ހަބަރު

އެޗްޑީސީއިން ހުޅުމާލޭގައި ބޮޑު އާޓް ފެސްޓިވަލްއެއް!

ހުނަރުވެރިން އިން ރާއްޖެ ވަނީ ފުރިފަ އެވެ. ނަމަވެސް އެ ހުނަރު ދައްކާލަން ނުލިބެނީ ފުރުސަތެވެ. އެ ފުރުސަތު ދޭން މި ސަރުކާރުން މަސައްކަތް ކުރެ އެވެ. މިގޮތުން، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޒުވާނުންގެ ފޮރުވިފައިވާ މި ހުނަރު ދައްކާލަން ރަނުގެ ފުރުސަތެއް ދީފަ އެވެ. އެ ފުރުސަތު ފަހި ކުރުމަށް "އާޓްފެސިޓިވަލް 2017" ގެ ނަމުގައި މިވަނީ ބޮޑު ހަރަކާތެއް ފަށާފަ އެވެ.

"މި ފެސްޓިވަލްގެ އެއް މަގުސަދަކީ ޒުވާނުންނަށް ފުރުސަތު ދިނުން. އަނެއް މަގުސަދަކީ ހުޅުމާލޭގެ ތަރައްގީގައި ކޮމިއުނިޓީގެ ބައިވެރިވުން އިތުރު ކުރުން،" އެޗްޑީސީގެ ޕްލޭނިން ޑިރެކްޓަރު އިސްމާއިލް ޝާން ރަޝީދު ވިދާޅުވި އެވެ.

"މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ" އާ ގުޅިގެން ޔޫތު ސިޓީގައި ކުރިއަށްދާ މި ފެސްޓިވަލް އިއްޔެ ހުޅުމާލޭގައި ހުޅުއްވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން އެވެ. މި ފެސްޓިވަލް ދެ ދުވަހަށް ކުރިއަށްދާއިރު ފެސްޓިވަލްއަށް ހާއްސަކޮށް ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ބެހެއްޓުމަށް ހާއްސަ ފަރުމާތަކެއް ވަނީ ހަދާފަ އެވެ. މިތަކެތި ހަދާފައިވަނީ ސެލްފީ ނެގުމާއި ފޮޓޯ ނަގާ ހަދާ މީހުންނަށް އެއާއެކު ފޮޓޯ ނަގައި ސޯޝަލް މީޑިޔާގައި އާއްމު ކޮށްލެވޭ ފަދަ ތަފާތު ފަރުމާތަކެއްގެ މައްޗަށެވެ.

އެޗްޑީސީގެ ޝާން ވިދާޅުވީ މިދިޔަ އަހަރުގެ މިފަދަ ދެ ހަރަކާތެއް ބޭއްވި ކަމަށާ، މި ހަރަކާތްތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަމަށެވެ.

"މިދިޔަ އަހަރު ތިރީޑީ ކުރެހުން މުބާރާތަކާއި ގައުމީ ޔުނިވާސިޓީގެ ހާޓް ފެކަލްޓީއާއެ ވެސް ހަރަކާތެއް ބޭއްވުނު. މި އަހަރުގެ މި ފެސްޓިވަލް ވެސް ބޮޑު ތަރުހީބެއް ލިބޭ،" ޝާން ވިދާޅުވި އެވެ.

އެޗްޑީސީން ހުޅުމާލޭގައި ފެށި އާޓް ފެސްޓިވަލް

ބްލަކް އިން އިވެންޓް އޮގައިޒްކޮށްފައިވާ މި ހަރަކާތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އާޓް އިންޓޮލޭޝަންތައް، ބާބެކިއު އޭރިއާ އާއި ކޮމާޝަލް ބްލޮކް ފާރުގެ އިތުރުން ފެރީ ޓާމިނަލް އާއި ސެންޓްރަލް ޕާކުގައި ވެސް ބަހައްޓާނެ އެވެ.

އެޗްޑީސީގެ އާޓް ފެސްޓިވަލް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ. މި ހަރަކާތް ކުރިއަށްދާނީ އަތްތެރި މަސައްކަތުގެ ހުނަރު ދައްކާލުން ފަދަ ހަރަކާތްތައްވެސް ކުރިއަށްދާނެ އެވެ.