ހަބަރު

ސިފައިންގެ މީހަކު ވަޒީފާއިން ވަކި ނުކުރަން: އެމްއެންޑީއެފް

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތައް ލީކްކޮށްލި މައްސަލާގައި ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ފަތުރާ ހަބަރު އެމްއެންޑީއެފްއިން ދޮގު ކޮށްފި އެވެ.

އެސްޕީޖީގައި ކޯޕްރަލް ރޭންކުގައި މަސައްކަތް ކުރާ ސިފައިންގެ މީހެއް މިދިޔަ ހަފުތާގެ ތެރޭގައި ވަކިކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާއިން ވެސް ރިޕޯޓް ކޮށްފައިވާއިރު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެއްވެސް ސިފައިންގެ މީހެއް ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ.

މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ލީކްވި މައްސަލަ ބަލަން ގިނަ އަދަދެއްގެ ސިފައިން، ސިފައިންގެ މަރުކަޒެއްގައި ބަންދުކުރި ހަބަރު ވެސް މީގެ ކުރިން ފެތުރުނެވެ. ނަމަވެސް އެކަން ވެސް އެމްއެންޑީއެފްއިން ވަނީ ދޮގު ކޮށްފަ އެވެ.

ލީކްވެފައިވާ އޯޑިއޯއަކީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ އެވެ. އޯޑިއޯއާ ގުޅޭ ގޮތުން މިހާތަނަށް މިނިސްޓަރު އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެ އޯޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރަށް ވަނީ އަމާޒުވެފަ އެވެ.