ހަބަރު

ޕެރަޑައިސް: ބުރުނުން ދިނަށައަށް!

ޕެރަޑައިސް ރިސޯޓުން: Mundoo Adam Halym
Sep 6, 2017
1
  • ރާއްޖޭގެ އެންމެ ފުރިހަމަ ކޮންވެންޝަން ފެސިލިޓީޒް
  • މައިސް ޓޫރިޒަމަށް އޮތް ޖާގައަށް ފަހި ފުރުސަތެއް
  • 500 މީހުނަށް މަތީފެންވަރުގެ ހިދުމަތް އެއްފަހަރާ

މާލެއިން ފުރައިގެން އިސްޕީޑް ލާންޗުގައި ވިއްސަކަށް މިނެޓުން އާދެވޭ މި ރިސޯޓް، ޕެރަޑައިސްއަށް މިއަދަކީ ބޮޑު ދުވަހަކެވެ. އަދި ތާރީހީ ދުވަހެކެވެ. ތަފާތު ސަބަބުތައް މެދުވެރިވެ ސަމާލު ކަމަށް އައިސްފައިވާ ޑަބްލިޔޫއެޗްއޯގެ 70 ވަނަ ސަރަހައްދީ ބައްދަލުވުމުގެ ބޮޑު ކޮންފަރެންސެއް މި ރިސޯޓްގައި ފަށައި ކުރިޔަށް ދަނީ އެވެ. ދުނިޔޭގެ ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއެކު ބާއްވާ އެންމެ ބޮޑު ކޮންފަރެންސް މި ރިސޯޓްގައި ފަށާފައިވާއިރު ކޮންފަރެންސް ކުރިޔަށް ދަނީ ވެސް މި ރިސޯޓްގައި އަލަށް ތަރައްގީ ކުރިން ކޮންވެންޝަން ސެންޓަރެއް ނުވަތަ ކޮންފަރެންސް ފެސިލިޓީޒެއްގަ އެވެ. "ދިނަށަ" އިގެ ނަން ދީފައިވާ މި ފެސިލިޓީޒް އަކީ ކޮންފަރެންސްތައް ބޭވުމަށް ރާއްޖޭގައި މިހާތަނަށް ތަރައްގީކޮށްފައިވާ އެންމެ ފުރިހަމަ ފެސިލިޓީޒެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ތަރައްގީ ކޮށްފައިވާ މި ރިސޯޓް އެކި ފަހަރުމަތިން ރިނޮވޭޓްކޮށްފައިވާއިރު މީގެ ކުރިން ވެސް ކޮންވެންޝަން ފެސިލީޓީޒްގެ ހިދުމަތް ގާއިމުކޮށްފައި ވެއެވެ. ނަމަވެސް އެއީ މާލެއާ ކައިރިން އެ ހިދުމަތް ދެމުން އަންނަ ކުރުނބާ އާއި ބަނޑޮސް ރިސޯޓްގައި ވެސް އެ ހިދުމަތް ހުރި، ގާތްގަނޑަކަށް އެއް ފެންވަރެއްގަ އެވެ.

މިއަދުން ފެށިގެން އެ ތާރީހު މުޅިން ބަދަލުވެގެން ދިޔައީ އެވެ. -- މީގެ ކުރިން މި ރިސޯޓްގައި ކޮންފަރެންސް ފެސިލިޓީޒެއް ތަރައްގީކޮށްފައި "ބުރުނު" ނަކަތް ބަދަލުވީ "ދިނަށަ" އަށެވެ. ބުރުނަކީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތެވެ. ދިނަށައަކީ އިރުވައި މޫސުމުގެ ފަސް ވަނަ ނަކަތެވެ. މި ރިސޯޓްގެ ވަރަށް ގިނަ ހިދުމްތަކަށް ނަން ދީފައި ވަނީ ރާއްޖޭގެ ދެ މޫސުމުގައި ހިމެނޭ ނަކަތްތަކުންނެވެ.

"މީގެ ކުރިން ވެސް ޕެރަޑައިސްގައި ކޮންވެންޝަން ނުވަތަ ކޮންފަރެންސް ފެސިލިޓީޒް އެއް ގާއިމުވެފެފައި އޮތީ. މިހާރު ވެސް އެތަނުގައި ހިދުމަތް ދެވޭނެ. ނަމަވެސް ކޮންފަރެންސްގެ ހިދުމަތް ދިނުމުގައި އަޅުގަނޑުމެން މިގެނައީ ވަރަށް ބޮޑު ބަދަލެއް، ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ޓެކްނޯލޮޖީއާއެކު ފުރިހަމަ ކޮށް ކޮންވެސްޝަން ފެސިލީޓީޒް ޕެރަޑައިސްއަށް މި ގެނައީ. އެކަން އަޅުގަނޑުމެން ކުރަން ބޭނުންވީ މިވަގުތު ރާއްޖެއަށް ފެންވަރުގެ އެފަދަ ހިދުމަތްބޭނުން ވާކަން ވަރަށް ބޮޑަށް އިހުސާސް ކުރެވިގެން. ކަން ދިމާކުރި ގޮތުން މި ސެންޓަރު މިއަދު ހުޅުވިގެން މިދިއީ ތާރީހީ އިވެންޓަކާއެކު އަދި މިތަން ވާނީ ރާއްޖޭގެ ތާރީހުގައި މިފެންވަރަށް ތަރައްގީކޮށްފައިވާ ފުރަތަމަ ސެންޓަރަށް،" ޕެރެޑައިސްގެ ޖެނެރަލް މެނޭޖަރު، ގައިސަރު ނަސީމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 750 މުވައްޒަފުންނާނާއެކު ހަތަރު ތަރީގެ ހިދުމަތުގައި އޮތް މި ރިސޯޓްގެ ގާތްގަނޑަކަށް މެދަކަށްވާ ގޮތަށް ތަރައްގީކޮށްފައިވާ ދިނަށައަކީ އެއް ފަހަރާ 500 މީހުން ބައިވެރިވާ ކޮންފަރެންސްތަކަށް އެންމެ މަތީފެންވަރުގައި ކޭޓާ ކުރެވޭ ފުރިހަމަ ކޮންވެންޝަން ސެންޓަރެކެވެ. ގާތްގަނޑަކަށް 300 އާ ގާތްކުރާ އަދަދަކަށް ޓޫރިސްޓް ކޮޓަރި ތަރައްގީކޮށްފައިވާ މި ރިސޯޓްގައި މިހިދުމަތް ފައްކާ ކޮށްފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް މިފެންވަރުގައި މިކަން ތަރައްގީ ކުރަން ބޭނުންވެގެން ގާއިމު ކުރި ފެސިލިޓީއެއް މިއީ. ކުރިން ހުރި ބުރުނު ވެސް އަޅުގަނޑުމެން އިތުރަށް ފުރިހަމަކޮށްގެން ބޭނުން ކުރަމުން ގެންދާނަން، އެކަމަކު މިއީ އެންމެ ފަހުގެ ކޮންވެންޝަން ރިކްއާމަންޓްތަކަށް އެންމެމަތީ ފެންވަރުގައި ފައްކާކޮށްފައިވާ ތަނަކަށް ވެގެންދާނެ، މިއީ ތާރީހީ ފެށުމެއް އަދި ތާރީހީ ބަދަލެއް، ރާއްޖެއަށް ބޮޑު ކުރި އެރުމެއް،" މި ރިސޯޓްގެ ލޮބީގައި އިންނަވައިގެން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ފުވައްމުލަކަށް އުފަން ޒުވާން ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ. "ޕެރަޑައިސްގެ ކޮންފަރެސް ފެސިލިޓީޒް މިއަދުން ފެށިގެން ބަދަލުވެގެން މިދަނީ ބުރުނުން ދިނަށައަށް، މީގެ ފައިދާ ރާއްޖެއަށާއި ރާއްޖޭ ޓޫރިޒަމަށް ވަރަށް ބޮޑަށް ފަހިވެގެންދާނެ ހާއްސަކޮށް ރާއްޖޭގައި ފުޅާވެ ޖާގަ ހަދަމުން އަންނަ މައިސް ޓޫރިޒަމަށް،"

ގައިސަރު ވަނީ ޕެރަޑައިސްގެ ވައިގެ ތެރެއަށް އަމިއްލަ ފުޅަށް ފުރަތަމަ ފަަހަރަށް ޑްރޯންއެއް އުދުއްސަވާލައިވާ މަތިން "ދިނަށަ" ފެންނަ ގޮތް އަވަސްގެ ނޫސްވެރިންނަށް ދައްކަވާލައްވާފަ އެވެ. ގާތްގަނޑަކަށް ރިސޯޓްގެ މެދަށްވާ ގޮތަށް ތަރައްގީކޮށްފައިވާ ކޮންވެންޝަން ސެންޓަރު މަތީން ފެންނަނީ މައި ހޯލަކާއެކު ވަށައިގެން ކުދި ބްރޭކް އަވޭސް އަތުރާލާފައިވާ ހިތްގައިމު ފުރިހަމަ ތަނެއްގެ ގޮތުގަ އެވެ.

މައި ހޯލްގެ ވަށައިގެން ރައީސުންނާއި ވަޒީރުންނާއި އެ ފެންވަރުންގެ އިތްޒަތްތެރި ވެރިންނާއި ބޭފުޅުންނަށާއި އެހެން ވެސް މަތީ ފެންވަރުގެ ބޭފުޅުންނަށް ހާއްސަ ހަވާސާ ބައްދަލުވުންތަކަށް އަރިމަތިން ޖާގަ ލިބޭ ގޮތަށް ބްރޭކް އަވޭގެ ހަ ރޫމާއި ވޯޝް ރޫމްތަކާއި ރިސޯޓްގެ މެއިން ކިޗަން އާގުޅާލާފައިވާ ބެންކްއެންޓް ހޯލް އާއި އެނޫން ވެސް މުހިންމު ފެސިލިޓީސްތައް ރިސޯޓްގެ އެހެން ބައިބަޔާ ގުޅިފައިވާ ގޮތަށް މަތިން ދައްކާލާއިރު ވަރަށް ރީއްޗެވެ.

ވޯކްވޭ ތަކާކާއެކު މުޅި ކޮންވެންޝަން ސެންޓަރުގެ އާކިޓްކްޗަރަލް ޑިޒައިން ގެންގޮސްފައި ވަނީ 1970 އިގެ ތެރޭގައި ރާއްޖޭގެ ބައެއް މުހިންމު ބޭބޭފުޅުންގެ ޝާހީ ގޭގޭގެ ޖާލިތަކުގެ ޑިޒައިންތަކުގެ ތެރެއަށެވެ. އަދި މުޅި ތަން ފުރިހަމަ ކޮށްފައި ކޮންފަރެންސް ފެސިލިޓީޒްތަކުގައި މިވަގުތު ދުނިޔޭގައި ބޭނުން ކުރާ އެންމެ ފަހުގެ ރިކްއާމަންޓްސްތަކަށް ފެތޭ ގޮތަށެވެ. ހުރިހާ ކަމެއް ފައްކާކުރީ ބޭރުގެ ތަޖުރިބާކާރުންގެ ބެއްލެވުމުގެ ދަށުންނެވެ.

"ކޮންފަރެންސްތަކުގައި މިހާރު ބޭނުން ކުރާ ފެސިލިޓީޒްތަކާއި ޓެކްނޮލޮޖީއާއި ހިދުމަތުގެ ސިފަ މުޅީން ބަދަލުވެއްޖެ އެ ހުރިހާ ރިކްއާމަންޓްސްތަކަށް ކޭޓަ ކުރެވޭނެ މިހާރު ޕެރަޑައިސްގެ ދިނަށައިން، މިއީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ މަތީ ފެންވަރުގެ ކޮންފަރެންސް." ގައިސަރު ވިދާޅުވި އެވެ.

މިހާރު ބޭނުން ކުރާ ފެސިލިޓީޒްތަކާއި ޓެކްނޮލޮޖީއާއި ހިދުމަތުގެ ސިފަ މުޅީން ބަދަލުވެއްޖެ އެ ހުރިހާ ރިކްއާމަންޓްސްތަކަށް ކޭޓަ ކުރެވޭނެ މިހާރު ދިނަށައިން، މިއީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ މަތީ ފެންވަރުގެ ކޮންފަރެންސް،
ގައިސަރު ނަސީމް | ޖެނެރަލް މެނޭޖަރު

މިތާގެ ޕްލޭންތަކާއި ޑިޒައިންނާއި ޓެކްނޯލޮޖީ ފުރިހަމަކޮށް ފައްކާ ކުރުމުން ފެށިގެން ގޮސް އާކިޓެކްޗަރަލް ހުރިހާ ކަމެއް ބަލަހައްޓާފައި ވަނީ މިފަދަ މަސައްކަތުގައި ރަނގަޅު ރިކޯޑެއް އޮތް އިންޑޮނޭޝިއާގެ ތަޖުރިބާކާރުންނެވެ.

"އެމީހުން ބަލާފައި ވަނީ އެހާ ބޮޑަށް އޯވާ ނުވެ ލޮލަށް ވެސް ފަސޭހަ ވާނެ ރީތި އަދި ރާއްޖެއާ ވެސް ގުޅޭނެ ގޮތެއް. ވަކީން ހާއްސަކޮށް މި ރިސޯޓްގައި ހުރި އެހެން ފެސިލިޓީޒްތަކާ ގުޅިގެންދާނެ ގޮތަށް ބެލީ... ބޮޑަށް ސިފަކޮށްފައި އެވަނީ 1970 ގެ ތެރޭގައި މާލޭގެ ބައެއް ބޮޑެތި ބޭފުޅުންގެ ގޭގެ އިންޓީރިއާ ގެންގުޅެފައިވާ ކަހަލަ ލުއި ގޮތެއް އެކަމަކު މުޅިއަކުން އެހެނެއް ވެސް ނޫން، ދިއްލުންތައް ގެނެސްދީފައި އެވަނީމި ރަށާވެސް ގުޅޭ ގޮތަށް އަދި ހާއްސަ ތަނެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ ހެން، އެއްވެސް ދިމާއަކުން އޯވާއެއް ނުވާނެ،" މި ރިސޯޓްގެ ރިޒަވޭޝަން މެނޭޖަރު އަދި ދިނަށައިގެ މަސައްކަތުގައި ބައިވެރިވި 100 އަށްވުރެ ގިނަ މީހުންގެ ތެރޭގައި އިސްކޮށް ހިމެނި ވަޑައިގެންނެވި އިބްރާހިމް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި ޒަމާނީ ދިނަށައަކީ މިޒޯނުގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ކޭޓަ ކުރެވޭ ކޮންފަރެންސް ފެސިލިޓީޒްއަށްވެގެން ދިޔައިރު މިއީ ރާއްޖޭގެ ޓޫރިޒަމްގެ ތެރެއިން ބޮޑުވެގެން އަންނަ މައިސް ގްރޫޕަށް އޮތް ވަރަށް ބޮޑު ފުރުސަތަކަށް އަދި ތަރައްގީއަކަށް ވާނެ އެވެ. ވަކީން ހާއްސަކޮށް މިހާރު ބައިނަލް އަގުވާމީ ބޮޑެތި ކޮންފަރެންސްތަކަށް ރާއްޖެއިން ޖާގަ ހަދާއިރު އެކި ދިމަދިމާއިން ކުރިން އައި ދަތިތައް މުޅިން ނެތި، މިހާތަނަށް އޮތް ބޮލު ރިހުން ވެސް ކަނޑައިގެން ދާނެ އެވެ.

ގައިސަރު ވިދާޅުވި ގޮތުގައި ފުރިހަމަ ކޮންވެންޝަން ފެސިލިޓީޒްއެއް މި ރިސޯޓްގެ "ހިތަށް" ވާ ގޮތަށް ގެނެސްފަރުމާ ކުރުމުގެ ހިޔާލު އައީ ވެސް ބައިނަލްއަގުވާމީ މަތީފެންވަރުގެ ކޮންފަރެންސްތަކާއި ސަމިޓްތައް ރާއްޖެއަށް މިސްރާބު ޖެހުމުގައި ހުރި އުނދަގޫތައް ފިލުވާލައި މައިސް ޓޫރިޒަމަށް އޮތް ޑިމާންޑަށް ވެސް ބަލައިގެނެވެ.

"މި ހިޔާލު އުފަންވެ މަސައްކަތުގެ ތެރޭގައި ދަނިކޮށް މިއަދު މި ފެށި ޑަބްލިޔޫއެޗްއޯގެ ބޮޑު ކޮންފަރެންސް އިނީސިއޭޓްވީ، އޭގެ ސަބަބުން ސްޕީޑް އަވަސްވި،" ގައިސަރު ވިދާޅުވި އެވެ "މައިސް ޓޫރިޒަމަށް ވަރަށް ޑިމާންޑް ބޮޑު އޭޝިއާގައި. ހާއްސަކޮށް އަޅުގަނޑުމެނަށް ފުރުސަތުތައް ލިބޭ އަޅގަނޑުމަނަށް އެޕްރޯޗް ކުރަނީ. މައިސް ގްރޫޕަށް ވަރަށް ބޮޑު ޑިމާންޑެއް މި ކްރިއޭޓްވެގެން އައީ. އަޅުގަނޑުމެންގެ މި ފެސިލިޓީޒާއެކު އޭގެ ޑިމާންޑް އަނެއްކާ ވެސް ވަރަށް މައްޗަށް މިގެންދެވެނީ،"

އެއްފަހަރާ ގިނަ އަދަދެއްގެ ޓްރާންސްފާ އުޅަނދުގެ އެއްވެސް ދައްޗަކާއި ނުލައި އަދި މޫސުމީ އެއްވެސް މައްސަލައެއް ދިމާނުވާ ގޮތަށް ލާފާ ފުރުމާއި އަޅާފައި ބޭއްވުމުގެ ފުރިހަމަ އިންތިޒާމެއް އޮތް މި ރިސޯޓްގައި ގާއިމުވެފައި ވެއެވެ. އެއާއެކު ފުރިހަމަ ކޮންވެންޝަން ފެސިލިޓީޒްއާއެކު މާލޭގައި މިހާރު ބާއްވާ ބޮޑެތި ވެޑިންތަކާއި ބޮޑެތި ހަފުލާތަކަށްވެސް މި ރިސޯޓުން ޖާގަ ހުޅުވުނީ އެވެ.

"އެއީ އެއް ބޭނުން، މިހާރު ނެތެއް ނޫންތޯ އެ ފުރުސަތެއް، ޖާގައެއް ނުވެސް ލިބޭ ނޫންތޯ މާލެއަކުން އެހެންވީމާ ވިއްސަކަށް މިނެޓުން މާލެއިން ޕެރެޑައިސް އަށް އައިސް އެހިދުމަތް ފުރިހަމައަށް ލިބިގަނެވޭނެ އިންތިޒާމެއް މަތީ ފެންވަރުގައި ހަމަޖެހިގެން މިއައީ،" ގައިސަރު ވިދާޅުވި އެވެ. "ދިނަށައަކީ އެންމެނަށް ވެސް ވަރަށް ބޮޑު ފަސޭހައެއް."

މި ރިިސޯޓްގެ ކޮންވެންޝަން ފެސިލިޓީޒް ބުރުނުން ދިނަށައަށް ބަދަލުވެން ދިއުމަކީ ތާރީހީ ބަދަލެކެވެ. ހިދުމަތް ބަދަލުވީ ރީތި ދިނަށަ އަށެވެ.