ރިޕޯޓް

ރުޅި ގަދަވިޔަސް، ސިގިރޭޓާ ބެހޭ ގަވައިދު ހަރުކަށި ކުރަންވީ!

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގެއްލުންތަކާއި އެކަމުން ދިމާވެފައި ހުރި ނުރައްކާތެރި ހާދިސާތަކުގެ ވާހަކަ ނޭނގޭ މީހެއް މަދުވާނެ އެވެ. ނަމަވެސް ސަޅި ކަމަކަށް ހަދައިގެން އެކަން ފަށާ މީހުންނާއި، އެ ނުރައްކާތެރި ވަބާގައި ޖެހި، ދެވި ހިފައިގެން ސަލާމަތް ނުވެވިގެން އުޅޭ މީހުންގެ އަދަދުތައް މަދު ނުވާ ކަމަކީ ފެންނަން ހުރި ހަގީގަތެވެ. އަދި އެ މައްސަލައަށް އެއް ބަޔަކު ބީރު ކަންފަތެއް ދީ، އަޑު ގަދަކޮށް ފާޑުކީ ނަމަވެސް، އެއީ މުޖުތަމައުއަށް އިތުރަށް ފެތުރުނަ ނުދީ ހިފަހައްޓާ، މަދު ކުރުމަށް އެކި ގޮތްގޮތުން އަބަދުވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ބޮޑު މައްސަލައެކެވެ.

މި އަހަރު ފެށިގެން އައީ ގަވައިދުން ސިނގިރޭޓު ބޯ މީހުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ވަރުގެ ބަދަލެއް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުން ގެނެސްގެނެވެ. ޑިއުޓީ ބޮޑުކޮށް ސިނގިރޭޓު ފޮއްޓެއްގެ އަގު 80 ރުފިޔާއަށް ބޮޑުކޮށްގެނެވެ. އެކަމަށް ރަނގަޅަށް ނުހޭނި އުޅެނިކޮށް އަނެއްކާ ވެސް އެ މައްސަލާގައި ބޮޑު ފިޔަވަޅެއް އެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑް އާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ލަފާގެ މަތިން ހަރުކަށި އުސޫލުތަކަކާއެކު ސިނގިރޭޓު ވިއްކުމާ ބެހޭ ގަވައިދު އެކުލަވާލުމަށް ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.އެ ހަބަރާއެކު ސޯޝަލް މީޑިއާގެ ތެރޭގައި އެތަށް ބައެއްގެ ރުޅިގަނޑު ފަޅައިގެން ގޮސް، ފާޑު ކިޔާ ގޮންޖަހަން ވަނީ ފަށައިފަ އެވެ.

އެއް ބަޔަކު ބުނާ ގޮތުން މިއީ ފައިސާ ގިނައިން ހޯދުމުގެ ނިޔަތުގައި ކުރާ ކަމެކެވެ. އަދި ބަޔަކައް އުނދަގޫ ނުކޮށް ނުތިބުމަށް ކުރާ ކަމެކެވެ. އަދި ވަކިވަކިން ނުވިއްކުމަކުން އެއްވެސް މީހަކު ސިނގިރޭޓު ބުއިން ހުއްޓާ ނުލާނެ ކަމަށް ބުނެ މީހުންގެ ރުޅިގަނޑު އަންނަނީ ގަދަވަމުންނެވެ.

އާ ގަވައިދުގައިވާ ގޮތުން ފިހަރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުން ވަކިން ސިނގިރޭޓެއް ނުވިއްކެ އެވެ. އޭގެ ބަދަލުގައި މަދުވެގެން ވެސް ވިއްކޭނީ ފޮއްޓެކެވެ. ދުންފަތުގެ އެހެނިހެން ބާވަތުން ވެސް 30 ގްރާމަށް ވުރެ މަދުން ނުވިއްކޭނެ އެވެ. ގަވައިދަށް މި ބަދަލު ގެންނަން ނިންމާފައިވާ އިރު އާންމު ގޮތެއްގައި ހޮޓާތަކާއި ފިހާރަތަކުން މީހުން ސިނގިރޭޓު ގަނެ އުޅެނީ ވަކިވަކިންނެވެ. ހާއްސަކޮށް އަގުބޮޑު ކުރި ފަހުން ހަރަދު ބޮޑުވެގެން ވެސް ވަކިން ގަންނަން މީހުން ވަނީ އިތުރުވެފަ އެވެ. ނަމަވެސް ގަވައިދު މި ގޮތަށް ބަދަލު ކުރުމުގެ ނަތީޖާއަކަށް ވާނީ ވަކިވަކިން ގަތުން ހުއްޓުމަކަށް އައުމެވެ. އޭރުން ފޮއްޓެއް ގަނެވެން ނެތީއާ ޖެހޭނީ ނުބޮއެ ތިބޭށެވެ.

އިތުރަށް ގެންނަ ބަދަލުތަކު ތެރޭގައި ހިމެނެނީ ސިނގިރޭޓު ފޮށިތަކުގައި އިންޒާރުގެ މެސެޖުތައް މިހާރަށް ވުރެ ގިނަ ކުރުމެވެ. ދުންފަތުގެ ގެއްލުން މިހާރަށް ވުރެ ބޮޑަށް ކިޔައިދީ އޭގެ ކުރާ ނޭދެވޭ އަސަރުތައް ވެސް ތަފްސީލުކޮށް ހިމަނަން ޖެހޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެއީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތެވެ. ދުންފަތުގެ އުފެއްދުންތަކުގައި މަންޒަރު ޖަހާ ދުންފަތުގެ އުފެއްދުންތަކުގައި މަންޒަރު ފެންނަ ގޮތަށް އިންޒާރު ޖެހުމަކީ ރާއްޖޭން 2005 ވަނަ އަހަރު ސޮއިކޮށް އަމަލުކުރަން ފަށާފައިވާ ބައިނަލް އަގުވާމީ މުއާހަދާއަކުން ރާއްޖެއަށް ލާޒިމުކުރާ ކަމެކެވެ.

"މިއީ ދިރާސާތަކުން ސާބިތުވެފައި ހުރި ކަންތައްތައް މިގޮތަށް މަންޒަރު ޖެހީމާ ފައިދާތަކެއް ކުރޭ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަން ބޭޏުންވާ މީހުންނަށް. އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް ހިތްވަރަކަށް ވޭ،" އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު "އަވަސް" އަށް ވިދާޅުވި އެވެ. "ގާނޫނުގައި ވެސް އޮންނާނެ މި ގާނޫނުގެ މަގުސަދަކީ އަންނަން އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ރައްކާތެރި ކުރުމޭ. އެގޮތުން ބަލާއިރު ކުޑަކުދިން މި ފަށަނީ އެކުދިންނަށް ލިބޭ އިންޓޯލް ލާރިން. ކުޑަ ލާރިކޮޅަކުން ވަކި ވަކި ސިނގިރެޓް ގަނެގެން. ދުންފަތުގެ ސިނާއަތުން އަބަދުވެވސް މަސައްކަތް ކުރަނީ އާ ބަޔަކު ދަލުގައި ޖެއްސުމަށް،"

އެ މައްސަލައާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރާ އިރު ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ކެންސަރާ ބައްޔާ ބެހޭ ތަފާސް ހިސަބުތަކަށް ބަލައިލާނަމެވެ. އަހަރަކު 14 މިލިއަނެއްހާ މީހުންނަށް ކެންސަރު ބަލި ޖެހޭ އިރު، އޭގެ ތެރެއިން އަށް މިލިއަން މީހުން އެ ބަލީގައި މަރުވެ އެވެ. އެކަމާ ގުޅޭ ގޮތުން ހަދާފައި ހުރި ދިރާސަތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ކެންސަރު ޖެހެނީ ފުއްޕާމެއަށެވެ. އަދި ފުއްޕާމޭގެ ކެންސަރުގެ 90 ޕަސަންޓަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ކެންސަރު ކަމަށް އެ ދިރާސަތަކުން ދައްކަ އެވެ.

ކަން މިހެން އޮތް އިރު ރާއްޖެއަކީ ވެސް މިއަދު އެ މައްސަލައާ މެދު "އަތް އުރާލައިގެން" ތިބެވޭ ވަރުގެ ގައުމެއް ނޫނެވެ. ސަބަބަކީ މީގެ ކުރިން ރާއްޖޭގައި ހަދާފައި ހުރި ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ކެންސަރު ޖެހޭ މީހުންގެ އަދަދު ވެސް ގިނަ ކަމަށް ދައްކަ އެވެ. އަދި 2009 ވަނަ އަހަރުތަކުގައި އުމުރުން 50 އަހަރާއި 41 އަހަރު ދެމެދުގެ މީހުންނަށް އާންމުކޮށް އެ ބަލި ޖެހުން ނަމަވެސް 2013 ވަނަ އަހަރަށް އެޅި އިރު އެއަށް ވުރެ ހަގު މީހުންނަށް ކެންސަރު ޖެހޭ ކަން ވަނީ ފާހަގަވެފަ އެވެ.

އެހެންކަމުން ފާޑުކިޔުންތަކާއެކުގައި ވެސް މިއީ ބަދަލެއް ގެންނަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އަދި މިހާރު މި ގެންނަން އުޅޭ ބަދަލުތަކުގެ އިތުރުން މަގުމަތީގައި ސިނގިރޭޓު ބޮވޭ ވަކި ތަންތަން ކަނޑައެޅުމާއި ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގައި ވެސް އަޅާފައި ހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހެ އެވެ.