ހަބަރު

ޒިންމާވާނެ ފަރާތެއް ނެތް ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ހުޅުމާލޭގައި މިރޭ މުޒާހަރާ އޮންނާނެ ކަމަށް އެމްޑީޕީން ބުނެފި

Apr 21, 2015

"އަނިޔާވެރިކަމާ ދެކޮޅަށް" ކަމަށް ބުނެ ހިންގާ ހަރަކާތް މިރޭ އޮންނާނީ ހުޅުމާލޭގައި އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ވެބްސައިޓް މެދުވެރިކޮށް އެ ޕާޓީން މިހެން ބުނެފައިވަނީ މިހާރު މާލޭގައި ކޮންމެ ރެއަކު ހިންގާ ހަރަކާތަށް ޒިންމާވާނެ ފަރާތެއް ނުވި ކަމަށް ފުލުހުން އިއްޔެ ބުނެފައި ވަނިކޮށެވެ.

އެމްޑީޕީން ބުނީ މިރޭގެ ހަރަކާތް ހުޅުމާލޭގައި ފަށާނީ 9:00 ޖަހާއިރު ކޮރަލްވިލް ސީޓޫގެ ކުރިމަތިން ކަމަށެވެ.

މިރޭގެ ހަރަކާތަށް ހުޅުމާލެއަށް ދާން ފުރަން ހަމަޖެހިފައިވަނީ މިރޭ 8:00 ޖަހާއިރު، އައިފާނު ބިލްޑިންގ ކުރިމަތިން ކަމަށާއި، މި ހަރަކާތުގައި ބައިވެރިވާން ބޭނުން ކޮންމެ މީހަކަށް ވެސް ހިލޭ ހުޅުމާލެއަށް ދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

މި ހަރަކާތުން ވަނީ ރޭ ވެސް މާލޭގައި ވަނީ މުޒާހަރާކޮށްފައެވެ.

ފުލުހުން އިއްޔެ ބުނީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ހިންގާ ހަރަކާތްތަކުގެ ޒިންމާ ނަގާނެ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި އެކަން އެނގުނީ މިހާރު ކުރާ މުޒާހަރާތަކާ ގުޅިގެން ބޮޑެތި ސިޔާސީ ޕާޓީތަކާ ފުލުހުން ބައްދަލު ކުރުމުން ކަމަށެވެ.