ހަބަރު

ބަރުމާއިން މިދިޔަ އަހަރު އެތެރެކުރީ ތިން މިލިއަން ރުފިޔާގެ މުދާ

  • އެންމެ ގިނައިން އެތެރެ ކުރީ ރަލުގެ ބާވަތްތައް
  • ގިނަ އަދަދަކަށް އެއް ގަމު މަސް ވެސް އެތެރެކުރި
  • ރާއްޖޭގެ އިމްޕޯޓާ ބަލާއިރު ނިސްބަތުން މަދު އަދަދެއް

ރާއްޖޭން ވިޔަފާރި ގުޅުންތައް ކަނޑާލާފައިވާ ބަރުމާ އިން މިދިޔަ އަހަރު އެތެރެ ކޮށްފައިވަނީ ތިން މިލިއަނެއްހާ ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ވެބްސައިޓުގައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިޔަންމާ (ބަރުމާ) އިން ރާއްޖެ އަށް އާއްމު ގޮތެއްގައި އެތެރެ ކޮށްފައިވަނީ ރަލާއި އެއްގަމު މަހުގެ އިތުރުން ޔޯގަޓާއި ސީފުޑް އަދި ތަރުކާއީ އާއި މޭވާ އާއި ބަދިގޭގައި ބޭނުންކުރާ ވަޅި ފަދަ ބާވަތްތަކެވެ. މީގެ ތެރެއިން ވެސް އެންމެ ގިނަ އަދަދަކަށް އެތެރެ ކޮށްފައިވަނީ އެއްގަމު މަހާއި ރަލުގެ ބާވަތް ތަކެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތައިލެންޑާއި ޔޫއޭއީ އަދި މެލޭޝިޔާގެ އިތުރުން އިންޑިޔާ ފަދަ ގައުމުތަކެވެ. މިދިޔަ އަހަރު ޖުމުލަ 30 ބިލިއަނެއްހާ ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

ބަރުމާ ސިފައިން އެ ގައުމުގައި ސިލްސިލާކޮށް ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ބައި މަދު ރޮހިންޔާ ދަރިކޮޅުގެ އެތައް މުސްލިމަކު މަރުވެ އަދި އެތައް ހާސް ބަޔަކު އެހެން ސަރަހައްދުތަކަށް ބަދަލުވާން ޖެހުމާ ގުޅިގެން ރާއްޖޭން ވަނީ އެ ގައުމާ އެކު އޮތް ވިޔަފާރީގެ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ.

ރާއްޖޭން ބަރުމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމުގެ ގޮތުން ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ރޮހިންޔާ މުސްލިމް ދަރިކޮޅާމެދު ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ދިވެ ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަހަކަށް އައިސް މިއަންމާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގައި ރޮހިންޔާ ދަރިކޮޅުގެ އެތައް މުސްލިމުންނެއް މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ އެކަމާ ރާއްޖެ އިން އިންތިހާއަށް ހިތާމަކުރާ ކަމަށާއި މިޔަންމާގައި ހިނގަމުންދާ ލޭ އޮހޮރުންތައް ހުއްޓައިލަން ބައިނަލްއަގްވާމީ މުޖުތަމައު އިން އަވަސް އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ބަލަން ވެސް ރާއްޖެއިން އދ. ގެ ސެކްރެޓަރީ ޖެނެރަލަށާއި އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިން ގޮވާލާފައިވެ އެވެ.