ހަބަރު

ސަލާމަތީ ކަންތައްތައް ފުރިހަމަ ނުވާތީ ހުއްޓުވީ 19 އުޅަނދު

މި ބޮޑު އީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމަށް ސިފައިން ފެށި ހަރަކާތުގައި 19 އުޅަނދެއް ހުއްޓުވައި ކެޕްޓަނުންނަށް ނަސޭހަތްދީފައިވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ފެށި ހަރަކާތުގައި މިހައިތަނަށް 92 އުޅަނދެއް ބަލައި ފާސްކޮށްފައިވާއިރު ފާސްކުރި އުޅަނދުތަކުގެ ތެރެއިން 63 އުޅަނދެއްގައި، ސަލާމަތީގޮތުން ހުންނަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅިފައިހުރި ކަމަށެވެ.

ކަނޑު އުޅަނދުތައް ބަލައި ފާސްކުރި އިރު ސިފައިން ބެލީ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯ އާއި ކެޕްޓަނުންގެ އަތުގައި ލައިސަންސް އޮތްތޯ އާއި މެރިން ވީއެޗްއެފް ސެޓް ރަނގަޅުތޯ އެވެ. އަދި އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ އާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެހެން ބައެއް ފިޔަވަޅުތައް އަޅާފައިވޭތޯ ވެސް ބެލި އެވެ.

އެމްއެންޑީއެފުން ބުނީ އީދު ޗުއްޓީ ނިމިގެން މީހުން މާލެއަށް ދަތުރުކުރާ އިރު ވެސް އުޅަނދުތައް ބަލައި ފާސްކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަަަމަށެވެ.