މިއަންމާ

ރާއްޖެ މިޔަންމާއާ ވިޔަފާރީގެ ގުޅުން ކަނޑާލައިފި

Sep 3, 2017
5

ރާއްޖެއިން މިޔަންމާއާއެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތައް ކަނޑާލަން ނިންމައި އެކަން ދިވެހި ސަރުކާރުން ނިމުމަކަށް މިއަދު ގެނެސްފި އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބަޔާނެއް ނެރެ ބުނެފައިވަނީ މިޔަންމާގެ ރޮހިންޔާ މުސްލިމް ދަރިކޮޅާމެދު ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ދިވެ ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިޔަންމާގައި ސިލްސިލާކޮށް ހިންގަމުންދާ ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުން ރޮހިންޔާ ދަރިކޮޅުގެ އެތައް މުސްލިމަކު މަރުވެ އަދި އެތައް ހާސް ބަޔަކު އެހެން ސަރަހައްދުތަކަށް ބަދަލުވާން ޖެހުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ފަހަކަށް އައިސް މިއަންމާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގައި ރޮހިންޔާ ދަރިކޮޅުގެ އެތައް މުސްލިމުންނެއް މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ އެކަމާ ރާއްޖެއިން އިންތިހާއަށް ހިތާމަކުރާ ކަމަށާއި މިޔަންމާގައި ހިނގަމުންދާ ލޭ އޮހޮރުންތައް ހުއްޓައިލަން ބައިނަލްއަގްވާމީ މުޖުތަމައުއިން އަވަސް އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ބަލަން ވެސް ރާއްޖެއިން އދ.ގެ ސެކްރެޓަރީ ޖެނެރަލަށާއި އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެއިން މިއަދު ވަނީ ގޮވާލާފަ އެވެ.

އަދި ބުނީ މިޔަންމާ ސަރުކާރާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑައިލަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓާލުމާ ހަމައަށް ކަމަށެވެ.