ފިނިޕޭޖް

ކަރީނާގެ ރައްކަލަށް ސެކިއުރިޓީ ވަރުގަދަކޮށްފި

Sep 8, 2017

އަލަތު ދަރިފުޅު ތައިމުރް އަލީ ޚާން ވިހެއިތާ އަށް މަސް ފަހުން ބަތަލާ ކަރީނާ ކަޕޫރު މިވަނީ އަލުން ފިލްމު ކުޅެން ފަށާފަ އެވެ. ބަނޑުބޮޑުވުމުގެ ސަބަބުން ފަލަވެ، ގައިގަ ޖެހި މަސްތައް ވިރުވާލައި ކުރީގެ ބައްޓަމަށް ކަރީނާ އައިސްފައިވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ވިހޭ ފަހުން ކަރީނާ ކުޅޭ ފުރަތަމަ ފިލްމު، "ވިރޭ ދި ވެޑިން" ގެ ޝޫޓިން މިދިޔަ ހަފްތާގައި ފެށިގެން ދިއްލީގައި ކުރިއަށްދާއިރު، ކަރީނާގެ ގިނަ އަދަދެއްގެ ފޭނުން އަންނަނީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ތަންތަނަށް އޭނާ ދެކިލުމަށް ކޮންމެ ދުވަހަކުހެންމެ ޖަމާވަމުންނެވެ.

އަދި އިހަކަށް ދުވަހު ކަރީނާ ވަނީ ދިއްލީގައި އޮތް އޭނާ އެންޑޯޒްކުރާ ބްރޭންޑެއްގެ އިވެންޓުގައި ވެސް ބައިވެރިވެފަ އެވެ. އެ ހަފްލާ ނިންމާލުމަށްފަހު ކަރީނާ ނިކުތްއިރު އެތަކެއް ހާސް ބަޔަކު ތިބީ އޭނާ ދެކިލުމަށް އެއްވެފަ އެވެ. ކަރީނާ ދަތުރުކުރަަމުން ދިޔަ ކާރު ފަހަތުން އޭނާގެ ސަޕޯޓަރުން އަންނަން ފެށުމުން ކާރަށް ދަތުރު ނުކުރެވި އެތަކެއް އިރަކު އޮންނަ ޖެހުނެވެ.

އެހެން ކަމުން "ވީރޭ ދި ވެޑިން" ގެ ޕްރޮޑިއުސަރުން ވަނީ ކަރީނާގެ ރައްކަލަކަށް ފިލްމުގެ ސެޓުގައި އޭނާގެ ސެކިއުރިޓީ އިހުނަށް ވުރެން ވަރުގަދަކޮށްފަ އެވެ. އެގޮތުން ފިލްމުގެ ސެޓުގައި ކަރީނާގެ ރައްކާތެރިކަން ބެލެހެއްޓުމަށް އިތުރު ވިހި ބޮޑީގާޑުން މިހާރު ވަނީ ކުއްޔަށް ނަގާފައިވާ ކަމަށް ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ވަނީ ބުނެފަ އެވެ.

ކަރީނާ މި ފިލްމުގެ މަންޒަރުތައް ނަގަމުން އަންނައިރު ދަރިފުޅު ތައިމުރް ވެސް އޭނާ އާއެކު ވަނީ ދިއްލީ އަށް ގޮސްފަ އެވެ.

ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ މި ފިލްމަކީ ލީޑްރޯލުގައި ބަތަލާއިން ހިމަނައިގެން ބޮލީވުޑްގައި އުފައްދާ ފުރަތަމަ ހިންދީ ފިލްމެވެ. ކަރީނާ އާއެކު މި ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ އެވެ.

އެކްތާ ކަޕޫރާއި ސޯނަމްގެ ކޮއްކޮ ރީއާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

"ވީރޭ ދި ވެޑިން" ގެ ލީޑްރޯލުން ފެނިގެންދާ ހަތަރު ބަތަލާއިން

އެންމެ ފުރަތަމަ މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ނަމަވެސް ކަރީނާ ބަލިވެ އިނުމާއެކު ފިލްމުގެ ޝޫޓިން ވަނީ އޭނާ ވިހެއުމުން ފަށާ ގޮތަށް ލަސްކޮށްފަ އެވެ.