ހަބަރު

ރިޔާސަތަށް ހުރަސް އެޅޭ ތަކެތި މަޖިލީހަށް ނުވެއްދޭ އިސްލާހު ފާސްކޮށްފި

އަޑުގަދަކުރާ އާއި އެ ނޫން ވެސް ގޮތަކުން ރިޔާސަތަށް ހުރަސްއެޅޭނެ ފަދަ ކަމާ ނުބެހޭ ތަކެތި ރައްޔިތުންގެ މަޖިލީހަށް ވެއްދުން މަނާ ކުރަން އަސާސީ ގަވާއިދަށް ކޮމިޓީން ގެނައި އިސްލާހުތައް މިއަދު ފާސްކޮށްފި އެވެ. 

މިއަދު މަޖިލީހުގައި ނެގި ވޯޓްގައި އާންމު ކޮމިޓީގެ ހުށަހެޅި ގޮތަށް އަސާސީ ގަވާއިދު އިސްލާހުކުރަން، 43 މެންބަރުން ވަނީ ވޯޓުދެއްވައިފަ އެވެ. 

މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައުމުން، ތާޅަފިލި ފަދަ ކަމާ ނުގުޅޭ ތަކެތި މަޖިލީހަށް ވައްދާ މެންބަރުންނާ މެދު އިދާރީ ފިޔަވަޅުތައް އެޅޭނެ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ، މެމްބަރުންގެ ކޮމިޓީ ހާޒިރީ އިން 50 ޕަސެންޓް އުނިކޮށް އެ އަދަދަށް ކޮމިޓީ އެލަވަންސް އިން ވެސް އުނިކުރުމާއި މަޖިލީހުގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އެފަދަ މެންބަރުން ހަ މަސް ދުވަހަށް ބައިވެރި ނުކުރެވޭ ގޮތް ހެދުމެވެ.

ރިޔާސަތުން އެ އިސްލާހުތައް އާންމު ކޮމިޓީއަށް ހުށަހެޅީ، އެމްޑީޕީގެ މެންބަރުން މަޖިލީހަށް ތާޅަފިލި ފަދަ ތަކެތި ވައްދައި މަޖިލީހުގެ ޖަލްސާތަަކަށް ހުރަސް އަޅަން ފެށުމުންނެެވެ. މިހާތަނަށް މަޖިލީހުގެ 16 ޖަލްސާއެއް ބާއްވާފައިވާ އިރު، މަޖިލިސް ކުރިއަށް ގެންދަން ޖެހެނީ އެ ހާޖާނު ގަނޑުގެ ތެރޭގަ އެވެ.