ހަބަރު

"ދަސްވާރު" ޕްރޮގްރާމްގެ ދަރިވަރުންނަށް ތަޖުރިބާ ހޯދައިދޭން އެމްޓީސީސީއާއެކު އެއްބަސްވެއްޖެ

Apr 20, 2015

"ދަސްވާރު" ޕްރޮގްރާމްގެ ދަރިވަރުންނަށް މަސައްކަތު ތަޖުރިބާ ހޯދައި ދިނުމަށް އެމްޓީސީސީއާއެކު މިއަދު އެއްބަސްވެއްޖެ އެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަނުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. އެމްޓީސީސީން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބުދުއްރައްޒާގް އަލީ އެވެ.

މިނިސްޓަރު އައިޝަތު ޝިހާމް މިއަދު ވިދާޅުވީ އެއްބަސްވުމުގެ ދަށުން އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވާ 20 ކުއްޖަކަށް އެމްޓީސީގެ ފަރާތުން މަސައްކަތުގެ ހުނަރު ދަސްކުރަން ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަނާ އަދި ވިދާޅުވީ ދަސްވާރު ޕްރޮގްރާމްގައި މިހާތަނަށް 181 ކުއްޖަކު ބައިވެރިވެ ރަނގަޅު ކާމިޔާބު ހޯދާފައިވާ ކަމަށެވެ.

ސީއީއޯ އަބްދުއްރައްޒާގް ވިދާޅުވީ މިއަދުވި އެއްބަސްވުމުގެ ދަށުން އެކުންފުނީގެ އެކި ދާއިރާތަކުން ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކުދިން ޝައުގުވެރިވާ ދާއިރާތަކުން އަޅުގަނޑުމެން މިނިސްޓްރީއާއި ޓިވެޓް އޮތޯރިޓީއާ ގުޅިގެން އެކުދިންނަށް ކުރިއަށްދެވޭނެ ސެކްޓާތަކަކީ ކޮބައިތޯބަލައި އެ ސެކްޓާތަކަށް އަޅުގަނޑުމެން ފޯކަސްކޮށެގެން ރަނގަޅަށް މޮނީޓާ ކުރެވިގެން  މި ޕްރޮގްރާމް ހިންގިގެންދާނީ،" އަބްދުއްރައްޒާގް ވިދާޅުވިއެވެ.

އޭނާ އަދި ވިދާޅުވީ އެކުންފުނީގައި މިހާރުވެސް 400 އެއްހާ ކުދިންނަށް ވަޒީފާގެ ފުރުސަތު އެބައޮތްކަމަށެވެ.

މިއަހަރު 234 ދަރިވަރަކު ދަސްވާރު ޕްރޮގްރާމްގައި އަތޮޅުތަކާއި މާލޭން ބައިވެރިވެފައި ވެއެވެ.