އަބްދުﷲ މަސީހު މުހައްމަދު

އީދަކީ ހިތްހެޔޮ ކުރަން ލިބޭ ފިލާވަޅެއް: މަސީހު

އަޟްހާ އީދަކީ ކެތްތެރިކަމާއި އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމާއި އޯގާތެރިވުމުގެ ފިލާވަޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަޟްހާ އީދުގެ ތަހުނިޔާ ފޮނުވަމުން މަސީހު މިއަދު ވިދާޅުވީ އީދަކީ ދިވެހި މުޖުތަމައުގެ މެދުގައި އިސްލާމީ އުހުވަތްތެރިކަމުގެ ގުޅުން އާކޮށް އާލާ ކުރުމުގެ އިތުރު ރޫހާއި ޝުއޫރު އުފައްދާ ދުވަހެއް ކަމަށާއި އޭގެ އިތުރުން އުފާވެރިކަމާއި ހިނިތުންވުން ގާއިމް ކުރުމަށް ލިބޭ ހުޅުވިފައިވާ އިޖްތިމާއީ ފުރުސަތެއް ކަމަށެވެ.

މަސީހު ވިދާޅުވީ މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ރަމްޒުކޮށްދޭ މި އީދަކީ އަގުހުރި ދަރުސްތަކެއް ހަނދާންކޮށްދޭ އީދެއް ކަމަށާއި ކެތްތެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި ހިތްހެޔޮ ކުރުމާއި އޯގާތެރިވުމުގެ ފިލާވަޅެއް މި އީދުން ލިބިދޭ ކަމަށެވެ.

މަސީހު ވަނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި އެންމެހާ ދިވެހިންނަށް އީދުގެ ހެޔޮ ތަހުނިޔާ ވިދާޅުވެފަ އެވެ.