ހަބަރު

ރާއްޖެއަށް ގައުމީ ދިދައިގެ ދުނިޔޭގެ ރެކޯޑެއް ހެދިދާނެ ތަ؟

Apr 20, 2015

ގައުމެއްގެ "މިނިވަން ކަމަށް ފަންސާސް އަހަރު" ފުރުމަކީ އާދައިގެ ކަމެއް ނޫންނެވެ. އެ އަހަރަކީ ވެސް އާދައިގެ އަހަރަކަށް ނުވާނެ އެވެ. މި އަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް ބައި ގަރުނު ފުރޭ، އަހަރެވެ. މި އަހަރު "ހާއްސަ ކުރުމަށް" ހޯމް މިނިސްޓްރީ ދަނީ މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިނގަމުންނެވެ. އެގޮތުން ހިންގުމަށް މިހާރު ރާވާފައިވާ އެއް ހަރަކާތަކީ ގައުމީ ދިދައިގެ ރެކޯޑެއް ގާއިމް ކުރުމެވެ. އެންމެ ބޮޑު ދިދައެއް ހެދުމެވެ. ނުވަތަ އިންސާނުން ބޭނުންކޮށްގެން ބޮޑު ދިދަލެއް ދައްކާލުމެވެ. ސުވާލަކީ ރާއްޖެއަށް މި ރެކޯޑު ހެދިދާނެ ހެއްޔެވެ؟

"ދެ ގޮތަކަށް އެ ވިސްނުން އެބަހުރި. އެއް ގޮތަކީ ގިނަ ބަޔަކު ބޭނުންކޮށްގެން ދިދައެއްގެ ގޮތުގައި ދެއްކުން، އަނެއް ވިސްނުމަކީ އެންމެ ބޮޑު ދިދައެއް ހަދައިގެން ރިކޯޑެއް ގާއިމް ކުރުން،" ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވި އެވެ

އެންމެ ގިނަ މީހުން އެއްތަނަކަށް އެއްކޮށްގެން ގައުމީ ދިދައެއްގެ ގޮތުގައި ދެއްކުމުގެ ރެކޯޑު އޮތީ އިންޑިޔާގެ އަތުގަ އެވެ. ދުނިޔޭގެ އެންމެ ބައިބޯ ދެވަނަ އާބާދީ ކަމަށްވާ އިންޑިޔާއިން މި ރެކޯޑު ހެދި ދިދިޔަ އަހަރެވެ. އިންޑިޔާއިން މި ރެކޯޑު ހެދުމަށް 43،830 މީހުން ބޭނުން ކުރި އެވެ. ޗެންނާއީގައި ގާއިމް ކުރި މި ރެކޯޑު ވަނީ "ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު" ފޮތުގައި ވެސް ހިމަނާފަ އެވެ. އެހެންކަމުން ރާއްޖޭން މި ރެކޯޑު މުގުރާލަން ބޭނުންނަމަ މަދުވެގެން ބައި ލައްކައެއްހާ މީހުން ޖަމާކުރަން ޖެހެ އެވެ. މިކަން ރާއްޖެއަށް ވާނެ ހެއްޔެވެ؟ އެ ވަރަށް މީހުން އެއް ކުރެވޭނެ ޖާގައެއް މާލޭގައި އެބައޮތް ހެއްޔެވެ؟

ދުނިޔޭގެ އެންމެ ބޮޑު ދިދައެއް ހެދުމުގެ ދުނިޔޭގެ ރެކޯޑު ހަދާފައިވަނީ ރޫމޭނިޔާގަ އެވެ. އެ ގައުމުގެ ހެދި ދިފައިގެ ދިގު މިނުގައި 1145 ފޫޓު ހުރެ އެވެ. އަދި ފުޅާ މިނުގައި 744 ފޫޓު ހުރެ އެވެ. މި ދިދަ ހެދުމަށް ގިނަ އަދަދެއްގެ ފޮތި ބޭނުންކޮށްފައިވެ އެވެ.

ސަލީމް ވިދާޅުވީ ގައުމީ ދިދައިގެ ރެކޯޑު ހެދުމަށް "ދެ ވިސްނުން" އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ސްކޫލް ކުދިންނާއި ޔުނީފޯމް ބޮޑީތަކާއި އާއްމު ރައްޔިތުން ބައިވެރިވީމަ ގަބޫލު ކުރަނީ މިކަން ކުރެވޭނެ ކަމަށް،" ސަލީމް ވިދާޅުވި އެވެ.

މި ރެކޯޑު ގާއިމް ކުރުމަށް ހަމަ ގައިމު ވެސް ބޮޑު ސަރަހައްދެއް ބޭނުންވާނެ އެވެ. އެގޮތުން އެއް ތަނަކީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސްޓޭޑިއަމް ސަރަހައްދެވެ.

މާޒް ސަލީމް ވިދާޅުވި ގޮތުގައި މި ރެކޯޑު ގާއިމް ކުރުމަށް ބޭނުންވަނީ ދެ ލައްކަ އަކަފޫޓުގެ ބިމެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ބަލައިފިން މާފަންނު ސްޓޭޑިއަމް ސަރަހައްދު. އެތަނުގައި އެބަހުރި ހަތަރު ލައްކަ އަކަފޫޅު. އޭގެ ތެރެއިން ތިން ލައްކަ އަކަފޫޅު ބޭނުންކުރި ނަމަވެސް މިކަން ފަސޭހަކަމާއެކު ކުރެވޭނެ،" ސަލީމް ވިދާޅުވި އެވެ.

ދުނިޔޭގެ ބޮޑު ދެ ގައުމުން ހަދާފައިވާ ރެކޯޑު މުގުރާލުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ކަމަށް ބެލެވެ އެވެ. މިވާނީ ބޮޑު ފަހުރަކަށެވެ. މިފަދަ ރެކޯޑެއް ހަދައިފިނަމަ ހަމަގައިމު ވެސް އެކަން ވެގެންދާނީ ރާއްޖެއަށް ލިބޭނެ ބޮޑު އިސްތިހާރަކަށެވެ. އަދި މިނިވަން ކަމަށް 50 އަހަރު ފުރޭ އަހަރުގެ އެންމެ ހާއްސަ އެއް ކަމަށެވެ.