ހަބަރު

މިނިވަން ފަންސާސް މޫދު ކުޅިވަރުގެ އީދު ހުކުރު ދުވަހު ފަށަނީ

Apr 20, 2015

ރާއްޖޭގެ މިނިވަން ކަމަށް ފަންސާސް އަހަރު ފުރުމުގެ ގޮތުން ބާއްވާ މޫދު ކުޅިވަރުގެ އީދު ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިވަން ފަންސާސް އޮފީހުން ބުނެފި އެވެ.

މިނިވަން ފަންސާސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ކުރިން ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މޫދު ކުޅިވަރުގެ އީދު "ދިމާވި ޓެކްނިކަލް މައްސަލަތަކެއް" ގެ ސަބަބުން ހުކުރު ދުވަހަށް ލަސްވެފައިވާ ކަމަށެވެ. އަދި މިހާރު މޫދު ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކުޅިވަރުތަކުގެ ތެރޭގައި ދައްކާލާ ހަރަކާތްތަކާއި މުބާރާތް ތަކެއްވެސް އޮންނާނެ. މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލެވިފައި،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫދު ކުޅިވަރުތައް ބެލުމަށް ފަސޭހަ ކުރުމުގެ ގޮތުން އެ ސަރަހައްދުގައި ސިޑިބަރިއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެ ސަރަހައްދުގައި ފަސޭހައިން ކުޅިވަރުތައް ބެލުމުގެ އިންތިޒާމު އޮންނާނެ. ރިސޯޓުތަކުގެ މީހުންނަށް ވެސް ވޯޓަ ޕޯލޯގައި ބައިވެރިވެވޭނެ. ޓީމުތައް އައިސް ބައިވެރިވާންވީ،" ސަލީމް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީވަނީ މޫދު ކުޅިވަރުތައް ބޭއްވުމުގެ ގޮތުން ދެ ނަމްބަރު ފާލަމުން ފެށިގެން، ޖެޓީ ނަމްބަރު ހަތަކާއި ހަމައަށް ވަނީ ޒިނަތްތެރި ކޮށްފަ އެވެ. މި ސަރަހައްދުގައި ގިޑިގެ އާއި ދިދަތައް ވެސް ދަނީ ޖަހަމުންނެވެ.

މި ހަރަކާތްތައް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، އަސަރީ ސާވިސްގެ މެނޭޖިން ޑިރެކްޓަރު އައިޝަތު މުއީނާ ވިދާޅުވީ މޫދު ކުޅިވަރުތައް މޫދާއި ފަޅުތެރޭގައިވެސް އޮންނާނެ ކަމަށެވެ. މި ކުޅިވަރުތަކުގެ ތެރޭގައި "ތަފާތު ހަރަކާތްތައް" އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގުމަތީގައިވެސް ހަރަކާތްތައް ކުރިއަށް ދާނެ، އެއް ނަމްބަރު ފާލަން ސަރަހައްދުގައި ސްޓޭޖެއްވެސް އޮންނާނެ. އެތަނުގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ،" މުއީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫދު ކުޅިވަރުތަކުގެ ތެރޭގައި ބޮއްކުރާ ރޭހާއި، ފެތުމުގެ ހަރަކާތްތައް ހިމެނޭ ކަމަށެވެ. އަދި ޒަމާންވީ ފަލިޖެހުމުގެ ހަރަކާތްތަކެއްވެސް އޮންނާނެ ކަމަށް މުއީނާ ވިދާޅުވި އެވެ.

"ބޮއްކުރާ ދެމުން ކިޔާ ކުޅިވަރެއްވެސް އޮންނާ. މީގެ އިތުރުން އަކުއާ ސްކިޕާއަކީވެސް މާލެ ސަރަހައްދުން ފެނިފައި ނުވާ ކުޅިވަރެއް. މީގެ ކޮމްޕެޓިޝަންސް ވެސް ކުރިއަށް ދާނެ. ބެލުންތެރިންނަށް އެކްސްޕީރިއަންސް ކުރުމުގެ ފުރުސަތުވެސް އޮންނާނެ. މުއީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫދު ކުޅިވަރުތައް ހުކުރު ދުވަހުގެ ހެނދުނު އަށަކުން 12 ޖެހުމާއި ހަމައަށް ކުރިއަށް ދާނެ ކަމަށާއި، ހުކުރު ވަގުތައް މެދުކަނޑާލުމަށްފަހު ދޭއް ޖަހާއިރު ކުޅިވަރުތައް އަލުން ފެށޭނެ ކަމަށެވެ.

"މޫދު ކުޅިވަރުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު މި އޮންނަނީ ރޭގަނޑު. ރޭގަނޑު ގިނަ ހާއްސަ ހަރަކާތްތަކެއް އޮންނާނެ. މި ހަރަކާތްތަކުގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވާންވީ. ވީހާވެސް ގިނަ ބޭފުޅުން ކޮންމެވެސް ހައިސިއްޔަތަކުން ބައިވެރިވެލުމަކީ މުހިންމު ކަމެއް،" މުއީނާ ވިދާޅުވި އެވެ.