ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި މަޖިލީހަށް އެންމެ މަދުން ހާޒިރުވީ މެންބަރުންގެ ތެރެއިން ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އާއި މީދު ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ހިމެނިއްޖެ އެވެ. އެ ދެ މެންބަރުން ވެސް މިދިޔަ ދައުރުގައި މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވީ އެންމެ ދުވަހަކު އެވެ.
މަސްރަހު ހަލަބޮލިވެ، 11 ޖަލްސާ ބޭއްވުނު މިދިޔަ ދައުރު ތެރޭގައި ފައިސަލް 10 ދުވަހު މަޖިލީހަށް ވަޑައިނުގަންނަވާ އިރު ސިޔާމް ފުރަތަމަ ހަ ދުވަހުގެ ޗުއްޓީ ނެންގެވުމަށް ފަހު ހަތަރު ދުވަހު މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވަ އެވެ. މީގެ ކުރީގެ ދައުރުތަކުގައި ވެސް މަޖިލީހުގެ ހާޒިރީ އެންމެ ފުލަށް ދާ މެންބަރުންގެ ތެރޭގައި ސިޔާމް ހިމެނި ވަޑައިގަންނަވަ އެވެ.
މަޖިލީހުގެ ޖަލްސާތައް މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަ ކުރިޔަށް ގެންގޮސްފައިވާ އިރު 36 މެންބަރުން ހުރިހާ ޖަލްސާއަކަށް ހާޒިރުވި އެވެ. އަދި އަށް މެންބަރަކު އެއް ޖަލްސާއަށް ފިޔަވާ ދެން ހުރި ހުރިހާ ޖަލްސާތަކަށް ވަޑައިގެންނެވި އެވެ.
މިދިޔަ ދައުރުގެ ތެރޭގައި މެންބަރުން ރޯދަ މަހަށް ނުރަސްމީ ޗުއްޓީއަކަށް ގޮސްފައިވާ އިރު މިނިވަން ދުވަހުގެ މުނާސަބަތުގައި ވެސް ގިނަ ދުވަސްތަކެއް ބަންދުކޮށްފައި ހުއްޓެވެ. އޭގެ އިތުރުން މަޖިލީހުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ވެސް ގިނަ ދުވަސްތަކެއް ބަންދުކޮށްފައި ހުއްޓެވެ. އަދި ވަކި ސަބަބެއް ބަޔާން ނުކޮށް ވެސް މަޖިލީސް ކުރިޔަށް ނުގެންދާ ދުވަސްތަކެއް ދިޔަ އެވެ.
މަޖިލީހުގެ ފަހު ހަތަރު ޖަލްސާ ވެސް ކުރިޔަށް ގެންދިޔައީ އިދިކޮޅު ފަރާތްތަކުން ހަޅުތާލު ކުރަމުން ދަނިކޮށް ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ އެހީގަ އެވެ.