ހަބަރު

ގާސިމް ބޭސްފަރުވާއަށް ފޮނުވުމުގެ މައްސަލަ އިސްތިއުނާފްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ. ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އިއްވާފައިވަނީ އެ މަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ.

ގާސިމް ޖަލަށްލާން ހުކުމްކުރި އިރުވެސް އެމަނިކުފާނު އޮންނެވީ ފަރުވާއަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ އަޑުއެހުމަކަށް ކޯޓަށް ވަޑައިގެން ހުންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓުމުންނެވެ. ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ބޭރަށް ވަޑައިގެން ބޭސްފަރުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް ނޭޅުމަށް ވަނީ ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފައިވެ އެވެ.

ގާސިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލީ މިދިޔަ މާޗް 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓްލާ މެންބަރުންނަށް އެހީތެރިވެ ދެވަނަ ދައުރަކަށް ހޮވައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެން އެވެ.

ގާސިމްގެ ޣައިރު ހާޒިރުގައި އިއްވި ހުކުމުގައި ބުނެފައިވަނީ، ގާސިމް ދެއްކެވި ވާހަކަތަކީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން ދައްކަވާފައިވާ ވާހަކަތަކެއް ކަމެއް ގާސިމަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ. އެހެންކަމުން ރިޝްވަތު ހުށަހެޅުމުގެ ދައުވާ ގާސިމަށް ކުރެވިއްޖެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ހުކުމްގައިވެ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ގާސިމްގެ ފަރުވާ އަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އޮންނަ އުސޫލުތަކުގެ މަތިން އެކަން ހަމަޖައްސާނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބުންގެ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)، ވަނީ ގާސިމްގެ އަރިހަށް ޒިޔާރަތް ކުރައްވާ ހާލުކޮޅު ބައްލަވާލައްވާފަ އެވެ.