ވިޔަފާރި

މަސްވެރިކަން އިސްތިހާރު ކުރަން ތިން ކުންފުނި ފެއާއަކަށް

ޗައިނާގެ ހޮންގް ކޮންގްގައި ކުރިއަށްދާ "ސީ ފުޑް އެކްސްޕޯ އޭޝިއާގައި" ފިޝަރީޒް ޕްރޮމޯޝަން ބޯޑާއެކު ރާއްޖޭގެ ތިން ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ފިޝަރީޒް ޕްރޮމޯޝަން ބޯޑުން ބުނީ ސީފުޑް އެކްސްޕޯގައި ރާއްޖެ ތަމްސީލް ކުރުމަށް ބައިވެރިވަނީ އެންސިސް ފިޝަރީޒް އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އިތުރުން ސީޕްރިއާ ކަމަށެވެ.

ފިޝަރީޒް ޕްރޮމޯޝަން ބޯޑުން ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސީފުޑް އެކްސްޕޯގައި ސަރުކާރުގެ މަސް ކުންފުންޏާއި އެންސިސް ފިޝަރީޒް ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ މައުލޫމާތު ދިނުމަށް ހާއްސަ ސެމިނާއެއް ބާއްވާނެ ކަމަށެވެ.

ސީފުޑް އެކްސްޕޯއަކީ އޭޝިޔާގައި މަސްވެރިކަމުގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު ފެއާ އެވެ. މި ފެއާގައި ދުނިޔޭގެ އެކި ގައުމުތަކުން ކުންފުނިތައް ބައިވެރިވެ އެވެ.