ހަބަރު

ގައިދީންނަށް ޖަލު އޮފިސަރުންނަށް ކައިވެނި ނުކުރެވޭނެ: ގަވައިދު

Apr 20, 2015

ޖަލު ބަލަހައްޓާ އޮފިސަރުންނަށް، ހުކުމް ތަންފީޒު ކުރަން ޖަލުގައި ތިބޭ ގައިދީންނާއި ކައިވެނި ނުކުރެވޭ ގޮތަށް ގަވައިދު އެކުލަވާލައިފި އެވެ.

ޖަލު އޮފިސަރުންގެ ސުލޫކީ ގަވާއިދު ބުނާ ގޮތުގައި ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު އެއްވެސް ޒާތެއްގެ އަމިއްލަ ގުޅުމެއް އުފެއްދުމަކީ މަނާ ކަމެކެވެ. އަދި ޖަލު އޮފިސަރުން ބާރުގެ ބޭނުން ކުރަންވާނީ އެކަމެއް ހައްލު ކުރުމަށް މަސައްކަތް ކުރުމަށްފަހު ހައްލު ނުވެއްޖެ ހިނދެއްގައި ގާނޫނުނާއި ގަވާއިދަށް ތަބާވުމަށް އެންގުމަށްފަހު ޒިންމާދާރު ވެރިއެއްގެ އަމުރަށެވެ.

ގައިދީންނާމެދު ޖަލު އޮފިސަރުން އަމަލު ކުރަންވާނީ ވަކި ކުލައަކަށް ވަކި ދީނަކަށް ނުވަތަ ވަކި ނަސްލަކަށް ބެލުމެއް ނެތި އިންސާފުވެރިކަމާ ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށް ވެސް ގަވައިދު ބުނެ އެވެ.

އަދި ބުނެފައި ވަނީ ޖަލު އޮފިސަރަކީ ހިޔާނާތުގެ އެއްވެސް އަމަލެއްގައި އެއްވެސް މިންވަރަކަށް ބައިވެރިވާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި އެފަދަ އަމަލުތައް ކުރާ މީހުންނާ މެދު އަޅާ ނުލާ ދޫކޮށްލައިގެން ތިބޭ ބަޔަކަށް ވެސް ވެގެން ނުވާނެ ކަމަށެވެ.