ހަބަރު

ގާސިމް ފުރުވުން ލަސްވާތީ ޖޭޕީއިން އެޗްއާރްސީއެމަށް ޝަކުވާ ހުށަހަޅައިފި

ޖުމްހޫރީ ޕަޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުން ލަސްވަމުންދާތީ، އެ ޕާޓީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުންނާ ބައްދަލުކޮށް ޝަކުވާތައް ހުށަހަޅައިފި އެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނަރަލް އަހުމަދު ސަމީރު "އަވަސް"އަށް ވިދާޅުވީ އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލުކޮށް ޝަކުވާތައް ހުށަހަޅާފައިވާ ކަމަށާއި އެ ދެ ފަރާތުގެ ދެމެދު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.

އެގޮތުން ބޭސް ފަރުވާއަށް ބޭރަށް ފޮނުވާލުމަށް ހުކުމް އައިސްފައިވާ ދަނޑިވަޅެއްގައި އެކަން ލަސް ކުރަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށާއި ގާސިމްގެ ހާލުކޮޅު ގޯސްއިރު އިންސާނިޔަތާ ހިލާފު އަމަލުތައް ހިނގާނަމަ އެކަންތައް ބަލާނެ ކަމުގެ ޔަގީންކަން އެޗްއާރްސީއެމްގެ މެންބަރުން ދެއްވި ކަމަށް ސަމީރު ވިދާޅުވި އެވެ.

"ގާސިމް ބޭހަށް ފޮނުވާލުން އަވަސް ކުރުމަށް އެ ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި، އަދި ހުރިހާ އެއްބާރުލުމެއްދީ އެކަމުގައި އިންސާނިއްޔަތާ ހިލާފު ކަންތައްތަކެއް އުޅޭ ނަމަ އެކަންކަން ބަލާނެ ކަމަށް ވެސް އެ ބޭފުޅުން ކަށަވަރުކޮށްދިން،" ސަމީރު ވިދާޅުވި އެވެ.

ތިން އަރަހާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށް ލާން ހުކުމްކޮށްފައިވާ އިރު އެ ހުކުމުގައި އެމަނިކުފާނު ބޭސްފަރުވާއަށް ވީހާވެސް އަވަހަށް ފޮނުވާލުމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ކަރެންޝަން އިން ބުނެފައިވަނީ ފުރުވާލުން ލަސް ވަނީ މެޑިކަލް ބޯޑުން ގޮތެއް ނުނިންމާތީ ކަމަށެވެ. އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީންނާއި ގާސިމްގެ ވަކީލުން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.