ހަބަރު

ޔާމީންގެ މަރުގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދަނީ

އަނިޔާވެރިގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ދައުލަތުން ހަތް މީހެއްގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު މެންދުރު 2:00 ގަ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ، ޕީޖީގެ އެދުމުގެ މަތިން އެ ޝަރީއަތުގެ އަޑުއެހުން ސިއްރުން ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. ޔާމީން މަރާލި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރަނީ މ. ތާއިފް، އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއިލެވެ.

އެ މީހުންނާ އެކު އެ މައްސަަލައިގައި ފުލުހުން ޖުމްލަ ހަތް މީހަކު ހައްޔަރު ކުރި އެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެންމެންގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާ އުފުލިފަ އެވެ.

ރަހުމު ކުޑަ ގޮތަކަށް ޔާމީން އޭނާ ދިރިއުޅޭ ގޭ ސިޑިގޮޅީގައި މަރާލާފައި ވަނީ މިދިޔަ އޭޕްރިލް 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާގެ ގައިގެ 24 ތަނަށް ވަނީ ވަޅި ހަރާފަ އެވެ. ފުލުހުން ބުނެފައި ވަނީ ޔާމީން މަރާލީ ދީނީ ގޮތުން ހައްދު ފަހަނަ އެޅި ފިކުރުމުގެ ބަޔަކު ކަމަށާއި އެ މީހުން ޔާމީން ދެކެ ރުޅި އައީ އޭނާ ދީނަށް ފުރައްސާރަ ކުރާތީ ކަމަށް ބުނެ އެވެ.