ހަބަރު

ހަ ގޮނޑިއެއް ހުސްވި ކަމަށް ނިންމައި ބައި އިލެކްޝަން ބާއްވަނީ

Aug 27, 2017
8

ސުވާލު އުފެދިފައި އޮތް ހަތަރު މެންބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމެވި ނިންމުމާ ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދެ ގޮތަކަށް މާނަކޮށް ވާހަކަ ދައްކަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުނުން ބައި އިލެކްޝަންތައް ކުރިޔަށް ގެންދަން ނިންމައިފި އެވެ. އެއީ ވިލިނގިލި ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ދިއްދޫ ދާއިރާ އެވެ. މީގެ އިތުރުން ރައްޔިތުންގެ މައްޗައްގޮނޅީ ދެކުނު ދާއިރާ އާއި ދަނގެތީ ދާއިރާ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އެ ކޮމިޝަނުން މިރޭ ބުންޏެވެ. މި ދެ ދާއިރާ ތަމްސީލް ކުރައްވަމުން ވަޑައިގެންނެވި ދެ ބޭފުޅުން ކުރިން އިލެކްޝަނުން ނިންމި ނިންމެވުމާ ގުޅިގެން ކޯޓަށް ވަޑައެއް ނުގަންނަވަ އެވެ.

އިލެކްޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓްގެ އަމުރަށް ބަލައި ބައި އިލެކްޝަންތައް އިއުލާންކޮށްފައި ވަނިކޮށް އެކަމާ ގުޅޭ މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަތަކަށް ވަކި ގޮތެއް ނިންމަންދެން ބައި އިލެކްޝަން މަޑު ޖައްސާލާފައި އޮތުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާ ނިމުގައި ކޮމިޝަންގެ ނިންމުން ބަދަކު ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދުގައިވާ ގޮތުގެ މަތިން ހުސްވެފައިވާ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ހަތަރު މެމްބަރެއްގެ ގޮނޑިއާ މެދު އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިއަދު އެވެ. އެއީ ޝަރީއަތަށް މަހެއްހާ ދުވަހަށް ފަހު އެވެ.

ގޮނޑީގެ މައްސަލަ ކޯޓަށް ވެއްދީ ޕީޕީއެމުން ވަކި ކުރި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ ހަަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މި މައްސަލަތަކުގެ އަޑުއެހުންތައް ނިންމާލީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ހަތަރު މެންބަރުންގެ ވަކީލުންނަށް ސުޕްރީމް ކޯޓުން ދިން ޖަވާބުގައި ބުނެފައި ވަނީ އެކޯޓުގެ ކުރީގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް ފެތޭނީ އެ ހުކުމް ކުރި ތާރީހު ކަމަށްވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތައްތަކުގެ މައްޗަށް ކަަމަށެވެ. އަދި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އަހުކާމްތައް އެ ކޯޓު އަމުރުގެ ޒަރިއްޔާއިން އިތުރަށް ކަށަވަރުކޮށްދީފައިވާނެ ކަަމާއި އެހެންވީމާ އެ ގަޒިއްޔާގައި ވާ އަހުކާމުތައް ތަތުބީޤު ވާނީ އެ ތާރީހުގެ ފަހުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.

އެގޮތުން އެ ތާރީހާ ހަމައަށް މެމްބަރުންގެ ގޮތުގައި ތިބި ބައެއްގެ މެމްބަރުކަމާ މެދު ހިލާފު އުފެދޭނެ އެއްވެސް ސަބަބެއް ނެތްކަން ހުކުމާއި ކޯޓު އަމުރުން އެގެން އޮންނާތީ އެ މައްސަަލައިގައި އިތުރަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.

ހުކުމާ ގުޅިގެން ދެފަރާތުން ދެއްކެވި ވާހަކަ

ސުޕްރީމް ކޯޓްގެ ނިންމުމާ ގުޅިގެން ވަކީލުން ވިދާޅުވީ، މި ނިންމުން މާނަ ކުރެވެނީ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގެންދަނީ އެ ނިންމުން މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި މި މައްސަލައާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށް ބުނެ އަޑު ފެތުރުނު ނަމަވެސް މައްސަލާގައި ނިންމި ނިންމުގައި ފަސް ފަނޑިޔާރުން ވެސް ދެއްވާފައިވަނީ އެއް ރައުޔުއެކެވެ. އެ ނިންމުން ނިންމީ ފަސް ފަނޑިޔާރުގެ އިއްތުފާގުންނެވެ.