ވިޔަފާރި

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޓެކްސްޓާސް ރާއްޖެއަށް

Sep 7, 2017

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ދިރާގު، ޔޫއެންޑީޕީ އަދި އިކޮނިމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމެންޓު (އީޑީ) އާއި ގޫގުލްގެ ޓެކްސްޓާ ގްލޯބަލްސްއާ ގުޅިގެން "ސްޓާޓަޕް ވީކެންޑް" ގެ ނަމުގައި ހަރަކާތްތަކެއް ހިންގަން ތައްޔާރުވެއްޖެ އެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްޓާޓަޕް ވީކެންޑް ބާއްވާނީ އަންނަ އޮކްޓޯބަރު މަހު ކަމަށާއި އެ ހަރަކާތުގަައި ބައިވެރިވުމަށް ނަންނޯޓް ކުރުމަށް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށެވެ. އަދި ބުނީ އެހަރަކާތް ކުރިއަށް ގެންދާނީ ދެބަޔަކަށް ބަހާލައިގެން ކަމަށެވެ.

ޓެކްސްޓާސް ގްލޯބަލް އަކީ ގޫގުލް އާ ގުޅިގެން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ނެޓްވޯކެކެވެ.

ފުރަތަމަ ބައިގައި އޮންނާނީ ބައިވެރިންގެ މެދުގައި ރަނގަޅު ގުޅުމެއް އުފައްދަން ހިންގާ ހަރަކާތްތަކެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ބައިވެރިން ގުޅިގެން ވިޔަފާރިއެއް ހިންގާނެ ގޮތް ހޯދާނެ ކަމަށް ވެސް ބުންޏެވެ.

ދެ ވަނަ ބައިގައި އޮންނާނީ ތަޖުރިބާކާރުންގެ ފިލާވަޅުތަކާއި ވިޔަފާރީގެ ވިސްނުމެއް ތަރައްގީކޮށް އެ ވިސްނުމުގެ މައްޗަށް ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް އުފެއްދުމެވެ.

"މިއީ ޒުވާނުން ވިޔަފާރީގެ ހުނަރު ދަސްކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް. މިކަމުގައި ހޭދަވާ 54 ގަޑިއިރުން ހިޔާލުތައް ކާމިޔާބު ވިޔަފާރިއަކަށް ބަދަލުކޮށްލެވިދާނެ. އަދި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި މަސައްކަތްތައް ވަގުތައް ނިންމަން ވެސް ދަސްވާނެ،" ދިރާގުގެ ބަޔާނުގައި ވެއެވެ.

ދިރާގުން ބުނީ ހަރަކާތުގައި އެ ކުންފުނީގެ މައިގަނޑު ރޯލަކީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީ، ކާމިޔާބު ހޯދާނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ޒުވާނުން ތަމްރީނު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ވެސް ބުންޏެވެ.