ބޮލީވުޑް

ނަވާޒުއްދީން އެސްޓްރޮނޯޓް ފިލްމު ދޫކޮށްލައިފި

Sep 10, 2017

ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގީ ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތާއެކު ކުޅެން ނިންމި އެސްޓްރޮނޯޓް ފިލްމު، "ޗަންދާ މަމާ ދޫރްކޭ" ނުކުޅެން އޭނާ ނިންމައިފި އެވެ.

މި ފިލްމު ނަވާޒުއްދީން ދޫކޮށްލާފައި ވަނީ އޭނާއަށް އެކަށީގެންވާ އަގެއް ފިލްމު ކުޅެން ނުދޭތީ ކަމަށް ހަބަރުތައް ބުނެ އެވެ. ނަވާޒުއްދީން މި ފިލްމު ކުޅެން ދޭން ހުށަހެޅި އަގު ފިލްމު އުފައްދާ ފަރާތަށް މާ ބޮޑުވުމުން އޭނާ ފިލްމު ދޫކޮށްލީ އެކަށީގެންވާ އަގު ފިލްމު ކުޅެގެން ނުލިބޭތީވެ އެވެ.

ފިލްމުގެ އަގާ މެދު ގޮތެއް ނުނިމި މައްސަލަ ދިގުލައިގެން ދާން ފެށުމުން ނަވާޒުއްދީން ފިލްމު ދޫކޮށްލާފައި ވާއިރު، ލީޑްރޯލުން ފެނިގެންދާ ސުޝާންތް ވަނީ މިދިޔަ މަހުގެ ތެރޭގައި ނާސާގައި ތަމްރީނުތައް ވެސް ހަދާފަ އެވެ.

"ނަވާޒުއްދީން ފިިލްމު ކުޅެދޭން އެއްބަސްވި އަގު ޕްރޮޑިއުސަރުންނަށް ބޮޑުވީ. އަގު ކުޑަ ކޮށްގެން ފިލްމު ކުޅެދޭ ވަރުނުވާތީ އޭނާ ދޫކޮށްލީ،" ފިލްމް ޕްރޮޑަކްޝަންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ.

ނަވާޒުއްދީން މި ފިލްމުގެ އެއް އެސްޓްރޮނޯޓްގެ ރޯލު ދޫކޮށްލުމުން އެ ރޯލުން ފެނިގެންދާނެ ތަރިޔަކު އަދި ހަމަޖައްސާފައެއް ނުވެ އެވެ. ނަމަވެސް ސުޝާންތާއެކު ދެވަނަ އެސްޓްރޮނޯޓެއްގެ ރޯލުން އާރް މާދަވަން ފެނިގެންދާނެ އެވެ.

"ޗަންދާ މަމާ ދޫރްކޭ" އަކީ އިންޑިއާގައި އުފައްދާ ފުރަތަމަ ސްޕޭސް ޑްރާމާ އެވެ. ހިޔާލީ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމު ޑައިރެކްޓްކުރަނީ ނެޝަނަލް އެވޯޑް ލިބިފައިވާ ޑައިރެކްޓަރު ސަންޖޭ ޕިރަން ސިންގް އެވެ.

މި ފިލްމުގެ ޝޫޓިން ފަށާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ ތެރޭގަ އެވެ. ނަމަވެސް ނަވާޒުއްދީން ފިލްމު ދޫކޮށްލުމާއި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނެ ތަރިޔަކު އަދިވެސް ހަމަނުޖެހޭތީ ފިލްމުގެ ޝޫޓިން ފެށުން ވަނީ މުއްދަތެއް ނެތް ގޮތަށް ލަސްކޮށްފަ އެވެ.

މި ފިލްމު ދޫކޮށްލިއިރު ނަވާޒުއްދީން އަންނަނީ ނެޓްފްލިކްސްއިން އުފައްދާ ފުރަތަމަ އިންޑިއަން ސީރީސް "ސެކްރެޑް ގޭމްސް" ކުޅެން ތައްޔާރުވަމުންނެވެ. ނަވާޒުއްދީނާއެކު މި ސީރިސްގައި މުހިންމު ރޯލަކުން އެކްޓަރު ސައިފް އަލީ ޚާން ވެސް ފެނިގެންދާނެ އެވެ.