ހަބަރު

އިސް ފަނޑިޔާރު މައްސަލަ ނެންގެވުމުން ފާރިސް ސުޕްރީމް ކޯޓަށް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ނަންގަވާފައިވާ ކަމަށް ބުނާ މައްސަލަ ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓަށް ފާރިސް ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ މެންޑާމަސް އަމުރުގައި މައްސަލަ ބައްލަވާނެ ފަނޑިޔާރުންގެ ބެންޗް ގާނޫނީ ގޮތުން ކަނޑައަޅާފައިވަނިކޮށް ބެންޗުގައި ހިމެނޭ ފަނޑިޔާރަކު އެ މައްސަލައެއް ބެއްލެވުމަށް ޑިސްކޮލިފައިވާ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. ބެންޗުގައި ހިމެނޭ ފަނޑިޔާރަކު އެންގުމަކާ ނުލާ ބަދަލުކޮށް ބެންޗަށް ބަދަލު ގެނައުމަކީ ކޯޓުތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)އާ ހިލާފު ކަމެއް ކަމަށް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ބުނެފައިވަނީ ފާރިސްގެ މައްސަލާގެ ޝަރީއަތް ހިންގެވި އެއްވެސް ފަނޑިޔާރަކު މައްސަލައިން ތަނާޒަލްވެފައިނުވާ ކަމަށް ވެސް ހައިކޯޓުގެ އިސް ފަނޑިޔާރު ބިއުރޯއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފާރިސްގެ މައްސަލަ ބައްލަވާ އެއްވެސް ފަނޑިޔާރަކު ޑިސްކޮލިފައިވާ ނުވަތަ ތަނާޒަލްވާ ހާލަތެއް މެދުވެރިވެފައިނުވަނީސް މައްސަލާގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރުގެ ސެކްޝަނުން އިސް ފަނޑިޔާރުގެ ސެކްޝަނަށް މައްސަލަ ބަދަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މައްސަލާގައި ބުނެފައިވެ އެވެ. އެހެންކަމުން މައްސަލަ އިސް ފަނޑިޔާރުގެ ބިއުރޯއިން ނަންގަވާފައިވަނީ ސުޕްރީމް ކޯޓުގެ މެންޑާމަސް އަމުރާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ފާރިސް ވަނީ އެދިވަޑައިގެންފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ފާރިސްގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

ފާރިސްގެ އިސްތިއުނާފު މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ އެ މައްސަލަ އިސް ފަނޑިޔާރު ނެންގެވި ސަބަބު ސާފު ކޮށްދެއްވުމަށް ހައިކޯޓަށް ވެސް ސިޓީއެއް ފޮނުވާފަ އެވެ. އަދި މައްސަލަ ބައްލަވާ ބެންޗަށް އެއްވެސް ބަދަލެއް ގެނެސްފައިވާނަމަ އެކަން ވެސް ސާފު ކޮށްދެއްވުމަށް އިސް ފަނޑިޔާރު އަބްދުﷲ ދީދީއަށް ދަންނަވާފަ އެވެ.

މައުމޫން ހަމީދު ވަނީ މައްސަލާގެ ހުކުމް އަވަސްކޮށްދިނުމަށް ވެސް އެދިވަޑައިގަންނަފަ އެވެ. މައްސަލާގެ އަޑުއެހުންތައް ނިންމާލި ފަހުން ހުކުމް އިއްވުމަށް އަޑުއެހުމެއް ތާވަލު ކުރުމަށްފަހު އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ފަހުން އެ މައްސަލާގެ އަޑުއެހުމެއް ތާވަލެއް ނުކުރެ އެވެ.

މި ކަމާ ގުޅިގެން ހައިކޯޓްގެ އެއްވެސް ބަހެއް ނުލިބެ އެވެ.