ހަބަރު

މިހާރު ކުރާ މުޒާހަރާތަކުގެ ޒިންމާ ނަގާނެ ފަރާތެއް ނުވި: ފުލުހުން

އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ހިންގާ ހަރަކާތްތަކުގެ ޒިންމާ ނަގާނެ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ހަރަކާތްތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އިސްމާއީލް ނަވީން ވިދާޅުވީ، މިހާރު ކުރާ މުޒާހަރާތަކާ ގުޅިގެން ބޮޑެތި ސިޔާސީ ޕާޓީތަކާ ފުލުހުން ބައްދަލު ކުރި ކަމަށެވެ. ނަމަވެސް އެ ހަރަކާތްތަކަކީ އެ ޕާޓީތަކުން ރާވައިގެން ހިންގާ ކަންތައްތައް ކަމަށް، އެތަނުން ޕާޓީއަކުން އެއްބަސް ނުވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޕާޓީތަކުން ބުނެފައި ވަނީ އެ ހަރަކާތުގައި އެ ޕާޓީގެ އިސްބައެއް ބޭފުޅުން ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވެސް ނަވީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްބައި ޕާޓީތަކުން އެއްވުމުގައި ބައިވެރިވާ ކަމަށް އެއްބެސް ވިޔަސް އެކަމަކީ އެ މީހުން އިންތިޒާމް ކުރާ ކަމެއްކަން ބުނަން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަވީން ވިދާޅުވި ގޮތުގައި އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން އެއްވުން އިންތިޒާމް ކުރާ ފަރާތެއް ހުންނަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ހިންގާ ހަރަކާތްތަކުގެ އެކަމުގެ ޒިންމާ ނަގާނެއް ފަރާތެއް ނެތުމުން، އެ އެއްވުން ކުރިއަށް ދަނީ ގާނޫނާ އެއްގޮތަށް ކަމަށް ބުނެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ގާނޫނުގައި މި އޮންނަނީ އެއްވުމެއް ވެއްޖިއްޔާ އިންތިޒާމް ކުރާ ފަރާތެއް ހުންނަން ވާނޭ، އޭގެ ޒިންމާ ނަގާނެ ފަރާތެއް ހުންނަން ވާނޭ. އެކަމަކު އެހެނެއް ނޫން މިވަނީކީ. އެހެން ވީމާ މިއީ ގާނޫނުގެ ތެރެއިން ކުރެވޭ ކަންކަމެއް ނޫން،" ނަވީން ވިދާޅުވި އެވެ. "ފުރަތަމަ އަޅުގަނޑުމެން ވާހަކަ ދައްކައިގެން އެކަން ހައްލު ކުރަން މަސައްކަތް ކުރާނީ. އެއަށް ފަހު އަޅުގަނޑުމެން އެކަމާ މެދު ފިޔަވަޅު އަޅާނީ،"

އޭނާ ވިދާޅުވީ އެފަދަ އެއްވުންތަކުގައި ފުލުހުންނާ ކުރިމަތިލާނެ ފަދަ ބަސްތައް ބައެއް ފަރާތްތަކުން ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަމަކީ ފުރުސަތު ދެވޭނެ ކަމެއް ނޫން ކަމަށް ވެސް ނަވީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މަގުތައް އެންމެ ބިޒީވާ ވަގުތުތަކުގައި މަގުތައް ބަންދުވާ ގޮތަށް މުޒާހަރާ ކުރާ ނަމަ، ފުލުހުން އެކަން ހުއްޓުވާނެ ކަމަށެވެ. އަދި މާލޭގެ ބޮޑެތި މަގުތައް ބްލޮކްވާ ގޮތަށް މުޒާހަރާ ކުރަން ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ 11:00 ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ކުރާ ނަމަ ހުއްޓުވާނެ ކަމަށެވެ. ނަމަވެސް އާންމުންނަށް އުނދަގޫ ނުވާގޮތަށް 12:00 ވަންދެން މުޒާހަރާ ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މުޒާހަރާ ކުރާ ނަމަ އެކަން ނުހުއްޓުވާނެ ކަމަށް ނަވީން ވިދާޅުވި އެވެ.

"އެއްބަޔެއްގެ ޝަކުވާއެއް ނޫން އަޅުގަނޑުމެންނަށް އަންނަނީ. އެނގިވަޑައިގަންނަވާނެ އެކަމުން އާންމު ރައްޔިތުންނަށް ވެސް އުނދަގޫވާނެކަން. މަގުތައް ބްލޮކްކޮށް ހެދީމާ އޭގެ ސަބަބުން ބޮޑު ޝަކުވާއެއް އެބަ އޮވޭ އާންމުންގެ. އެއީ އަޅުގަނޑުމެން އެޑްރެސް ކުރަން ޖެހޭ މައްސަލައެއް،" ނަވީން ވިދާޅުވި އެވެ.