕް ކޯހެއް ހަދާފަ އެވެ. މޭ ކަޕްގެ ދުނިޔޭގައި ފައި ހަރުކޮށްލަން އެޅި ފިޔަވަޅުވީ ވަރަށް ކާމިޔާބު ފިޔަވަޅަކަށެވެ. އެދުވަހަށްފަހު ނަދާ އަށް ވަނީ މޭކަޕް ކުރަން ފުރުސަތުތައް ހުޅުވިފަ އެވެ.

"އެންމެ ފުރަތަމަ ވެޑިން މޭކަޕެއް ކުރީ ތިނަދޫގައި ކިޔަވަން ހުރި އިރު، އޭރު އެކޮޅުގައި ނާސިން ކޯސް ހަދަން ހުރިއިރު ލިބުނު ޗާންސެއް، ދެން އެންމެ މުހިންމު ހެން ހީވާ އެއްޗެހި މާލެއިން ގަނެގެން ގެނައީ، އޭރު ބްރަޝްއެއްވެސް ނުހުންނާނެ އެހެންވެ އައިޝެޑޯ ފުރަތަމަ ޖެއްސީ ވެސް ކޮޓަންްބަޑްސް ބޭނުން ކޮށްގެން،" އުމުރުން 22 އަހަރުގެ ނަދާ އޭނާގެ ފުރަތަމަ މޭކަޕް ތަޖުރިބާ ކިޔާ ދިނެވެ.

ނަދާގެ ޝައުގުވެރިކަން މޭކަޕް ކުރުމަށް އަބަދުވެސް ހުންނައިރު، ހުރިހާ މެކަޕެއްވެސް ކުރާހިތްވާ ކަމަށް ނަދާ ބުންޏެވެ. އެންމެން ވެސް ކުރަމުން އަންނަނީ އެއް ކަހަލަ މޭކަމެއް ކަމަށެވެ. އެކަމުގައި ނަދާގެ ހިޔާލު ތަފާތެވެ. ނަދާ އެންމެ ބޮޑަށް ޝައުގުވެރިކަން ހުންނަނީ ހޮރޯ މޭކަޕާއި ޒޮމްބީ މޭކަޕާއި ތަންތަން ހަލާކުވެފައި ހުންނަ ކަހަލަ މޭކަޕް ކުރާށެވެ. ނަމަވެސް އެކަހަލަ މޭކަޕެއް ކުރަން އަދި ފުރުސަތެއް ނުލިބޭ ކަމަށް ނަދާ ބުންޏެވެ. އަދި އެކަހަލަ ފުރުސަތެއް ލިބުމުގެ އުންމީދުގައި ނަދާ ހުރީ ކެއްމަދުވެފަ އެވެ

"ހުރިހާ ވައްތަރެއްގެ މޭކަޕްވެސް ކުރަން، ހޮރޯ މެކަޕްވެސް ކުރަން ދެން ތަންތަން ހަލާކުވެފަ ހުންނަ މޭކަޕް ވެސް ކުރަން، އެހަކަލަ މޭކަޕް ވަރަށް ގިނައިން ކުރަން، އަނެއްހެން ބޮޑު އެއްޗެއްގަ އެކަހަލަ މެކަޕެއް ކުރާކަށް އަދި ނުލިބެ، ބޮޑަށް ވެޑިން ތަކުގައި، ދެން ބްރައިޑްސް މެއިޑް މޭކަޕް ކޮށްއުޅެނީ، އަސްލު ހުރިހާ އެންމެންވެސް ކުރަނީ ބްރައިޑަލް މޭކަޕް، ބޭނުންވަނީ ތަފާތު މިސާލަކަށް ޖޯޑަން ކުރާ ކަހަލަ ފުލް ބޮޑީ ޕެއިންޓް މޭކަޕް ކުރަން،"

މޭކަޕް ކުރުމުގެ ދާއިރާގައި އަލަށް ފައި ހަރުކުރަމުން އަންނަ ނަދާ އަކީ މި ދާއިރާގައި މާ ގިނަ ތަޖްރިބާތަކެއް ލިބިފައިވާ ޒުވާނެއް ނޫނެވެ. ކޯހުގެ އިތުރަށް މޭކަޕްގެ ދާއިރާއިން ތަޖުރިބާ ހޯދުމަށް އެހީތެރިއަކަށް ވެދެނީ ޔޫޓިއުބް ވީޑިއޯ ތަކެވެ. ޔޫޓިއުބް ބަލައިގެން އަބަދުވެސް އާ އެއްޗެހި ޓްރައި ކުރާ ކަމަށް ނަދާ ބުންޏެވެ. ނަދާގެ އައިޑޮލް އަކީ ޖޯޑަން އެވެ. ޖޯޑަންގެ ހުރިހާ ވީޑިއޯ އެއްވެސް ނަދާ ގަވާއިދުން ބަލާ ކަމަށެވެ. ޖޯޑަން އަކީ ތަފާތު އެކި ކަހަލަ މޭކަޕް ކުރާ އަންހެނެކެވެ. ނަދާގެ އަމާޒަކީވެސް ޖޯޑަން ކަހަލަ ތަފާތު މޭކަޕް އާޓިސްޓަކަށް ވުމެވެ.

"އަސްލު ހޮރޯ އެއްޗެހި ދަސްކުރީ އަމިއްލަ އަށް ޔޫޓިއުބް ބަލައިގެން، އެއްވެސް އިތުރު މީހެއްގެ ހެލްޕާ ނުލާ، މިސާލަކަށް އެ އެއްޗެއް ލިބެން ނެތިއްޔާ އެއާ އެންމެ ގާތްކުރާ އެއްޗެއް ބޭނުން ކޮށްގެން، ބްރައިޑްމޭޑް މޭކަޕަށްވުރެ ބޮޑަށް ބިރުވެރި މޭކަޕް މާ ބޮޑަށް ކުރާ ހިތްވޭ. އަސްލު ރާއްޖޭގައި އެހާ ބޮޑަކަށް އެކަހަލަ މޭކަޕެއް ނީންދެ ދޯ،" ނަދާ ބުންޏެވެ.

ނަދާގެ ނަޒަރުގައި މި ދާއިރާއަކީ ވަރަށް ގިނަ ޗާންސެސްތައް ހުރި ދާއިރާއެއް ކަމަށެވެ. އަދި ބޭނުން ވަނީ ކުރައަށްދާން ހިތްވަރެއް ހުރުން ކަމަށެވެ. އަދި މި ދާއިރާ އަކީ ފުދޭވަރެއްގެ ރަނގަޅު އާންމުދަނީ އެއް ލިބޭ ދާއިރާއެއް ކަމުން މި ދާއިރާއިން ކުރިއަށްދާން ހުރި ކޮންމެ ޒުވާނަކަށް މިއީ ފައިދާހުރި ދާއިރާއަކަށް ވާނެ ކަމަށް ނަދާ ބުންޏެވެ.

"ސަޅި އިން ކަމެއް އަސްލު ލިބޭނެ މަންތްލީކޮށް މީތި ރަނގަޅަށް ވޯކް ކުރަންޔާ، 8000 ރުފިޔާއަށް ވުރެ ބޮޑު އެއްޗެއްޖެހޭނެ، ނަދާ އަށް ވަގުތު ނުދެވޭތީ ސީދާ ފުލް އެއްޗެއް ނުއެއް ލިބޭ، އަސްލު މިހާރު ލިބެނީ މަންްތްލީ 5000 ރުފިޔާ ވަރު، ޓަފް ވެއްޖިއްޔާ ޗާޖް ކުރާ ވަރު ތަފާތު ވާނެ، މިސާލަކަށް ބްރައިޑް މޭކަޕާއި އާދައިގެ މޭކަޕާ ތަފާތުވާނެ ދޯ، ބްރައިޑަލް މޭކަޕަކަށް 650 ވަރު ނަގަން، އަދި ހޮރޯ މޭކަޕް އަގަކަށް ނުކުރަން އަދި ގޭގަ އެހެން އުޅޭއިރު ކުރަނީ، އެކަމަކު އެކަހަލަ މޭކަޕެއް ކުރާކަށް ޗާންސެއް ނުލިބެ އަދިއެއް،" ނަދާ ބުންޏެވެ.

ނަދާ މޭކަޕްގެ އިތުރުން މެކަޕްކުރާ ފަރާތްތަކަށް އިތުރު ކަންކަންވެސް ކޮށްދެއެވެ. މޭކަޕާ އެއްކޮން ބުރުގާވެސް އަޅުވާދީ ޒީނަތްތެރި ކޮށްދެއެވެ. ނަމަވެސް ނަދާގެ މޭކަޕް އިސްތިހާރު ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރި ނަމަވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މަދުން ނަމަވެސް ފޮޓޯ އަޅާ އެވެ. އަދި އެ ފޮޓޯތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި އެކަމުގެ ސަބަބުން ކަސްޓަަރުން އިތުރުވާ ކަމަށް ނަދާ ބުންޏެވެ. އެގޮތުން މާލެ ކައިރި ރަށްތަކުންނާއި ރާއްޖެތެރޭ ރަށްތަކަށް ވެސް މޭކަޕް ކުރަން ޗާންސްލިބިފައިވާ ކަމަށެވެ. އަދި ބޮޑު ޗުއްޓީގައިވެސް ވަރަށް ގިނަ ރަށްތަކަށްދާން ފުރުސަތު ލިބިފައިވާ ކަމަށާއި އެ ރަށްތަކަށް ދާނެ ކަމަށް ނަދާ ބުންޏެވެ.

"އިންސްޓަ ގްރާމަށް ހޮރޯ މޭކަޕް ޕޮޓޯ އަމްލޯޑް ކުރީމަ ވަރަށް ސަޅިއޭ ވަރަށް އަސްލުހެން ހީވޭ ކިޔާފަ ކޮމެންޓް ލިބިފަ ހުރި، ޕޮޒިޓިވް ކޮމެންޓް ލިބިފަ ހުރޭ، ފޮޓޯ ލީމަ ވަރަށް ކަސްޓަމަރުން ލިބޭ، ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ މީހުން މޭކަޕް ކޮށްދޭން ރިކުއެއްސްޓް ކުރޭ، ވަރަށް ގިނަ ރަށްރަށަށް ދާންވެސް އޮފާ އާދެ، މޭކަޕް ކޮށްދޭން ދަން ހަމަ ވަރަށް ގިނައިން ފްރައިޑޭ ސަޓަޑޭ އާންމުކޮށް މާލެއިން ބޭރަށް ދާ ގޮތަށް އިންނާނީ، ހާއްސަކޮށް ހުުޅުމާލެއަށް ދެން މާލެ ކައިރި ރަށްތަކަށް، އެކަމަކު ބޮޑު ބަންދުގައި ހުންނާނެ ވަރަށް ދުރަށްވެސް ގޮސް، ވަރަށް ފަހުން ދިޔައިން ށ، މިލަންދޫއަށް ބ. އޭދަފުއްޓަށްވެސް، އއ. މަތިވެރިއަށްވެސް،"

ނަދާ އަކީ ހަމަ އެކަނި މޭކަޕް އާޓިސްޓެއް ނޫނެވެ. ނަރުހަކަށް ވުމީ ނަދާގެ އެންމެ ބޮޑު އަމާޒެވެ. 2015 ވަނަ އަހަރުން ފެށިގެން ނަދާ އަންނަނީ ނަރުސްކަން ކިޔަވަމުންނެވެ. ދެ ދާއިރާ އަކަށް ފޯކަސް ކުރަން ޖެހުމުން ނަދާ އަށް ވަނީ ހުރަސް ތަކަކާ ކުރިމަތި ވެފަ އެވެ. އެގޮތުން މެކަޕްގެ ދާއިރާގައި ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އެކަމަށް އޭނާ އަށް އެކަށީގެންވާ ވަގުތު ނުދެވުމެވެ. ކިޔެވުމަށް ދޭން ޖެހޭ އަހަންމިއްޔަތު ބޮޑުކަމުން މޭކަޕް ކުރުމަށް ވަގުތު ނުދެވެނީ ކަމަށް ނަދާ ބުންޏެވެ. ދެން ދިމާވެފައިވާ ހުރަހަކީ ބޭނުންވާ ސާމާނު ނުލިބުން ކަމަށް ނަދާ ބުންޏެވެ. މާލެއިން މެކަޕްގެ ސާމާނު ނުލިބުމުން އެތަކެތި ގެނެސް އުޅެނީ ސްރީލަންކާއިން ކަމަށާއި ބޭނުންވާ ސާމާނު ނެތުމުން މެކަޕް ކުރަން ދަތިވާ ކަމަށް ނަދާ ބުންޏެވެ.

"އަސްލު ގިނަ ފަހަރަށް ޓައިމް ނުވެފަ އިންނަނީ މިހާރު ކިޔަވަންދާތީވެ، ވަރަށް ފަހުންވެސް ލިބުނު މައިކް އާ އެއްކޮން ވޯކް ކޮށްލަން އެކަމަކު ކިޔެވުމާ ހެދި ނުދެވުނީ، އާންމުކޮށް މޭކަޕްތައް އޮންނަނީ ހަވީރުތާދޯ، އާންމުކޮށް ކުލާސްތައް ނިމޭނީ 2 ގަ، އާންމުކޮށް ކުލާހަށް ދަނީވެސް އެއްޗެހިތައް ހިފައިގެން ނިންމާގޮތަށް ދެން ހަމަ މޭކަޕެއް ލިބޭ އިރަށް އެތަނުން ދާނީ، އަނެއްހެން ވަގުތެއް ފްރީކޮށް ނުއެއް ލިބޭ، އެތަނުން ދަނީ އެ ގެއަކަށް ގޮސް މެކަޕް ކޮށްދީފަ އަންނަނީ، އާންމުކޮށް 1 އަވާ ހޭދަވޭ މޭކަޕް ކުރަން، ބުރުގާޔާ އެއްކޮންވެސް، ނޯމަލް މެކަޕަށް 30 މިނަޓްސް ވަރު އާންމުކޮށް ވަނީ،" ނަދާ ބުންޏެވެ.

ނަދާ އަކީ މި ދާއިރާއަށް އަދި ވަރަށް ޅަ ޒުވާނެކެވެ. އެހެން ކަމުން ދާއިރާގައި ފިޔަޖެހުމަށް އޭނާ ހުރީ ތައްޔާރަށެވެ. ދާއިރާއިން ކުރިއަށްދާން އާއިލާއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް ނަދާ ބުންޏެވެ. ވިސްނުން ހިރީ މިއަހަރު ފަހުކޮޅު މޭކަޕްގެ އިތުރު ކޯހެއްހަދަން ލަންކާ އަށް ދިއުން ކަމަށް ނަދާ ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި އުންމީދަކީ ނަރުހެއްގެ ގޮތުގައި ފެނުނު ކަމުގައިވީ ނަމަވެސް އަމިއްލަ ސެލޫނެއް ހުޅުވައި މޭކަޕްގެ ދާއިރާ ފުޅާ ކުރުން ކަމަށް ނަދާ ބުންޏެވެ. މި ދާައިރާއިން ފަނޑުނުވާނެ ކަމަށް އޭނާ ބުންޏެވެ.