މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ހަތަރު މެމްބަރެއްގެ ގޮނޑިއާ މެދު އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ޝަރީއަތަށް މަހެއްހާ ދުވަހަށް ފަހު މި ނިންމުން އައީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން ހުށަހެޅުއްވި މައްސަލައިގެ ޖަވާބު ބަލައި ދިއުމަށް އެ ކޯޓުން އެންގުމާއެކު ވަކީލުންނަށް ދެއްވި ޖަވާބުގަ އެވެ.
ގޮނޑީގެ މައްސަލަ ކޯޓަށް ވެއްދީ ޕީޕީއެމުން ވަކި ކުރި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ ހަަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މި މައްސަލަތަކުގެ އަޑުއެހުންތައް ނިންމާލީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ހަތަރު މެންބަރުންގެ ވަކީލުންނަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.
އެގޮތުން އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެގެން އޮންނާތީ އެ މައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓްގެ ނިންމުމާ ގުޅިގެން ވަކީލުން ވިދާޅުވީ، މި ނިންމުން މާނަ ކުރެވެނީ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދަނީ އެ ނިންމުން މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި މި މައްސަލައާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް މައްސަލާގައި ނިންމި ނިންމުގައި ފަސް ފަނޑިޔާރުން ވެސް ދެއްވާފައިވަނީ އެއް ރައުޔުއެކެވެ. އެ ނިންމުން ނިންމީ ފަސް ފަނޑިޔާރުގެ އިއްތުފާގުންނެވެ.