ރިޕޯޓް

ގޮނޑިތައް ގެއްލިއްޖެތަ؟ ނުގެއްލޭތަ؟

މެންބަރުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ކީއްވެގެން ހެއްޔެވެ؟ އެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާތީ އެކަމުގައި ހިލާފު އުފެދިގެން އެ މެންބަރުން ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާށެވެ. އެ މެންބަރުން ގެންދެވީ އެ މެންބަރުންނަކީ މެންބަރުން ކަމަށް ބުނެ ގިނަ ގާނޫނީ ނުކުތާތައް ދައްކަމުންނެވެ. އިލެކްޝަން ކޮމިޝަނުގެ ދިފާއުގައި ދައުލަތުން ވެސް ބޮޑު ބަހުސެއް ކޮށްފައިވެ އެވެ. އެ ބަހުސްގައި ފަހު ބަސް ބުނަން އޮތީ ސުޕްރީމް ކޯޓެވެ. މައްސަލަ ކޮޅެއްގައި ޖައްސާނީ ސުޕްރީމް ކޯޓެވެ.

އެކަން ސުޕްރީމް ކޯޓުން ކޮށްފި އެވެ. މެންބަރުންގެ ގޮނޑި މައްސަލާގައި އެ ކޯޓުން އިތުރަށް ނިންމަންޖެހޭ ކަމެއް ނެތް ކަމަށް ދިގު އަޑުއެހުންތަކަކަށްފަހު ސުޕްރީމް ކޯޓުން މިވަނީ ބުނެފަ އެވެ. ގާނޫނީ މާއްދާތައް ބަޔާންކޮށްފައިވާ މިންވަރު މަދު ސުޕްރީމް ކޯޓުގެ ކުރު ޖަވާބާ ހެދި ހައްލުކުރަން ދިޔަ މައްސަލާގައި މިވަނީ އިތުރު ކޯޅުންތައް ފެށިފަ އެވެ.

އެއް ބަޔަކަށް މެންބަރުންގެ ގޮނޑި ގެއްލިއްޖެ އެވެ. އަނެއް ބަޔަކަށް ގޮނޑި ނުގެއްލެ އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ސުޕްރީމް ކޯޓުގައި މެންބަރުން އެދުނީ އެ މެންބަރުން ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. ދައުލަތުން އެދުނީ އިލެކްޝަން ކޮމިޝަނުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި އެއިން އެއްވެސް ކަމެއް ސާފުކޮށް ކަނޑައަޅައިދީފައެއް ނުވެ އެވެ. އެ ނިންމުން މަނާކުރުން ތަފާތުވެފައިވަނީ މިހެންވެ އެވެ.

އިލެކްޝަން ކޮމިޝަނުން ވެސް އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކަނޑައަޅާފައިވާއިރު، އެކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދައްކާ އޮތީ ނުކުތާ އެވެ؛ ސުޕްރީމް ކޯޓުގައި މެންބަރުން އެދިފައިވަނީ އިލެކްޝަން ކޮމިޝަނުގެ ނިންމުން ބާތިލުކޮށްދިނުމަށް ކަމަށްވާއިރު އެކަން ކޮށްފައި ނުވުމެވެ. އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލު ނުކުރުމުގެ މާނައަކީ މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން ކަމަށާއި އިލެކްޝަންގެ ނިންމުމަށް ދެން އިތުރަށް ސުޕްރީމް ކޯޓުން ބުނާނެ އެއްޗެއް ނެތްކަން ކަމަށެވެ. ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ކޮށްފައިވާ ހުކުމަށް ބަލާއިރު މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަށް ކަނޑައެޅޭނެ ކަމަށާއި އެގޮތަށް ކަނޑައެޅުމުން ސުޕްރީމް ކޯޓުން އޭގައި އިތުރު އެއްޗެއް ބުނަން ނުޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ހުކުމަށްފަހު މެންބަރުންގެ ގޮނޑީގެ މައްސަލަ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރަށް ގޮތެއް ނިންމަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެ ނުކުތާ ކުރިއަށް ނެރެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނަމުންދާއިރު އިދިކޮޅު ފަރާތްތަކުން ދަނީ ގޮނޑި ނުގެއްލޭނެ ކަމުގެ ދެތިން ނުކުތާއެއް ދައްކަމުންނެވެ. އޭގެ ތެރެއިން ނުކުތާއަކީ، އިލެކްޝަން ކޮމިޝަނުންގެ ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ނުވުމެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވަނީ، މެންބަރެއްގެ މެންބަރުކަމާ މެދު ހިލާފެއް އުފެދެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހަތަރު މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ސުޕްރީމް ކޯޓުން ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި އިއްވި ހުކުމާ އެއްގޮތަށް ނޫންކަން ކަމަށާއި އެ ނިންމުން ނިންމީ ބަލަންޖެހޭ ވަރަށް ކަންކަން ބެލުމަށްފަހު ނޫން ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އަދި އެ ހުކުމް ހިނގާނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ފަހުގެ ތާރީހުގައި ހިނގާ ކަންކަމަށް ކަމަށް ބަޔާންކޮށްފައިވާއިރު އެ ތާރީހު އައިއިރު އެ މެންބަރުން ތިބީ ޕީޕީއެމްއިން ވަކިވެފައިވާ ކަމަށް ވެސް ދަނީ ބުނަމުންނެވެ. އެހެންކަމުން އެ އަމުރުގައި ވެސް އެ ތާރީހުގެ ކުރީގެ ކަންކަމަށް ހުކުމް ނުހިނގާނެ ކަމަށް ސާފުކޮށް ބަޔާން ކުރާއިރު މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތެއް ނެތް ކަމަށެވެ.

އިދިކޮޅު މެންބަރުންނާއި ބައެއް ވަކީލުން ވެސް ވިދާޅުވަނީ، މެންބަރެއްގެ ގޮނޑިއާމެދު ހިލާފެއް އުފެދޭނަމަ އެކަމެއް ސުޕްރީމް ކޯޓުން ބައްލަވާނެ ކަމަށެވެ. ހުކުމް ވެސް ކުރައްވާނެ ކަމަށެވެ. ނަމަވެސް މި މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމެއްނުކޮށް އިތުރަށް ބަލާނެ ކަމެއް ނެތް ކަމަށް ބުނެފައިވަނީ މެންބަރުންގެ ގޮނޑިއާމެދު ހިލާފެއް އުފެދިފައިވާ ކަމަށް ސުޕްރީމް ކޯޓުން ވެސް ގަބޫލު ނުކުރާތީ ކަމަށެވެ. މެންބަރެއްގެ ގޮނޑިއާމެދު ހިލާފު އުފެއްދިއްޖެނަމަ އެކަމުގައި އެންމެފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ.

އޭގެއިތުރަށް ވެސް އިދިކޮޅުން ނުކުތާއެއް ދައްކަ އެވެ. އެއީ، ދައުލަތުގެ ފަރާތުން އެދުނު ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާ (ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ޕާޓީތަކުން އަޅާ ސުލޫކީ ފިޔަވަޅެއްފެ ސަބަބުން ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ މާއްދާ) ބާތިލުކޮށްފައި ނުވުމެވެ. އެ މާއްދާ ބާތިލު ކޮށްފައި ނުވުމުން ވެސް ޕާޓީއެއްގެ ސުލޫކީ ކޮމެޓީއަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން މެންބަރުންގެ ގޮނޑި ނުގެއްލޭނެކަން އެނގިގެންދާ ކަމަށް އިދިކޮޅުން ބުނެ އެވެ.

އެ މާއްދާ ބާތިލު ނުކުރާހާ ހިނދަކު އެ މާއްދާއަށް އަމަލު ކުރަންޖެހޭނެއިރު، މާއްދާ ބާތިލު ކޮށްފައި ނުވާތީ މެންބަރަކާމެދު ޕާޓީއެއްގެ ސުލޫކީ ކޮމެޓީން ނިންމާ ނިންމުމަކާ ގުޅިގެން މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ކޮންމެއަކަސް މެންބަރުންގެ ގޮނޑިއާމެދު އުފެދިފައިވާ "އޮޅުންބޮޅުން ގަނޑު" އަދިވެސް މިވަނީ ފިލާ ގޮތް ނުވެފަ އެވެ. އިދިކޮޅުން ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް ދައްކާ ވާހަކަތަކުގަ އޮށްޓަރު އެބަހުއްޓެވެ. އެއްވެސް ކަމެއް ސާފު އިބާރާތުން ސުޕްރީމް ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިނުވުމަކީ މި މައްސަލަތައް އުފެދުނު ސަބަބެވެ. އެ ނިންމުން އިތުރަށް ތަފްސީލްކޮށް އިތުރު ނިންމުމެއް ސުޕްރީމް ކޯޓުން ނެރުމަކީ މިހާރަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމުގައި ވާނެ އެވެ.

މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅައި، ބައި އިލެކްޝަން އިއުލާން ކޮށްފައިވާއިރު އެއީ ސުޕްރީމް ކޯޓުން އެ ނިންމުން މާނަކުރާ ގޮތް ނޫން ކަމަށްވާނަމަ އެ މެންބަރުންގެ ހައްގުތައް ވަރަށް ބޮޑަށް ގެއްލިގެން ދާނެ އެވެ. އޭގެ އަނެއް ކޮޅު ވެސް އެބަ އޮތެވެ.

އެބަޔަކަށް ފެންނަ ގޮތަކަށް ސުޕްރީމް ކޯޓުގެ ނިންމުން މާނަކުރަމުންދާއިރު ގޮނޑި ގެއްލިއްޖެ ކަމެއް ނުވަތަ ނޫން ކަމެއް ސީދާ ސީދަލަށް ބުނަން ކެރޭ މީހަކު މަދެވެ. މިހާރު މިއޮތް ހާލަތް އެންމެ ރަނގަޅަށް ކިޔައިދެނީ ލަވައެއްގަ އެވެ. "އެ ކީއްވެހޭ ނިވާ ވުމުން އެ ހަނދު ފިލީ؟" އެކަކު އަހަނީ މިހެނެވެ. އެއަށް ދޭނެ ޖަވާބެއް ނޭނގުމުން އަނެއްކާ ބުނަނީ، "ރީތި ހުސްކުރާ މަލާ ސުވާލުކުރޭ،" ކަމަށެވެ.