މީހުން

ކަރަމް: ހޮސްޕިޓަލުން ހޮސްޕިޓާލިޓީ ދާއިރާއަށް

މަސައްކަތް ކުރަން ވަކި ދާއިރާއެއް ނެތެވެ. ބޭނުންވަނީ ހިތް ވަރެވެ. މަސައްކަތް ކުރުމެވެ. އެކަން ދައްކުވައި ދެނީ 31އ، ގެ މުހައްމަދު ކަރަމް އެވެ. މާލެ އިން އުތުރުގެ ހުރިހާ ރަށެއްގައި ކަރަމް އަކީ މަޝްހޫރު ނަމެކެވެ. އެކަމަކު ތަފާތު ދާއިރާއަކުންނެވެ. އޭނާއަކީ ކުރިން ކޮމިއުނިޓީ ހެލްތް ވޯކަރު ނުވަތަ "ސިއްހީ އެހީތެރިއެއް" ގެ ގޮތުގައި ހިދުމަތް ކުރި މީހެކެވެ. އެންމެ ކުރީގެ މަސައްކަތަކީ ރަށްރަށަށް ގޮސް ބަލި މީހުންނަށް ފަރުވާ ދިނުމެވެ. ނަމަވެސް މިހާރު އޭނާ މި ވަނީ އެ މަސައްކަތުން އަތްފޮޅާލއި އަމިއްލަ ވިޔަފާރިއެއް ފަށާފަ އެވެ. މިއީ ގެސްޓްހައުސް ވިޔަފާރިވެރިއެކެވެ.

"އެންމެ ހަނދާންވާ ދުވަހަކީ ވަރަށް ބަލި މީހަކު މާލެ ގެންނައިކޮށް ކަނޑުމަތީ ނިޔާވި ވިދުވަސް. މިނޫން ވެސް ވަރަށް ގިނަ ހަނދާތައް ސިއްހީ ދާއިރާގައި ކުރެވިފައި އެބަހުރި،" ސިއްހީ ދާއިރާގައި ދިހަ އަހަރު ހިދުމަތް ކޮށްފައިވާ ކަރަމް ވިދާޅުވި އެވެ.

މި ދުވަސްތަކުގައި ކަރަމް ވަނީ ސިއްހީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްފަ އެވެ. މީގެ 10 އަހަރު ކުރިއަށް ބަލާއިރު ރަށްރަށުގައި ޑޮކްޓަރުންނާއި ނަރުހުންނެއް ނުތިބެ އެވެ. އެހެންވެ ކޮމިއުނިޓީ ހެލްތް ވޯކަރުން އަދާކުރަން ޖެހެނި އެމީހުންގެ މަސައްކަތެވެ. ސިއްހީ މަރުކަޒުތައް މެނޭޖު ކުރަމުން، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުން، ވެކްސިން ދެމުން، ބަލި މީހުންނަށް ފަރުވާ ދޭނީ ވެސް ހަމަ އެ މީހުންނެވެ.

ކަރަމް ސިއްހީ ދާއިރާގައި ހިދުމަތް ކުރި ދުވަސްތަކުގައި ހެލްތް ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ވެސް ފުރި އެވެ. އޭނާ ގެސްޓްހައުސް ވިޔަފާރީގެ ތެރެއަށް ނުކުމެވުނީ މި ދުވަސްވަރެވެ. ކަރަމް ކ. މާފުށީގައި މަސައްކަތް ކުރި ދުވަސްވަރަކީ ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އުފަންވި ދުވަސް ވަރެވެ. އެހެންވެ މި ދާއިރާ އަށް އޮތް ޑިމާންޑް އޭނާ ދިޔައީ ކައިރިން ބަލަމުންނެވެ. އަދި އަމިއްލައަށް ތަޖުރިބާ ވެސް ކުރަމުންނެވެ.

"އޭރު މާފުށީގައި ގެސްޓްހައުސް ހަދައިގެން އުޅެނީ. އެކަމުގައި އުޅުނީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން ދިޔަ ސަނީ އާއި އަލީ މުރުތަﷲ. އެ ދެބޭފުޅުން އަޅުގަނޑަށް މި ދާއިރާގެ ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދެމުން އައި. އޭނަގެ އެކްސްޕީރިއަންސް ޝެއާ ކުރަމުން،" ކަރަމް ވިދާޅުވި އެވެ.

ކަރަމް ގެސްޓްހައުސް ވިޔަފާރި އަށް ލޯބި ޖެހުނީ މިކަމުންނެވެ. މި ހިސާބުން އޭނާ ވަނީ އިތުރު ބަޔަކާ ގުޅިގެން އުފަން ރަށް، އއ. ތޮއްޑޫގައި ގެސްޓްހައުސްއެއް ހުޅުވާފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ހުޅުވި "ސެރިން ސްކައި" ގެސްޓްހައުސްއަކީ އެ ރަށުގައި މި ވިޔަފާރި އުފަންވި ހިސާބެވެ. މިއީ ފަސް ކޮޓަރީގެ ތަނެވެ. އަދި އެއަށްފަހު އަށް ކޮޓަރީގެ ތަނެއް ހުޅުވި އެވެ.

އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރު. އޭރު ސަޕްލައި ދޯނިތައް ފުރާނީ ރޭގަނޑު. ދަތުރު މަތީގައި ހަތަރު ގަޑިއިރު ވޭ. ޔޫރަޕިއަން ޕްލައިޓްތައް މި އަންނަނީ ހެނދުނު. އެހެންވެ ޓޫރިސްޓުން މާލޭގައި ތިބެފައި ރޭގަނޑު 12 ޖަހާއިރު ފުރާނީ.
ކަރަމް

ތޮއްޑޫގައި ފުރަތަމަ ގެސްޓްހައުސް ކަރަމް ހުޅުވީ ގިނަ ގޮންޖެހުންތަކާއެކުގަ އެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ ދަތުރުފަތުރުގެ ހިދުމަތް ރަނގަޅަށް ނެތުމެވެ. އެ ދުވަސްވަރު ޓޫރިސްޓުން ގެންދިޔައީ މާލެއަށް ތަރުކާރީއާއި މޭވާ ހިފައިގެން އަންނަ ސަޕްލައި އޮޑިފަހަރުގަ އެވެ.

"އެންމެ ބޮޑު ދައްޗަކީ ދަތުރުފަތުރު. އޭރު ސަޕްލައި ދޯނިތައް ފުރާނީ ރޭގަނޑު. ދަތުރު މަތީގައި ހަތަރު ގަޑިއިރު ވޭ. ޔޫރަޕިއަން ޕްލައިޓްތައް މި އަންނަނީ ހެނދުނު. އެހެންވެ ޓޫރިސްޓުން މާލޭގައި ތިބެފައި ރޭގަނޑު 12 ޖަހާއިރު ފުރާނީ. އެއީ އެންމެ ބޮޑު ޗެލެންޖަކީ،" ކަރަމް ވިދާޅުވި އެވެ.

މި މަސައްކަތަށް ނުކުތްއިރު ކަރަމް ހާއްސަވަނީ ސިއްހީ ދާއިރާގަ އެވެ. އެހެންވެ މުޅި ދާއިރާ ވެސް އޭނާ އަށް ފެނުނީ އާކޮށެވެ. ނަމަވެސް އާ ދާއިރާ ވެސް ގަބޫލުކުރީ އެންމެ ފުރިހަމަ ހިދުމަތް ދޭށެވެ. އެހެންވެ ކަރަމް އަށް "ހޮސްޕިޓާލިޓީ" ދާއިރާ ވެސް "ހޮސްޕިޓަލެކޭ" ވަކި ތަފާތެއް ނުފެނެ އެވެ.

"ރަނގަޅު ވާހަކައެއް! އާ ދާއިރާއެއް އެހެންވެ ފުރަތަމަ ދަސްކުރީ. ވަރަށް ގިނަ އެއްޗިހި ބަލައިގެން. ފުރަތަމަ ފެށިއިރު ވަޒީފާއެއްގައި އުޅެނީ ނަމަވެސް އަހަރެއް ފަހުން ވަޒީފާ އިން ކެނޑިގެން މިކަމަށް ހުސްވީ،" ކަރަމް ބުންޏެވެ.

"މި ދާއިރާ އަށް ނުކުމެ ޓޫރިސްޓުން ގެންނަން ފެށިއިރު މި އަންނަނީ ގިނައިން ރަޝިޔާ މީހުން. މިހާރު ވެސް ގިނައީ ރަޝިޔާ މީހުން. ފުރަތަމަ ރައްޓެހިންނާ ދިމާވެގެން އަހައިލާ ކޮން ބައެއް ހޭ މި އަންނަނީ؟ އަހަރެން ބުނަނީ ރަޝިޔާ މީހުންނޭ. ބުނީމަ ބުނަނަކީ ކިހިނެއްހޭ ސަލާމަތް ވަނީ. ކިހިނެއްހޭ އެމީހުންނަށް ކާންދެނީ؟ އެކަމަކު އެމީހުންނަށް ވަރަށް ރަނގަޅު."

ގެސްޓްހައުސްގެ ތަޖުރިބާއާއެކު ކަރަމް މިހާރުގެ މަސައްކަތަކީ މި ދާއިރާގެ ހައްގުތައް ހިމާޔަތް ކޮށްދިނުމެވެ. އެ މަގުސަދުގައި ވަނީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދާފަ އެވެ. މި ޖަމިއްޔާ އުފެއްދީ ގެސްޓްހައުސް ވިޔަފާރީގައި މަސައްކަތް ކުރާ ގިނަ ބައެއްގެ އެއްބާރުލުމާއެކުގަ އެވެ. ގޭމްގެ ރައީސަކީ ވެސް އޭނާ އެވެ.

"އެސޯސިއޭޝަން ރަޖިސްޓްރީ ކޮށްފަ އޮތީ. އެކަމަކު މިދިޔަ އަހަރު ގްރީން ޓެކްސް ނަގަން ފެށުމާއެކު އެސޯސިއޭޝަނުން މަސައްކަތް ކުރީ. މިހާރު އާ ބޯޑާއެކު މި މަސައްކަތް ކުރަމުން މިދަނީ."

މިހާރު ކަރަމްއަކީ ގެސްޓްހައުސް ވިޔަފާރިވެރިއެކެވެ. ނަމަވެސް މިހާރު ވެސް ރަށްރަށުން މީހުން ގުޅައިހަދަ އެވެ. އެ ފޯނު ކޯލްތަކުގައި ބައެއް މީހުން ސިއްހީ މައުލޫމާތު ހޯދަ އެވެ. އެ ކޯލްތަކަށް އޭނާ މިހާރު ވެސް ޖަވާބު ދެނީ ހަމަ ހިނިތުންވުމާއެކުގަ އެވެ. އޭނާއަށް ހޮސްޕިޓަލުން ނުކުމެ، ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތް ކުރިނަމަވެސް މަސައްކަތް ކުރަނީ ކުރާ ހިތުންނެވެ.