ހަބަރު

ގާސިމް ގޭ ބަންދަށް ބަދަލުކުރަން ހުއްދަ ދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަން ސާވިސް މިރޭ އާއިލާއަށް ހުއްދަ ދީފި އެވެ. ގާސިމް މިހާރު އޮންނެވީ ކަރެކްޝަންގެ ހަވާލުގެ ދަށުގައި އައިޖީއެމްއެޗްގަ އެވެ.

ޖުމްހޫރީ ޕާޓީގެ އެސްޖީ އަހުމަދު ސަމީރު އަވަސްއަށް ވިދާޅުވީ، ގާސިމްގެ ބަލި ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގޭ ބަންދުގައި ހުކުމް ތަންފީޒުކުރުމުގެ ހުއްދަ މިރޭ ކަރެކްޝަން ސާވިސްއިން ދީފައިވާ ކަމަށެވެ. އެކަމުގެ ލިޔުން ހަވާލުކުރީ މިރޭ 11:23 ގަ ކަމަށެވެ.

ސަމީރު ވިދާޅުވީ، އެ ހުއްދަ ކަރެކްޝަން ސާވިސްއިން ދީފައިވީ ނަމަވެސް އަދިވެސް އެމަނިކުފާނު އޮންނަވާނީ އައިޖީއެމްއެޗްގަ ކަމަށެވެ. އެމަނިކުފާނު ހާލުކޮޅު ހުންނެވި ގޮތުން ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި އަދިވެސް ބާއްވަން ޖެހޭ ކަމަށެވެ.

ކެރެކްޝަން ސާވިސްއިން ދީފައިވާ ހުއްދައާއެކު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެމަނިކުފާނު އޮންނެވި ކޮޓަރީގެ ސެކިއުރިޓީ ވެސް ލުއިކޮށްފައިވާ ކަމަށެވެ. އެގޮތުން މީގެކުރިން ކޮޓަރީގެ އެތެރޭގައި ކަރެކްޝަން ސާވިސްގެ އޮފިސަރުން ތިބޭ ކަމަށާއި ކޮޓަރީގެ އެތެރޭގައި މަޑުކުރެވެނީ އާއިލާގެ އެކަކަށް ކަމަށެވެ. ނަމަވެސް މިހާރު އާއިލާއަށް އެމަނިކުފާނަށް ބަދަލުކުރެވޭ ކަމަށާއި ކަރެކްޝަންގެ އޮފިސަރުން ވެސް ތިބެނީ ކޮޓަރިން ބޭރުގައި ކަމަށް ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، މިހާރު ގާސިމަށް ފޯނު ބޭނުންކުރުމުގެ ހުއްދަ ވެސް ލިބިފައިވާ ކަމަށެވެ. މި ހުއްދަ ލިބިފައިވަނީ ސަރުކާރާއެކު ހެދި ޑީލަކުން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަމީރު ވަނީ ދޮގު ކުރައްވާފަ އެވެ. ސަމީރު ވިދާޅުވީ، ސަރުކާރާއެކު ޑީލްއަކަށް ޖުމްހޫރީ ޕާޓީ ނުވަތަ ގާސިމް އިބްރާހިމް ދާންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ގާސިމްގެ ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން އެމަނިކުފާނު ބޭރަށް ގެންގޮސް ފަރުވާ ދޭންޖެހޭ ކަމަށާއި ނަމަވެސް އަދިވެސް އެމަނިކުފާނު ބޭރަށް ފޮނުވާނެ ދުވަހެއް ކަރެކްޝަން ސާވިސް ބުނެފައިނުވާ ކަމަށް ސަމީރު ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކަރެކްޝަން ސާވިސްއިން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ގާސިމް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމްގައި، ގާސިމް ބޭރަށް ގެންގޮސް ފަރުވާދިނުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ އަމުރު މިހާރު ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.