ހަބަރު

ހުކުމާމެދު ވާނުވާ ނޭނގި ތިއްބާ ބައި އިލެކްޝަން ކާމިޔާބު ކުރާނަން: އަދުރޭ

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނާ އެއްޗެއް އިދިކޮޅު ފަރާތްތަކަށް ސާފުނުވެ ތިއްބާ ބައި އިލެކްޝަން ކާމިޔާބު ކުރާނީ ޕީޕީއެމްއިން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"ރުމާލު 2" ޖަގަހާގައި ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމުން ޝަރުއީ ދާއިރާ ވަނީ ނުފޫޒާއި ރިޝްވަތަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ހުރިހާ ނިންމުމެއް ނިންމާކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެކަމާ އިދިކޮޅު ފަރާތްތަކުން ކަނބޮޑުވެފައި ތިއްބި ނަމަވެސް ސަރުކާރު މެންބަރުން ތިއްބެވީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ނަމަވެސް އެ ހުކުމުން ސާފު ނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަދިވެސް ވާހަކަދައްކަވާ ކަމަށާއި ނަމަވެސް ހަ ދާއިރާއެއްގެ ބައި އިލެކްޝަން މިހާރު އިއުލާކޮށްފާއިވާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތައް އެކަމުގައި ތިއްބާ ބައި އިލެކްޝަންތައް ކާމިޔާބު ކުރާނެ ކަމަށާއި އޭރުން ތާއީދު އޮތީ ރައީސް ޔާމީނަށް ކަން ޔަގީން ވާނެ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

"ބައި އިލެކްޝަން ކާމިޔާބުކޮށްގެން ދައްކައި ދޭނަން ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ އަމާންކަމާއި ހިމޭންކަމާއި ތަރައްގީއާ ކުރިއެރުމާއި ތައުލީމު ކަން އަދި ގާނޫނީ އިމުގެ ތެރެއިން އަމާންކަމާއެކީ އުޅެވޭނެ ސުލްހަވެރި މާހައުލެއް ގާއިމް ކުރަން ކަން، އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ 2018 ގައި ވެސް ރައީސް ޔާމީން ހޮވައިގެން ކުރިޔަށް ވަޑައިގަންނަވަންކަން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް ވިދާޅުވީ އެކަން ހާސިލު ކުރުމަށް ޖަގަހަތަކުގައި ތިބެގެން އައިޖީއެމްއެޗްއާ ބްރިޖާއި އެއާޕޯޓުގެ ވާހަކަދައްކާކަށް ތިބެވެން ނެތް ކަމަށެވެ. އޭގެ ބަދަލުގައި މުޅި ރާއްޖެއަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީގެ ވާހަކަ އެ ރަށްރަށަށް ގޮސް ދައްކަން ޖެހޭ ކަމަށާއި އިދިކޮޅު ފަރާތްތަކާ ބަހުސްކޮށް އެ ފަރާތްތައް ބަލި ކުރަން ޖެހޭ ކަމަށާއި 2018 ގެ ކުރިން ރައީސް ޔާމީނަށް ވޯޓު ދޭން ލާޒިމްވާ ކަން ދައްކާދޭން ޖެހޭ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް ރައީސް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.