އައިޝަތު ބިޝާމް

ބިޝާމްގެ މައްސަލައެއް އޭސީސީއަށް

މިހާރުގެ ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް، ބަންޑާރަ ނައިބު އޮފީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު މަގާމުގެ ނާޖައިޒު ފައިދާ ހޯދާފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ. އޭސީސީއަށް މި މައްސަލަ ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ.

މެންބަރު މަހުލޫފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ބިޝާމް ވަނީ ބަންޑާރަ ނައިބު އޮފީހުގެ އިސް މަގާމުތަކެއް 2004 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އަދާކުރައްވާފަ ކަމަށެވެ. އެ މުއްދަތު ތެރޭގައި ދިވެހި ސަރުކާރުގެ ހަރަދުގައި އެ އޮފީހުގެ ފަރާތުން މާސްޓާސް ޑިގްރީއަށް ކިޔަވާ ވިދާޅުވުމުގެ ފުރުސަތު ބިޝާމަށް ދެއްވާފައިވާ ކަމަށެވެ. -- އެކަމަނާ އަކީ ކުރިން ބަންޑާރަ ނައިބުގެ މަގާމު ވެސް ފުރުއްވެވި ބޭފުޅެކެވެ.

ކިޔަވާ ވިދާޅުވުމުގެ އެ ފުރުސަތުގައި 2010 ވަނަ އަހަރުގެ ކުރީކޮޅު މުސާރަ ލިބިވަޑައިގަންނަވާ ޗުއްޓީއެއްގެ ދަށުން ބިޝާމް ނިއުޒިލެންޑަށް ވަޑައިގެންނެވި ކަމަށް އެ މައްސަލާގައިވެ އެވެ. އަދި، ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށްވާއިރު ބަންޑާރަ ނައިބު އޮފީހާއި ބިޝާމްއާ ދެމެދު ބޮންޑް އެގްރިމެންޓެއްގައި ސޮއިކޮށްފައިވެސްވާ ކަމަށެވެ.

"މި އެގްރިމެންޓްގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ކޯސް ފުރިހަމަކޮށް އޮފީހުގެ ހިދުމަތައް ނުކުނަންނަ ޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު ކޯސް ފުރިހަމަކޮށްފައި ނުވާނަމަ އެ ކޯހަށް ދިޔަ ހަރަދު ދައުލަތަށް އަނބުރާ ދައްކަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ކޯސް ފުރިހަމަ ކުރި ކަމަށް ބެލެވޭނީ ކޯހުގެ ސެޓްފިކެޓް އެ އޮފީހަށް ހުށަހެޅުމުން ކަމަށް ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ." މަހުލޫފް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.

އެ މައްސަލާގައި އިތުރަށް ބުނެފައިވަނީ، ކޯސް ފުރިހަމަ ކުރައްވާފައިވާ ކަމަށް ވިދާޅުވެ ބިޝާމް 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހުށަހަޅުއްވާފައިނުވާ ކަމަށެވެ. ކޯސް ފުރިހަމަ ކުރައްވާފައިވާނަމަ ސެޓްފިކެޓް ހުށަހަޅުއްވަން ތަކުރާރުކޮށް ބަންޑާރަ ނައިބު އޮފީހުން އެންގުމުން ވެސް އެކަން ކުރައްވާފައި ނުވާ ކަމަށެވެ.

އޭގެއިތުރުން 2011 ވަނަ އަހަރަށްފަހު ބިޝާމް އެކިއެކި މަގާމުތަކަށް ކުރިމަތިލެއްވުމުގެ ގޮތުން ހުށަހަޅާފައިވާ ސީވީތަކުގައި ވެސް މާސްޓާސް ޑިގްރީއަށް ކިޔަވާ ވިދާޅުވާން ވަޑައިގެންނެވިކަން ނުވަތަ އެ ސެޓްފިކެޓް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ބަޔާންކޮށްފައި ނުވަނީ އެ ކޯސް ފުރިހަމަކުރައްވާފައި ނުވާތީ ކަމަށް ބެލެވޭ ކަމަށް މަހުލޫފްގެ މައްސަލާގައި ބަޔާން ކޮށްފައިވެ އެވެ.

"ކޯސް ފުރިހަމަކުރައްވާފައި ނުވުމަކީ އެއްބަސްވުމާއި ހިލާފު ކަމަކަށް ވީނަމަވެސް ބިޝާމަކީ އެ އޮފީހުގެ ނުފޫޒުގަދަ މަގާމެއްގައި ހުންނެވި ފަރާތެއް ކަމުން އެ އޮފީހުގެ ފަރާތުން އެ މައްސަލަ ބަލާފައިނުވާކަން ވެސް ފާހަގަކުރަން، މިކަމަކީ ބިޝާމް މަގާމުގެ ނުފޫޒު ފޯރުވައިގެން ކުރައްވާފައިވާ ކަމަކަށްވާތީ ގާނޫނާއި ގަވައިދާ އެއްގޮތަށް މި މައްސަލަ ބައްލަވައިދެއްވާ އެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދެމެވެ." މަހުލޫފް ހުށަހެޅުއްވި މައްސަލާގައި އެދިފައިވެ އެވެ.

މިކަމާ ގުޅިގެން ޕީޖީ ބިޝާމް ވިދާޅުވީ، އެކަމަނާގެ މައްސަލައެއް ހުށަހެޅިފައިވާ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން މިވަގުތު އެއްޗެއް ވިދާޅުވާންވެސް ބޭނުންފުޅު ނުވާ ކަމަށެވެ.