ފިނިޕޭޖް

ސާރާ ބޮލީވުޑަށް ނިކުންނަ ފިލްމުގެ ޝޫޓިން ފަށައިފި

Sep 8, 2017

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަ ފިލްމު، "ކެދާރްނާތް" ގެ ޝޫޓިން ފަށައިފި އެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ އަންގާރަ ދުވަހު އެވެ. ސާރާ އާއެކު މި ފިލްމުގެ ބަތަލުގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް އެވެ.

ފިލްމުގެ ޝޫޓިން ފެށި ދުވަހުގެ ވީޑިއޯއެއް އާންމުކުރަމުން ޑައިރެކްޓަރު އަބީޝެކް ކުރި ޓްވީޓެއްގައި ވަނީ އިއްތިފާގުން ފިލްުމުގެ ޝޫޓިން ވެސް ފެށުނީ ވަރަށް ރަނގަޅު ދުވަހެއްގައި ކަމަށް ލިޔެފަ އެވެ.

ހިންދޫ ދީނުގެ ލޯބީގެ އަގީދާ ފެނިގެންދާ މި ފިލްމަކީ އަސަރުގަދަ ލޯބީގެ ފިލްމެއް ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

އިންޑިއާގެ އުއްތަރްކަންދް ސްޓޭޓުގައި މަންޒަރުތައް ނަގާ މި ފިލްމުގައި ސުޝާންތް ފެނިގެންދާނީ ހިންދޫ ދީނުގެ އަޅުވެރިއެއްގެ ގޮތުގަ އެވެ.

ޓީސީރީސް، ކްރީއާޖް އެންޓަޓެއިންމަންޓް އާއި ގައި އިންދަ ސްކައި ޕިކްޗާ އަދި ބަލާޖީ މޯޝަން ޕިކްޗާސް ގުޅިގެން އުފައްދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.

މި ފިލްމަކީ އަބީޝެކްގެ ފިލްމެއްގައި ސުޝާންތް ފެނިގެންދާ ދެވަނަ ފިލްމެވެ. ސުޝާންތް ބޮލީވުޑަށް ނިކުތް "ކައި ޕޯޗޭ" އަކީ ވެސް އަބީޝެކް ޑައިރެކްޓްކުރި ފިލްމެކެވެ.