ވިޔަފާރި

ޗައިނާގެ 1000 ޓޫރިސްޓުންނާއެކު ވީޗެޓަށް ރާއްޖޭގެ ނަން!

  • ވީޗެޓުގައި ފުޅާކޮށް ވިޔަފާރި ކުރާ ކުންފުންޏެއް
  • ހާހެއްހާ މުވައްޒަފުންނަށް ޗުއްޓީއެއް ދިނީ ރާއްޖޭގައި
  • ރާއްޖެއަށް މީގެ ކުރިން ވެސް ޒިޔާރަތް ކޮށްފައިވޭ

"ވީޗެޓު" އަކީ ޗައިނާ މީހުންގެ އެންމެ ގިނައިން ބޭނުންކުރާ ސޯޝަލް މީޑިޔާ ޕްލެޓު ފޯމެވެ. މިއަދު ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވަނީ ވީޗެޓުގައި އެންމެ ފުޅާކޮށް ވިޔަފާރިކުރާ ކުންފުނި ކަމަށްވާ ފުއައިބައޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަން ކުންފުނީގެ 1،000 މުވައްޒަފުންނެވެ. މިކަމުގައި ހަރަކާތެރިވި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބިގެން ދިޔަ ބޮޑު އިޝްތިހާރެކެވެ. މިކަމުގެ ސަބަބުން ވީޗެޓުގައި ރާއްޖޭނެ ނަން ވިދާލައިފި އެވެ.

"މިއީ ވަރަށް ބޮޑު އިޝްތިހާރަކަށްވާނެ. މީގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ރާއްޖޭގެ ޓޫރިޒަމަށް،" ފުއައިބައޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަންގެ މުވައްޒަފުން ރާއްޖެ ގެނައުމުގައި ހަރަކާތްތެރިވި ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މި ކުންފުނީގެ މުވައްޒަފުން ރާއްޖެއަށް ކުރި ދަތުރު ވީޗެޓުން ކަވަރު ކޮށްފައިވާ ކަމަށެވެ.

ވީޗެޓުގައި ފުޅާދާއިރާގައި ވިޔަފާރި ކުރާ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ފުއައިބައޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މި ކުންފުނިން ދުނިޔޭގެ އެކި ގައުމުތަކަށް ސިލްސިލާކޮށް ކުރަމުން ގެންދާ ދަތުުރުތަކުގެ ތެރެއިން މީގެ ކުރިން ވެސް ރާއްޖެ އަށް އައިސްފައިވެ އެވެ. މި ކުންފުނީގެ މުވައްޒަފުން ތިބޭނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ލަކްސް މޯލްޑިވްސްގަ އެވެ.

ޗައިނާ އިން ޗާޓަރު ދެ ފްލައިޓާއި ރާއްޖެއަށް ދަތުރުތައް ބާއްވާ ބޮޑު އެއްއާލައިނެއްގައި އައިސްފައިވާ މީހުންގެ ތެރޭގައި އެ ކުންފުނީގެ ޗެއާމަން ސިއާ / ބައޯޕިން އާއި ފައުންޑާ އަދި ސީއީއޯ މިސް ފޫ/ ޔުންމިން ހިމެނިވަޑައިގަނެ އެވެ. މި ކުންފުންޏަކީ ޗައިނާގައި މަޝްހޫރު އަދި ސޯޝަލް މީޑިޔާގައި ވިޔަފާރި ކުރާ ބޮޑު ކުންފުންޏެކެވެ.

ޗައިނާއަކީ ރާއްޖެ އަަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. އެ ގައުމުން މި އަހަރުގެ ނިޔަލަށް 141،495 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ.