ހަބަރު

އުޖޫރައަށްވުރެ ބޮޑަށް ސިފައިން އިސްކަންދޭންވާނީ ގައުމީ ހިދުމަތަށް: މިނިސްޓަރު

Apr 21, 2015

ލިބޭ އުޖޫރައަށްވުރެ ބޮޑަށް ސިފައިން ގައުމީ ހިދުމަތަށް އިސްކަން ދިނުމަށް ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް ގޮވާލައްވައިފި އެވެ.

ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖަލީލް ވިދާޅުވީ ސިފައިންނަކީ ލިބޭ އުޖޫރައަށްވުރެ ބޮޑަށް ގައުމީ ހިދުމަތަށް އިސްކަންދީގެން މަސައްކަތްކުރާ ބައެއް ކަމަށާއި އެ ގޮތުގައި ސިފައިން ދެމި ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ހިދުމަތުގައި ތިއްބަވާއިރު ލިބޭ ތަމްރީނާއި އުނގެނުމުގެ ފުރުސަތައް ގައުމަށް ލާބަޔާއި ފައިދާ ލިބިނޭ ގޮތަށް ބޭނުން ހިފައި ސިފައިންގެ އަމަލުތައް އެގޮތަށް ބެހެއްޓެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސިފައިންގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މިއަހަރަށް ކަނޑައަޅުއްވާފައިވާ އަހަރުގެ ޝިޔާރު ނެރެދެއްވީ ވެސް މިނިސްޓަރު ޖަލީލެވެ. މިއަހަރުގެ ސިފައިންގެ ޝިޔާރަކީ "މިނިވަން ވަތަން - ސިފައިންގެ އަޒުމް" އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އަހަރީ އައްޑަނަ މަޖައްލާގެ ވެސް ނެރުނެވެ. އައްޑަނަ މަޖައްލާގެ 17 ވަނަ ނަންބަރު ނެރެދެއްވީ ވެސް މިނިސްޓަރެވެ.