ބޮލީވުޑް

ބަޖެޓް ތާށި ވިޔަސް ކަރީނާ އާއި ސޯނަމްގެ ކުޑައެއް ނުވި!

Sep 10, 2017

ބަތަލާއިންނަށް ހާއްސަކޮށްގެން ރީއާ ކަޕޫރާއި އެކްތާ ކަޕޫރު އުފައްދާ ފިލްމު "ވީރޭ ދި ވެޑިން" އިއުލާންކޮށްފައި އޮންނަތާ އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން، މި މަހުގެ އެއް ވަނަ ދުވަހު ވަނީ ޝޫޓިން ފަށާފަ އެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ބަތަލާ ކަރީނާ ކަޕޫރު އަލަތު ދަރިފުޅު ތައިމޫރަށް ބަލިވެ އިނުމުން ފިލްމުގެ ޝޫޓިން ފެށުން އޮތީ ލަސްކޮށްފަ އެވެ.

ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ހަރަދު ބަޖެޓަށް ވުރެ ބޮޑު ވެފައިވާތީ ބަތަލާ ސޯނަމް ކަޕޫރު އަންނަނީ ކޮއްކޮ ރީއާއަށް ފިލްމުގެ ހަރަދުތައް ކުޑަކުރަން އެހީތެރިވަމުންނެވެ.

އެގޮތުން ފިލްމުގެ ބައެއް ތަރިންނާއި ކްރޫއިންގެ މުސާރަ ކުޑަ ކުރަމުން އަންނައިރު ފިލްމުގެ ބައެއް އިތުރު ހަރަދުތައް ވެސް އަންނަނީ ކުޑަ ކުރަމުންނެވެ. ހަތަރު ބަތަލާއިން ފެނިގެންދާ ފިލްމަކަށްވާތީ ފިލްމުގެ ކޮސްޓިއުމްތަކުގެ އަގު ވެސް ބޮޑުވުމުން ސޯނަމް އާއި ކަރީނާ ވަނީ ފިލްމުގައި އެމީހުން ބޭނުން ކުރަން ހަމަޖެހިފައި ހުރި ބައެއް ޑިޒައިނާ ހެދުންތައް ވެސް ބޭނުން ނުކުރަން ނިންމާފަ އެވެ.

ފަހުގެ ހަބަރުތައް ބުނާގޮތުން ފިލްމުގެ އެހެން ތަރިންނަށް ދޭ ފައިސާ ކުޑަކުރިއިރު ކަރީނާ އާއި ސޯނަމްގެ އަގު ކުޑައެއް ނުކުރެ އެވެ. މި ދެ ތަރިން މި ފިލްމު ކުޅެނީ ކުރިން ވެސް އެއްބަސްވީ އަގުގަ އެވެ.

ނަމަވެސް ފިލްމުގެ ބަޖެޓު ބޮޑުވެ ޕްރޮޑިއުސަރުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން ކަރީނާ ވަނީ އޭނާ ފިލްމު ކުޅެދޭ އަގު ޝަރުތެއްގެ މަތިން ކުޑަކުރަން އެއްބަސްވެފަ އެވެ. އެއީ ސޯނަމް ވެސް އޭނާގެ އަގު ކުޑަ ކުރާނަމަ އެވެ.

"ވީރެ ދި ވެޑިން" ގެ ލީޑްރޯލުން ފެނިގެންދާ ހަތަރު ބަތަލާއިން

ސޯނަމް އެގޮތަށް އެއްބަސް ނުވެގެން އެ ދެ ތަރިންގެ އަގު ކުޑަނުކޮށް އެހެން ހުރިހާ ތަރިންނާއި ކްރޫއިންގެ އަގު ވަނީ ކުޑަކޮށްފަ އެވެ.

ހަތަރު އެކުވެރިންގެ ދެމެދުގައި އޮންނަ ވަރުުގަދަ ގުޅުން ފެނިގެންދާ މި ފިލްމުގައި ކަރީނާ އާއި ސޯނަމްއާއެކު ފެނިގެންދާ އަނެއް ދެ ތަރިންނަކީ ސްވަރާ ބާސްކަރް އާއި ޝިކާ ޓަލްސާނިއާ އެވެ.

މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް ނަގަމުން އަންނަނީ ދިއްލީގަ އެވެ.

ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.