ހަބަރު

މާފުށީގައި ހަދާ ޔުނިޓަށް ނަޝީދު ބަދަލު ކުރުން ލަހެއް ނުވާނެ: ކަރެކްޝަން

ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަހައްޓަން މާފުށީ ޖަލުގައި ހަދާ ޔުނިޓްގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި ވީހާ ވެސް އަވަހަކަށް އެ ޔުނިޓަށް އެމަނިކުފާނު ބަދަލު ކުރުމުގެ ކަންކަން ކުރާނެ ކަމަށް، ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އެ ސާވިސްގެ މީޑިއާ ކޯޑިނޭޓަރު، މޫސާ ރަމީޒު މިއަދު ވިދާޅުވީ އެ ޔުނިޓް ހެދުމަށް ކުރަން ޖެހޭ މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެއްކޮލަން ޖެހޭ ގޮޅިތައް އެއްކޮށްލައި އެތަން ރީތިކޮށް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ރަމީޒް ވިދާޅުވި އެވެ. އަދި މިހާރު ކުރަމުން އަންނަނީ ފިނިޝިން މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމް މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ، ފުލުހުންގެ ތަހުގީގީ ޖަލު ހުންނަ ރަށް، ދޫނިދޫގަ އެވެ. އެގޮތަށް ހަމަޖައްސާފައި ވަނީ މާފުށީ ޖަލުގައި އެމަނިކުފާނާ އެކަށީގެންވާ ވަރުގެ ތަނެއް އަދި ހެދިފައި ނުވާތީ ހޯމް މިނިސްޓްރީގެ އެންގުމަކަށެވެ.

ރަމީޒް ވިދާޅުވި ގޮތުގައި އެތަން ނިންމާނުލެވި ލަސްވަމުން އަންނަނީ ބައެއް ދަތިތައް ކުރިމަތިވަމުން އަންނާތީ އެވެ. އަދި އެދެވޭ ސްޕީޑްގައި މަސައްކަތް ނުދިޔުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ރަމީޒު ވިދާޅުވި ގޮތުގައި ދެން މާ ލަސްނުވެ ނަޝީދު އެ ޔުނިޓަށް ބަދަލު ކުރާނެ އެވެ. އަދި އެ ޔުނިޓަށް އެމަނިކުފާނު ބަދަލު ކުރުމުގެ ކުރިން އެތަނުގެ މަސައްކަތްތައް ފުރިހަމައަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީދާ ތާރީހެއް އަދި ނޭނގޭ. ނަމަވެސް އަޅުގަނޑުމެންގެ ޓާގެޓަކީ ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމައި ނަޝީދު ތަނަށް ބަދަލު ކުރުން. އަޅުގަނޑުމެން ލަހެއް ނުކުރާނަން،" ރަމީޒް ވިދާޅުވި އެވެ.