ހަބަރު

ފަރުވާއަށް ބޭރަށް ދެވުނީ އިންްޑިއާއިން އެހީވުމުން: ނަޝީދު

ޖަލު ހުކުމެއް އޮއްވައި ބޭސް ފަރުވާއަކަށް ގައުމުން ބޭރަށް ވަޑައިގެންނެވުނީ އިންޑިއާގެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންްޑިއާގެ ތިންކްޓޭންކަކުން ދިން ދައުވަތަކަށް ވަޑައިގެން އެ ގައުމުގެ ވެރިރަށް ނިއުއްދިއްލީގައި ދަ ވަޔާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އިންޑިއާއަށް ވަަޑައިގެންނެވުމަށް އެގައުމުގެ ސަރުކާރުން ދައުވަތު ދިނީ ދިވެހި ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުން ފާޅުކުރަން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑަށް މެޑިކަލް ލީވް ލިބުމާއެކު، އެ ކަން ވީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާ އެކު. އަޅުގަނޑު އާއްމުކޮށް އުޅެމުން މިއަންނަނީ އިނގިރޭސިވިލާތުގައި. އަދި ބައެއް ފަހަރު ސްރީލަންކާއަށް ޒިޔާރަތްކުރަން،" ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދުގެ އިންޓަވިއުގައި ފާހަގަކުރައްވާފައި ވަނީ ރާއްޖެއާ ޗައިނާއާ އޮންނަ ގުޅުމާ އެމަނިކުފާނު ދެކޮޅު ކަމެވެ. އެ ދެ ގައުމުގެ ދެމެދުގައި ޖެހިގެން އުޅޭ ސަރަހައްދީ ރޮނގުގެ އަރައިރުމުގައި ވެސް ތާއީދު ކުރައްވަނީ އިންޑިއާއަށް ކަމަށެވެ.

ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށެވެ. އަދި އެފަދަ ނުފޫޒެއް ނެތިއްޖެ ނަމަ އެ ނިޒާމުން ރަނގަޅު ނިންމުންތަކެއް ނިންމާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެންވީމާ ފަނޑިޔާރުން ބަދަލުކުރަން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ފަނޑިޔާރަކު ވަކިކޮށްގެން ނުވަތަ ޝަޚުސިއްޔަތުތައް ބަދަލުކޮށްގެން ފަނޑިޔާރުގެ އިސްލާހު ކުރެވޭނެ ކަމަކަށް،" ނަޝީދު ވިދާޅުވެފައި ވެއެވެ.

އެހެން ވިދާޅުވުމުން ނޫހުން ސުވާލުކޮށްފައި ވަނީ ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކަށް އޭރު ހުންނެވި [އަބުދުﷲ މުހައްމަދު] ހައްޔަރު ކުރި ކުރުމާ މެދު ހިތާމަ ކުރައްވަންތޯ؟" އެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެކަން އެއަށް ވުރެ މާރަނގަޅަށް ގާޒީ ހައްޔަރު ނުކޮށް ހަމަޖެއްސުނީސް ކަމަށެވެ.