ވިޔަފާރި

ޓޫރިޒަމް ތަފާސްހިސާބުތައް ނުނެރެ ދެމަސް!

  • އެންމެ ފަހުން އާންމުކުރީ ޖޫން މަހު
  • މިހާތަނަށް އައި މީހުންގެ އަދަދު އިތުރުވެފައި
  • މި ހިސާބުތައް އިގްތިސާދުގައި މުހިންމު

ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ކުރި އަދަދު އެނގޭ، ޓޫރިޒަމް ތަފާސް ހިސާބުތައް ނުނެރޭތާ ދެ މަސް ވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮންމެ މަހަކު އެއް ފަހަރު ނެރެމުން އައި ޓޫރިޒަމް ތަފާސް ހިސާބުތައް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވަނީ ޖޫން މަހު އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތަކަކީ އިގްތިސާދުގައި މުހިންމު މައުލޫމާތު ތަކެކެވެ. އަދި މި މައުލޫމާތު ގަވާއިދުން ހާމަ ނުކުރާތީ ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އަވަށްޓެރި ގައުމުތަކުން ބަރާބަރަށް ޓޫރިޒަމް ތަފާސް ހިސާބުތައް އާއްމު ކުރަމުންދާއިރު ރާއްޖޭން މި މައުލޫމާތު އާއްމު ނުކުރުމަކީ ކަންބޮޑުވާ ކަމެކެވެ.

ނަމަވެސް، ޓޫރިޒަމް ތަފާސް ހިސާބުތައް ނުނެރޭ ސަބަބު މިނިސްޓްރީގެ ފަރާތުން އެނގޭ ގޮތް ވަނީ ނުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް 657,540 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 619,921 ޓޫރިސްޓުންނާ އަޅާބަލާއިރު 6.1 ޕަސެންޓް އިތުރު އަދަދެކެވެ.