ލައިފްސްޓައިލް

މާފުށީ އެކުވެރިކަމުގެ އީދު ސައިގައި އަހަރެން!

Sep 2, 2017

އީދު ނަމާދަށް ދާން ނުކުތެ ހިނގައިގަތީމެވެ. މިއަދު ލައިގެން މި ހުރީ އީދަށް ގަތް އާ ގަމީހަކާއި އާ ފަޓުލޫނެކެވެ. އެހެންވެ އާ ގަމީސް ތިރިއަށް ދަމަމުން، ފަޅުލޫނުގެ ބެލްޓު ބާރު ކުރަމުން މޫނުގައި އަތް ކާތަމުން ބެހެއްޓީ އީދުގެ ޖަމާއަތަށެވެ. ކުއްލި އަކަށް ލޮލުގައި އަޅައިގަތީ ގިނަ އަދަދެއްގެ އަންހުން ތަކެއް ތަބަކަށް އެއްޗިހި ތަކެއް އަޅައިންދާ ތަނެވެ. މަގުގެ އަނެއް ކޮޅު ބަލައިލި ތަނާ މަގުގެ ބޮޑު ބައެއްގައި އަޅާފައިވާ ނޫ ސަތަރިއެއް ފެނިއްޖެ އެވެ. އެ ސަތަރި ތަރުތީބުކޮށް، ރޫ ފިލުވައި ސަތަރި މަތީގައި ހުރި ވެލި ކަހަން ފިހި ގަނޑެއް ހިފައިގެން ދެ މީހަކު ހޭބޯނާރާ އުޅެ އެވެ. މިއީ މި ރަށުގައި މި އަހަރު އީދުގެ ބޮޑު ޖަމާއަތް އޮތް ތަނެވެ. އަހަރެން މިހާރު މިހުރީ އީދުގެ ބޮޑު ޖަމާއަތުގަ އެވެ.

މި ރަށު ބޮޑު މަގުގައި ހުންނަ މިސްކިތުގައި ކުރާ އީދުގެ ބޮޑު ޖަމާއަތަށް މީހުން ޖަމާވަނީ އެވެ. ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް މި ރަށުގެ މީހުންގެ އަތްމަތި ތަނަވަހެވެ. އެހެންވެ ގިނަ މީހުން ވައްޓާލާފައި ތިބީ ވެސް ނިސްބަތުން ސަޅި ހެދުމެވެ. މީހުން ގިނަވެ، ބައިބޯވާ ވަރަކަށް ސެންޓުގެ މީރު ވަހުން ޖައްވު އެއްވަސް ވަމުން ދިޔަ އެވެ. ހަމައެއާއެކު ސެންޓުގެ ވަހަށް އަންނަ މެހީ ގެ ދުއްތުރާވެސް ދިޔައީ ބޮޑުވަމުންނެވެ.

އީދު ނަމާދު ފެށިއްޖެ އެވެ. މި ރަށުގެ އާބާދީއާ ރަށުން ބޭރުން މި އަހަރު އަރައި ތިބި މެހުމާނުންނާއި އަޅާބަލާއިރު، އީދުގެ ބޮޑު ޖަމާއަތުގައި މީހުން ގިނައެކޭ ވެސް ނުބުނެވޭނެ އެވެ. އެކަމަކު މަދެކޭ ވެސް ބުނެވޭކަށް ނެތެވެ. އީދު ނަމާދު ނިމުމުން އަވަސް، އަވަހަށް ފައިވާން ހޯދާލައިގެން ހިނގަތުމާއެކު ކައިރީގައި ހުރި މީހަކު ގޮވައިލި އެވެ.

"ހިނގާ ސައިބޯން ދާން!.. ސްކޫލަށް ހިނގާ!" ހިތަށް އެރި އެވެ. މި އޮތީ ލައްވާލާފަ އެވެ. އީދު ސައިގައި ޖެހުނީ އެވެ.

އީދު ނަމާދަށްފަހު، ގިނަ ރަށްރަށުގައި ބާއްވާ "އީދު ސައި" މި ރަށުގައި ވެސް އޮނަނީތާ އެވެ. ހެނދުނު ސައި މި ލިބުނީ އެވެ. އެހެންވެ، އެހެން މީހުން ފަހަތުން ހިނގަން ފަށައިފީމެވެ. ހިނގަމުން ގޮސް ވަނީ ސްކޫލަށެވެ. ސްކޫލަށް ވަދެ ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. މިއީވާ ސައެކެވެ. މި ހިސާބުން އެއްޗެއް ވިސްނިއްޖެ އެވެ. އީދު ނަމާދަށް އައިއިރު ތަބައް ތަކެއް ހިފައިގެން އަންހެންވެރިން އެ އުފުލީ މި ތަކެތިތާ އެވެ.

ތައްޓަށް ކޮންމެ ބާވަތަކުން އެއްޗެއް ލައިގެން، ބަލައިލިއިރު ހިނގައި ގަނެވޭކަށް ނެތެވެ. ތަށި ހީވަނީ ޖަހާފައި ހުރި ގާފުންޏެއް ހެންނެވެ. އެހެންވެ ތަށި މަތީގައި އަތް އަޅައިގެން މީހެއްގެ ގައިގައި ނުޖެހި ދާން އުޅެނިކޮށް ކުޑަ ސޮރެއްގެ ގައިގައި ޖެހި ތަށިން ބައެއް ބިން މައްޗަށް ފައިބައިގެންފި އެވެ.

ބިންމަތި ބަލައިލީއިރު، މިއީ އަދި އަހަރެން އެކަނި ވެގެން އުޅޭ ގޮތެއް ނޫންކަން ޔަގީން ވެއްޖެ އެވެ. ބިންމަތީގައި ކޮންމެމެވެސް ވަރަކަށް ގުޅަ އާއި ބަޖިޔާ ދުވެއެވެ. އެހެންވެ މިހާލު އެހެން މީހުން ވެސް ޖެހިއްޖެކަން އެނގުމުން ހިތްހަމަ ޖައްސާލައިގެން ދިޔައީ އެވެ.

ތަށި ފުރައި އަޅައިގެން ދިޔަ ހެދިކާގެ ކައިގެން ގޮސް ފެން ތައްޓެއް ބޯން ހިތަށް އަރައި މޭޒު ކައިރިއަށް ޖެހިލީމެވެ. އެތަނުގައި ހުރީ ހަމައެކަނި ފެން އެކަންޏެއް ނޫނެވެ. ފިނި ކުރި ކޮފީ އިން ފެށިގެން ކިރު ސައި ވެސް ހުއްޓެވެ. އެހެންވެ ކޮފީ ތައްޓެއް ބޮއިލައިގެން ދިޔައީ އެވެ. އަހަރެން ހުންނަ ގެސްޓްހައުސް އަށް ގޮސް ގަޑި ބަލައިލިއިރު، ހެނދުނު އަށްގަޑި ބައިވެއްޖެ އެވެ.

އީދަށް ރަށްރަށް ގޮސް އުޅޭއިރު ޒާތުގެ ކަންތައް ހިނގާނެ އެވެ. މީގައި އެންމެ ރަނގަޅު އެއް މަންޒަރަކީ މިފަދަ މުނާސަބަތުތަކުން ފެންނަ އެކުވެރިކަމެވެ. މާފުށީ އީދު ސައިން ވެސް ފެނުނީ ހަމަ މި މަންޒަރެވެ.