ފިނިޕޭޖް

"ސާހޯ" ގައި ޝްރަދާ ޑަބަލް ރޯލަކުން

Sep 11, 2017

"ބާހުބަލީ" ސިލްސިލާގެ ފިލްމުން ވިދާލި ޕްރަބާސް ދެން އެންމެ އަވަހަށް ކުޅެން ފަށާ ފިލްމު "ސާހޯ" ގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރަދާ ކަޕޫރެވެ.

ސައުތް ފިލްމު އިންޑަސްޓްރީ އާއި ބޮލީވުޑް ގުޅިގެން އުފައްދާ މި ފިލްމުގައި ޕްރަބާސް އާއެކު ބަތަލާގެ ރޯލުން ޝްރަދާ ފެނިގެން ދާނެ ކަން ހާމަ ކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގަ އެވެ.

މިދިޔަ މަހުގެ މެދުތެރޭގައި މި ފިލްމުގެ ޝޫޓިން ޕަރްބާސް ވަނީ ފަށާފަ އެވެ. ޝްރަދާ ވެސް ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާ އިރު، އޭނާ މިހާރު އަންނަނީ ފިލްމުގައި ކުޅެން ޖެހޭ ޑަބަލް ރޯލަށް ތައްޔާރުވަމުންނެވެ. އެ ރޯލުގައި އޭނާ ވަރަށް ބިރު ކުޑަ އަންހެނެއްގެ ރޯލު ކުޅެން ޖެހޭއިރު، އަނެއް ރޯލުގައި ކުޅެން ޖެހެނީ ވަރަށް މަޑުމައިތިރި އަދި ލަދުރަކު އަންހެން ކުއްޖެއްގެ ރޯލެވެ.

ތިން ބަހުރުވަޔަކުން އުފައްދާ މި ފިލްމަށް ތައްޔާރުވާން ޝްރަދާ އަންނަނީ ކުރިއަށް ވުރެން ވެސް ހަށިގަނޑު ލޫޅާފަތި ކުރަމުންނެވެ. ސަބަބަކީ އެންމެ ފަހުން އޭނާ ކުޅުނު ފިލްމު "ހަސީނާ" އަށް ބަރުދަން އިތުރު ކޮށްފައި ވާތީ އެވެ. އަދި އޭނާ މިހާރު އަންނަނީ މި ފިލްމުގެ ބައެއް އެކްޝަން މަންޒަރުތައް ނަގަން ޖެހޭތީ އެކަމުގެ ތަމްރީނުތައް ވެސް ހަދަމުންނެވެ.

ޕްރަބާސް އާއެކު ޝްރަދާ މި ފިލްމުގައި ފެނިގެންދާ ނަމަވެސް މިހާތަނަށް ވެސް މި ދެތަރިން އެކަކު އަނެކަކާ ބައްދަލު ވެފައެއް ނުވެ އެވެ. ފިލްމާ ގުޅޭ ވާހަކަތައް ވެސް ދެ ތަރިންގެ ދެމެދުގައި ދައްކަމުން އަންނަނީ ފޯނުން ގުޅައިގެންނެވެ.

ގިނަ އަދަދަކަށް އެކްޝަން މަންޒަރުތައް ހިމެނޭ މި ފިލްމުގެ މުހިންމު ރޯލުތަކުން ބޮލީވުޑްގެ ތަރިންގެ ތެރެއިން ނީލް ނިތިން މުކޭޝް އާއި ޗަންކީ ޕާންޑޭ އަދި މަންދިރާ ބޭދީ އާއި ޖެކީ ޝްރޮފްގެ އިތުރުން މަހޭޝް މަންޖަރިކާ ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ހައިދަރްއާބާދް އާއި މުމްބައިގެ އިތުރުް އަބޫދާބީ އާއި ރޮމޭނިއާގަ އެވެ.

އެންމެ ފުރަތަމަ މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހަޅާފައިވަނީ ޕްރަބާސް އާއެކު "ބާހުބަލީ" ގައި ފެނިގެންދިޔަ އަނުޝްކާ ޝެޓީ އެވެ. ނަމަވެސް އޭނާ މާބޮޑަށް ފަލަވުމުން ހިކެން ފިލްމު އުފައްދާ ފަރާތުން ދިން މުއްދަތުގެ ތެރޭގައި ނުހިކުމުން ވަނީ އެ ރޯލު ގެއްލިފަ އެވެ.

ޝްރަދާ އަށް މި ފިލްމު ލިބުމުގެ ކުރިން ވަނީ ސޯނަމް ކަޕޫރަށާއި ދިޝާ ޕަޓާނީ އަށް ވެސް ބަތަލާގެ ރޯލު ހުށަހަޅާފަ އެވެ.

ޝްރަދާގެ ފިލްމީ ކެރިއަރުގެ ފެށުން ރަނގަޅު ނޫނަސް އޭނާ އަކީ މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ކުޅަދާނަ ބަތަލާއިންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ދެން އެންމެ އަވަހަށް ރިލީޒްވާ ޝްރަދާގެ ފިލްމަކީ އޭނާގެ ކެރިއަރުގައި ކުޅެފައިވާ އެންމެ ތަފާތު ފިލްމެވެ. "ހަސީނާ" އަކީ އިންޑިއާގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ ދާއޫދް އިބްރާހީމްގެ ކޮއްކޮ، އަދި ކުށުގެ ދުނިޔޭގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ހަސީނާ ޕާކަރްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.