ހަބަރު

ލާމު ކްލައިމެޓް ޗޭންޖް ފޯރަމް ބާއްވައިފި

Apr 20, 2015

"ލާމު ކްލައިމެޓް ޗޭންޖް ފޯރަމް" ގެ ނަމުގައި ކްލައިމެޓް ޗޭންޖް ފޯރަމެއް ލ. ފޮނަދޫގައި  ބާއްވައިފި އެވެ.

ލޯ އެމިޝަން ކްލައިމެޓް ރެސިލިއެންޓް ޑިވެލޮޕްމަންޓް (ލެކްރެޑް) ޕްރޮގްރާމްގެ ދަށުން  ބޭއްވި ފޯރަމް ފޯރަމް އިފްތިތާހުކޮށްދެއްވީ އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފާއިތުވެދިޔަ އަހަރު ލެކްރެޑް ޕްރޮގްރާމްގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރެވި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވަލްނަރަބިލިޓީ ފީލްޑް އެސެސްމަންޓާއި، ގުދުރަތީ ކާރިސާތަކަށް ތައްޔާރުވުމަށް އެކުލަވާލެވުނު ރެސްޕޯންސް ޕްލޭންތަކާއި  ލާމު އަތޮޅުގައި ސެންޓްރަލް ޕަވާ ސިސްޓަމެއް ގާއިމުކުރުމަށް ކުރިއަށްގެންދެވުނު ފީސިބިލިޓީ ސްޓަޑީ އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މި ޕްރޮޖެކްޓެގެ ދަށުން ލާމު އަތޮޅުގެ ދުވާލުގެ ކަރަންޓުގެ ޑިމާންޑުގެ 30 ޕަސެންޓާ އެއްވަރަށް އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ކުނީގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ވޭސްޓް މެނޭޖްމަންޓް ޕްލޭން ތަކެއް އެކުލަވާލެވި އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރެވެމުންދާނެއެވެ. އަދި މީގެ އިތުރުން، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށާއި، ފެނާއި ކަރަންޓާއި އަދި އެހެނިހެން އިޖްތިމާއީ އަދި އިޤްތިސާދީ ދާއިރާތަކަށް އަމާޒުކޮށްގެން އާއްމު ފަރުދުންނަށާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލެވޭ "ސްމޯލްގްރާންޓް" ސްކީމެއް ވެސް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.