ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ސުޕްރީމް ކޯޓުގެ ހުކުމް އޮތީ ހުއްޓުވާފައި"

ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަން އިން ކަނޑައެޅި މައްސަލައާ މެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގޮތްތަކެއް ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ހުކުމް ނުކުރެވި އޮތީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުގެ ރައުޔު ނުދެއްވައިގެން ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ 35 ދުވަސްވެފައިވާ ކަމަށެވެ. އަދި އެ މައްސަލާގެ ހުރިހާ ނިންމުންތަކެއް ފަނޑިޔާރުގެ މެދުގައި ނިންމާ ހުކުމް ކުރާ ހިސާބުގައި އޮތް ކަމަށާއި ނަމަވެސް އެކަން ލަސްކުރައްވާ ހުކުމް ނުކޮށް ހުރުމުގެ ޒިންމާ އުއްތަމަފަނޑިޔާރު ނަންގަވަން ޖެހޭ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ގަވައިދާ އުސޫލުތައް އޮންނަ ގޮތުން ހުކުމް ކުރަން ޖެހެނީ އުއްތަމަފަނޑިޔާރު، ފަނޑިޔަރުންގެ މަޖިލީހަށް ގޮވާލާ ހުކުމް ކިޔުމުގެ މައްސޫލިއްޔަތު އެޅިފައި ވަނީ އުއްތަމަފަނޑިޔާރުގެ އިސްތަށިފުޅުގައި، ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ހުކުމަކާ ހިސާބަށް ގޮސްފައެއް ނުވޭ، އޭގެ ޒިންމާ އުއްތަމަފަނޑިޔާރު ނަގާ އެކަން އަވަސްކޮށްދެވާ، މެންބަރުންނަށް މައްސޫލިޔަތުތައް އަދާ ކުރުމަށް ފުރުސަތު ދެއްވަން ޖެހޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރާއްޖޭގައި ހިނގާ އެފަދަ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ސިޔާސީ ނުފޫޒުވަދެފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ފުރުސަތު ބަންޑާރަ ނައިބު މުހައްމަދު އަނިލް ނަންގަވަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ހުއްޓާލުމަށް އެދި ވަޑައިގަންނަވާ ކަމަށާއި ކޯޓުތަކަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ގަވައިދު އޮންނަ ގޮތުން ހުކުމް ކުރަން ޖެހެނީ އުއްތަމަފަނޑިޔާރު، ފަނޑިޔަރުންގެ މަޖިލީހަށް ގޮވާލާ ހުކުމް ކިޔުމުގެ މައްސޫލިއްޔަތު އެޅިފައި ވަނީ އުއްތަމަފަނޑިޔާރުގެ އިސްތަށިފުޅުގައި، ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ހުކުމަކާ ހިސާބަށް ގޮސްފައެއް ނުވޭ، އޭގެ ޒިންމާ އުއްތަމަފަނޑިޔާރު ނަގާ އެކަން އަވަސްކޮށްދެވާ،
އިބްރާހިމް މުހައްމަދު ސޯލިހު | އެމްޑީޕީ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދު ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ނަމަވެސް އެއީ އެ ފަރާތްތަކަށް ގާނޫނީ ގޮތުން ކޮންމެހެން ވެސް ދޭން ޖެހޭ ހިދުމަތެއް ކަމަށާއި އެ މިންގަނޑަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ.

"ވެރިމީހާ ބުނެގެންނޭ ކިޔާފާ ގާނޫން އަސާސީއާއި ގާނޫންތަކާ ދެކޮޅު ނުވުމުގެ ހިތްވަރު ހުންނަންވީ، ތިމަންނަގެ މަގާމް ދިފާއު ކުރުމަށް އެހެން މީހަކަށް އަނިޔާވެރި ނުވާންވީ، އެހެންވެ އެކަމަށް ސިފައިންނާ ފުލުހުންނާވެސް ވިސްނާ ގާނޫނީ ވާޖިބު އަދާ ކުރޭ،" އަބްދުﷲ ރިޔާޒް ވިދާޅުވި އެވެ.

މިފަދަ ކަންކަން ގާނޫނީ ހަމަތަކުގެ ތެރެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނުކުރާނަމަ ގައުމުގެ ދަނީ ހުދުމުހުތާރު ކަމާ ދިމާލަށް ކަމަށް އަދާލަތު ޕާޓީގެ ފަރާތުން މަޖިލީހުގައި އިންނަވާ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވި އެވެ. އަދި ގޮނޑި ގެއްލިއްޖެ ކަމަށް ބުނެ ހައްގުތައް ހިފަހައްޓާފައިވާ ހަތަރު މެންބަރުންގެ ދާއިރާގެ ރައްޔިތުންނަށް އިންސާފު ހޯދައިދީ އެ ރައްޔިތުންގެ އަޑު ކަނޑުވާލާފައި ނުބޭއްވުމަށް ހުކުމް އަވަސް ކުރަން ޖެހޭ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.