ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލާގައި ހުކުމް އިއްވުން ހައިކޯޓުން ލަސްކުރަނީ ގާނޫނީ ސަބަބެއް ނެތި ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ހައިކޯޓުގެ މައްސަލަތައް ނިންމުން ލަސްވެފައިވާ ކަމަށް ބުނެ މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މައުމޫން ހަމީދު ވިދާޅުވީ، ފާރިސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލަ ނިންމުން ލަސްކޮށްފައިވަނީ އެއްވެސް ގާނޫނީ ސަބަބެއް ނެތި ކަމަށެވެ. އެ މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން މިހާރުން މިހާރަށް ތާވަލުކުރުމަށް ވެސް މައުމޫން ހަމީދު ގޮވާލެއްވި އެވެ.
ސުޕްރީމް ކޯޓުން މިއަދު ހަވީރު ނެރުނު އަމުރުގައި ބުނެފައިވަނީ އެކަށީގެންވާ އަވަސްމިނެއްގައި އަދުލު އިންސާފު ލިބިދިނުން ކަށަވަރުކުރުމަށްޓަކައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމޭ އަދަދާއި ހަލުވިމިނަށް ބަލައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ނިންމުމުގެ މިންގަނޑުން ބެލިއިރު، މި އަހަރުގެ މިހާތަނަށް ނުނިމި 500 އަށްވުރެ ގިނަ މައްސަލަ ހައިކޯޓުގައި ހުރިކަމާއި އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ، މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައެޅި ފައިވާ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ކަމަށެވެ.
މައްސަލަތައް އަވަސްކުރުމަށް ޝަރީއަތްތައް މެދުކަނޑިފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލޭ ހައިކޯޓުގައި ތިން މަސް ދުވަހަށް މަސައްކަތް ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ އަންގާފަ އެވެ.
އަހުމަދު ފާރިސް މައުމޫންގެ މައްސަލާގެ ހުކުމް އިއްވުން ހައިކޯޓުގައި ލަސްވަމުންދާތީ އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެ މައްސަލަ މިހާރު ވަނީ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރުގެ ސެކްޝަނުން ނަގައި އިސް ފަނޑިޔާރުގެ ބިއުރޯއަށް ބަދަލުކޮށްފަ އެވެ. އެކަމާ ފާރިސް ހިތްހަމަނުޖެހުން ފާޅުކޮށް ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ވައްދާފަ އެވެ.