ހަބަރު

ގެއެއްގެ ތެރޭ ރަހީނުކޮށްފައި ތިބި ދެ ބިދޭސީއަކު ސަލާމަތްކޮށް މީހަކު ހައްޔަރުކޮށްފި

Apr 21, 2015

މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިބި ދެ ބިދޭސީން ސަލާމާތް ކޮށް އެ މީހުން ރަހީނުކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ އިރު އޮއްސުނު ވަގުތު ދެ ބިދޭސީއަކު ރަހީނުކޮށްފައިވާކަން އެނގުމާއެކު ރޭ ދަންވަރު  1:40 އެހާކަންހާއިރު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ސްޕެޝިއަލް އޮޕަރޭޝަންސްގެ އިތުރުން ފޮރެންސިކް ސާވިސް ޑައިރެކްޓަރޭޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރަހީނުކޮށްފައިތިބި ދެ ބިދޭސީން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ގަލޮޅުގެ ގެއެއްގެ ތެރޭގައި ރަހީނު ކޮށްފައިތިބީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ބަނގުލަދޭޝްގެ ދެ ފިރިހެނެކެވެ. މި މައްސަލައިގެ ކުށުގެ ވެށިން ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދިވެއްސެކެވެ. އެ ގެއަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުންކޮށް ގެންނެވެ.

މި އޮޕަރޭޝަންގައި ފުލުހުން އެގެއަށް ވަތް އިރު ރަހީނުކޮށްފައި ތިބި ދެ ބިދޭސީންގެ ގައިގާ ތަޅައި މާރާމާރީ ހިންގާފައިވާ ކަމަށައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި ދެ ބިދޭސީން ރަހީނު ކުރުމަށްފަހު ގިނައަދަދެއްގެ ފައިސާ ވެސް ވަނީ އަތުލާފައެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ އިތުރުން ބިދޭސީއަކާއި އިތުރު ދިވެހިންގެ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.